English Edition
Dhivehi Edition

އެއްމަސް ދުވަހު ގެ ބޮޑު ޗުއްޓީއަކަށްފަހު މިއަހަރުގެ ދިރާސީ އައު އަހަރުގެ ކިޔެވުން މިއަދު ފަށައިފިއެވެ.

ނުވަދިހަ ހާހެއްހައި ދަރިވަރުންނާއެކު ދިރާސީ އައު އަހަރުގެ ކިޔެވުން ފަށާފައިވާއިރު އާ އަހަރަށް ސްކޫލްތަކުން ވަނީ ފުރިހަމަ އަށް ތައްޔާރުވެ ދަރިވަރުންނަށް ހޫނު މަރުހަބާއެއް ކިޔާފައެވެ.

ތަޢުލީމީ ވުޒާރާއިން ވިދާޅުވެފައިވަނީ މި އަހަރު މާލޭ ސަރަޙައްދުގެ ގްރޭޑް 1 އަށް 2000 އަށްވުރެ ގިނަ ދަރިވަރުން އަލަށް ވައްދާފައިވާކަމަށެވެ. އަދި މިއަހަރު މުޅި ރާއްޖެއިން 5000އަށް ވުރެ ގިނަ ކުދިން ގްރޭޑް 1 އަށް ވަނީ ވައްދާފައިވާ ކަމަށެވެ. މިއަހަރު ސަރުކާރުގެ 217 ސްކޫލްއެއްގައި 84000އެއްހައި ދަރިވަރުން ކިޔަވަމުންދާ ވުޒާރާއިން ބުނެއެވެ.

ތައުލީމީ ވުޒާރާގެ ވަޒީރު ޑރ. އިސްމާއީލް ޝަފީއު ރޭ ވިދާޅުވީ ދިރާސީ އައު އަހަރަށް ރަނގަޅަށް ތައްޔާރުވެވި، މިއިން ޒަމާނަކު ވެސް ނުވާހައި މިންވަރަށް، ޓީޗަރުންގެ ދަތިކަމުގެ މައްސަލަ ހައްލު ކުރެވިފައިވާ ކަމަށެވެ.

މިއަހަރު 11000 މުދައްރިސުން ހަރަކާތްތެރިވާއިރު ސަރުކާރުގެ ސްކޫލްތަކުގައި 10000 މުދައްރިސުން މަސައްކަތް ކުރަމުންދާނެއެވެ. މުޅި ތަޢުލީމީ ދާއިރާއަށް ބަލާއިރު އެއީ ކޮންމެ 8 ކުއްޖަކަށް މުދައްރިސެކެވެ.

ދިރާސީ އައު އަހަރުގެ ކިޔެވުން ފެށިއިރު ދަރިވަރުންނަށް ބޭނުންވާ ފޮތްތަކާއި، މުދައްރިސުން އަދި ސްކޫލަށް ބޭނުންވާ އަސާސީ އެންމެހައި ކަންކަން ހަމަވެފައިވާނެކަން ތަޢުލީމީ ވުޒާރާއިން ވިދާޅުވެއެވެ.

އަލަށް މި ފެށުނު ދިރާސީ އައު އަހަރުގެ ކިޔެވުންނިންމާ ދަރިވަރުން އަހަރީ ޗުއްޓީއަށް ދާނީ ޑިސެމްބަރު 28 ވަނަ ދުވަހުއެވެ.