އުރީދޫ މޯލްޑިވްސް އިން ބާއްވަމުން އަންނަ “އުރީދޫ ފަން ރަން” ގެ މި އަހަރުގެ އެޑިޝަން އައްޑޫގައި ބާއްވަން ނިންމައިފިއެވެ.
މިކަން އިއުލާންކޮށްފައިވަނީ އުރީދު އަށް 20 އަހަރު ފުރުމާ ގުޅުވައި ‘ލިވް އަންލިމިޓެޑް’ ކެމްޕެއިން ލޯންޗުކުރުމަށް އެ ކުންފުނީގެ މައި އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައެވެ.
“އުރީދޫ ފަން ރަން 2025” އައްޑޫގައި ބާއްވަން ނިންމާފައި ވަނީ އައްޑޫ ސިޓީ ކައުންސިލާ ގުޅިގެން އަންނަ ޖޫން މަހުގެ 27 ވަނަ ދުވަހުގައެވެ. އުރީދޫ އިން ބުނީ މި އިވެންޓާ ގުޅޭ އިތުރު މައުލޫމާތާއި ބައިވެރިވުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވައިލާނެ ކަމަށެވެ.
އުރީދޫ މޯލްޑިވްސްގެ 20 ވަނަ އަހަރީ ދުވަސް “ލިވް އަންލިމިޓެޑް” ގެ ނަމުގައި ފާހަގަކުރާއިރު، އެޕަލް ވޮޗަށް އުރީދޫން ފުރަތަމަ ފަހަރަށް އީސިމްގެ ހިދުމަތް ވަނީ ތައާރަފުކޮށްފައެވެ. އަދި އުރީދޫގެ ސުޕަނެޓާއެކު ބޭނުންކުރެވޭ ސްމާޓް ހޯމް ސެކިއުރިޓީ ބަންޑަލެއް ތައާރަފްކޮށްފައިވެއެވެ.