English Edition
Dhivehi Edition
ފޮޓޯ: އެމްއޭސީއެލް

ޢުމްރާގެ އަޅުކަމަށްފަހު އަންނަ ފަރާތްތަކުން ރޯގާޖެހި ބޮޑުވަރުވާނަމަ ލަސްނުކޮށް ޑޮކްޓަރަށް ދައްކުމަށް ހެލްތް ޕްރޮޓެކްޝަން އޮތޯރިޓީ އެޗްޕީއޭއިން އިލްތިމާސްކޮށްފިއެވެ.

މި އަހަރުގެ ރަމަޟާން މަހު ވެސް ރާއްޖެއިން ގިނަ ބަޔަކު ވަނީ އުމްރާގެ އަޅުކަން އަދާކުރުމަށް ގޮސްފައެވެ. ޢާއްމުގޮތެއްގައި ޙައްޖާއި ޢުމްރާގެ އަޅުކަމަށްފަހު އަންނަ މީހުންނަށް ރޯގާ ޖެހެއެވެ. އެހެންކަމުން އެފަރަތްތަކުން ސަމާލުކަންދޭންވީ ކަންކަން އެޗްޕީއޭއިން މިހާރު ހަނދާންކޮށްދެއްވާފައެވެ.

އެޗްޕީއޭއިން ވަނީ ޢުމްރާއަށްފަހު އަންނަ މީހުން އަރިދަފުސް ރޯގާޖެހި ކެއްސާ، ކިނބިހި އަޅާއިރު އަނގައާއި ނޭފަތް ނިވާކުރުމަށް އިލްތިމާސްކުރައްވާފައެވެ. އަދި ޓިޝޫފަދަ ތަކެތި ބޭނުންކުރުމަށްފަހު ރައްކާތެރި ގޮތުގައި އެތަކެތި ނައްތާލުމަށާއި ސައިބޯނި ލައިގެން ގިނައިން އަތް ދޮވުމަށް ވެސް ވަނީ އިލްތިމާސްކުރައްވާފައެވެ.

ޢުމްރާއިން އެނބުރި އަންނަތާ 14 ދުވަހުގެ ތެރޭގައި ހުން އައިސް ކެއްސައި ނޭވާލާން އުނދަގޫވެ މޭގައި ރިއްސުންފަދަ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށް އެޗްޕީއޭއިން ވަނީ އެދިފައެވެ. އަދި ރޯގާ ނޫން އެހެން ބައްޔެއްގެ އަލާމާތެއް ފެންނަނަމަވެސް ޑޮކްޓަރަށް ދެއްކުމަށްވެސް އެޗްޕީއޭއިން އިލްތިމާސްކުރައްވައެވެ.

މި ރަމަޟާން މަހު ފަހު ދިހައެއްގައި ޢުމްރާގެ އަޅުކަން އަދާކުރުމަށް ޙައްޖު ކޯޕަރޭޝަންގެ ހަވާލުގައި ޖުމްލަ 577 މީހުން ޢުމްރާއަށް ދިޔައެވެ. ހައްޖު ކޯޕަރޭޝަން އިތުރުން، އަމިއްލަ ކުންފުނިތަކުގެ ހަވަލުގައިވެސް އެތައް ބަޔަކު ރަމަޟާންމަހު ޢުމްރާގެ އަޅުކަމަށް ދިޔައެވެ. އަދި ޢުމްރާގެ މަތިވެރި އަޅުކަމަށްފަހު ޢުމްރާވެރިން މިހާރު ވަނީ ރާއްޖެ އަންނަން ފަށާފައެވެ.

ޢުމްރާގެ އަޅުކަމަށްފަހު އުމްރާވެރިން ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ މި މަހު 4، 5 އަދި 7 ވަނަ ދުވަހުގަ އެވެ.