English Edition
Dhivehi Edition

އިނގިރޭސިވިލާތުގައި ކިޔަވަމުންދާ ދަރިވަރުންގެ އެކޮމޮޑޭޝަން ބްލޮކެއްގެ ގޮތުގައި ބޭނުންކުރަމުންދިޔަ “ނަމްބަރ 9 ރޯޒްމަންޓް އެވެނިއު” ޢިމާރާތް އަލުން ކުދިންގެ އެކި ބޭނުންތަކަށް ބޭނުންކުރެވޭނެ ޢިމާރާތެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހަމަޖައްސަވައިފިއެވެ.

ޒަމާނުއްސުރެ، އިނގިރޭސިވިލާތުގައި ކިޔަވާ ދިވެހި ދަރިވަރުން ދިރިއުޅުމަށާއި، ނާދީއެއްގެ ގޮތުގައި ބޭނުންކުރަމުންއައި މި ޢިމާރާތް ދުވަސްކޮޅަކަށް، އިނގިރޭސިވިލާތުގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަނުގެ ބޭނުމަށް ވަނީ ނަގާފައެވެ. އެހެންނަމަވެސް، މިއަދުން ފެށިގެން، އެ ޢިމާރާތް ވަނީ، އެމް.އެސް.އޭ- ޔޫ.ކޭ އާ ރަސްމީގޮތުން ހަވާލުކުރައްވާފައެވެ.

މިއީ އެޤައުމުގައި ކިޔަވަމުންދާ ދަރިވަރުންގެ ހިތްހަމަޖެހުމާއި އެކުދިންގެ ދުޅަހެޔޮކަން ކަށަވަރުކޮށް އެޤައުމުގައި ކިޔަވަމުންދާ ދިވެހި ދަރިވަރުންގެ އިޖުތިމާޢީ ގުޅުންތައް ބަދަހިކުރުމަށް ރައީސުލްޖުމްހޫރިއްޔާ އެޅުއްވި މުހިއްމު ފިޔަވަޅެއްކަމަށް ސަރުކާރުން ވިދާޅުވެއެވެ.

ރައީސުލްޖުމްހޫރިއްޔާ އިނގިރޭސިވިލާތަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ވަނީ އެޤައުމުގައި ކިޔަވަމުންދާ ދިވެހި ދަރިވަރުންނާއި ބައްދަލުކުރައްވާފައެވެ.

މިބައްދަލުކުރެއްވުމުގައި ދަރިވަރުންނަށް ކުރިމަތިވަމުންދާ އެކި ދަތިތައް އަޑުއައްސަވާ އެކަމާގުޅޭގޮތުން ވަނީ އޮޅުންފިލުއްވާފައެވެ. އަދި ދަރިވަރުންނަށް ކުރިމަތިވަމުންދާ ދަތިތައް ހައްލުކުރުމަށް ސަރުކާރުން މަސައްކަތްކޮށްދެއްވާނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާވަނީ ދަރިވަރުންނަށް އަރުއްވާފައެވެ.