ދުންފަތުގެ ‘ޖެނެރޭޝަން ބޭން’އެއް ކަނޑައެޅުމަށް ކެބިނެޓުން ފާސްކުރި ސިޔާސަތު ތަންފީޒު ކުރުމަށް ގާނޫނަށް ގެންނަން ޖެހޭ ބަދަލު ހިމަނައިގެން ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނު އިސްލާހު ކުރުމަށް ސަރުކާރުގެ ފަރާތުން ހުށަހެޅި ބިލު މަޖިލީހުން ފާސްކޮށްފިއެވެ.
މިދިޔަ މަހު 13ގައި ކެބިނެޓުން ނިންމި ނިންމުމާ އެކު 2007 އިން ފެށިގެން އުފަންވެފައިވާ މީހުންނަށް ދުންފަތް ބޭނުން ކުރުމާއި ވިއްކުން މަނާ ކުރާ ގޮތަށް ގަވައިދަށް އިސްލާހު ގެނެސް މި ބިލުގެ މަސައްކަތް އަވަސް ކުރުމުގެ ގޮތުން އެކުލަވާލި ވަގުތީ ކޮމިޓީން މިދިޔަ އާދިއްތަ ދުވަހު ވަނީ ބިލުގެ މަސައްކަތް ނިންމާ މަޖިލީހުގެ ތަޅުމަށް ފޮނުވާފައެވެ.
މިއަދުގެ މަޖިލިސް ޖަލްސާގައި ކޮމިޓީގެ ރިޕޯޓު ހުށަހެޅުމުން ތަޅުމުން ވެސް ނިންމީ އިތުރު ބަދަލެއް ނުގެނެސް ކޮމިޓީން ނިންމި ގޮތަށް ފާސް ކުުރުމަށެވެ. އެގޮތުން: ބިލު ފާސްވެފައި ވަނީ 63 މެންބަރުންގެ ވޯޓާ އެކުގައެވެ،
ބިލާ އެއްކޮޅަށް ވޯޓު ދިން މެންބަރުންގެ ތެރޭގައި އެމްޑީޕީގެ ބައެއް މެންބަރުންވެސް ހިމެނެއެވެ.