English Edition
Dhivehi Edition
މަޖިލިހުގެ ހުޅުމާލެ ދެކުނު ދާއިރާގެ އެމްޑީޕީ މެމްބަރު ޑރ. އަހުމަދު ޝަމްހީދު

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އިދިކޮޅު އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވާނެ ބޭފުޅަކު ހޮވުމަށް ބާއްވާ ޕްރައިމަރީގައި ވާދަކުރައްވަން ރައްޔިތުންގެ މަޖިލިހުގެ ހުޅުމާލެ ދެކުނު ދާއިރާގެ އެމްޑީޕީ މެމްބަރު ޑރ. އަހުމަދު ޝަމްހީދު ޝައުގުވެރިކަން ފާޅުކުރައްވައިފިއެވެ.

އެ ޕާޓީގެ ބައެއް މެމްބަރުންނަށް ޝަމްހީދު ފޮނުއްވި މެސެޖުގައި ވަނީ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ޕާޓީގެ ޓިކެޓު ލިބިވަޑައިގަންނަވާ ކެންޑިޑޭޓަކު ހޮވުމަށް ބާއްވާ ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތުތައް ހޯދުމަށް ބައްދަލުވުންތަކެއް ބާއްވަން ވިސްނަމުން އަންނަ ކަމަށެވެ.

ކުރީގެ ރައީސް ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކުގެ ވެރިކަމުގައި ޑރ. ޝަމްހީދު ވަނީ ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި ޓްރާންސްޕޯޓު މިނިސްޓަރުކަން ކުރައްވާފައެވެ. ނަމަވެސް، ފަހުން އެމްޑީޕީއާ ގުޅިވަޑައިގެން އެ ޕާޓީގެ ޓިކެޓުގައި މި ހިނގާ 20 ވަނަ މަޖިލީހަށް ވާދަކުރައްވާ، އޭނާ ވަނީ ކާމިޔާބު ހޯއްދަވާފައެވެ.

ޝަމްހީދު ވަނީ ރިޔާސީ ޓިކެޓް ހޯދުމަށް އަޅާ “ފުރަތަމަ ފިޔަވަޅަށް” އެ ބޭފުޅުންގެ ތާއިދަށް އޭނާ ވަނީ އެދިވަޑައިގެންފަ އެވެ.

އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ޝައުގުވެރިވެގެން މިހާތަނަށް އިއުލާނުކުރެއްވީ ނިމިދިޔަ ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު އަދި ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލެވެ. އޭނާ އެކަން ހާމަކުރެއްވީ ޕާޓީގެ ގައުމީ މަޖިލީހުގެ ވަޓްސް ގްރޫޕަށް ފޮނުއްވި މެސެޖުގައެވެ.

އެމްޑީޕީ ޕްރައިމަރީގައި ވާދަކުރައްވަން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްވެސް ވަނީ ނިންމާވަފައެެވެ.

ރައީސް ސޯލިޙް ވިދާޅުވެފައިވަނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވުމަށް “ހަތަރު ފަސް” މެމްބަރަކު މިހާރު ވެސް ޝައުގުވެރިކަން ފާޅުކުރައްވާފައިވާކަމަށެވެ. އަދި އެއީ ވަރަށް ރަނގަޅު ކަމެއްގެ ގޮތުގައި ސިފަ ކުރައްވައި، އެ މަނިކުފާނު ވިދާޅުވީ ވާދަވެރި އެތެރޭގެ އިންތިހާބެއް ކުރިއަށް ގެންދިއުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށެވެ.