English Edition
Dhivehi Edition

އދ.ގެ ކޮމިޝަން އޮން ދަ ސްޓޭޓަސް އޮފް ވިމެންގެ މެމްބަރުކަމަށް ފުރަތަމަ ފަހަރަށް ދިވެހިރާއްޖެ އިންތިޚާބު ވެއްޖެއެވެ.

އދ.ގެ އިކޮނޮމިކް އެންޑް ސޯޝަލް ކައުންސިލްގެ ދަށުން އުފައްދާފައި އޮންނަ، ކޮމިޝަން އޮން ދަ ސްޓޭޓަސް އޮފް ވިމެން (ސީއެސްޑަބްލިޔޫ) އަށް ރާއްޖެ ރާއްޖެ އިންތިހާބުވެފައިވަނީ ކޮމިޝަންގެ 2026 އިން ފެށިގެން 2030 އަށް ކުރިއަށް ދާނެ ދައުރަށެވެ.

އިކޮސޮކްގައި މިއަދު ބޭއްވި އިންތިހާބު ރާއްޖޭން ކާމިޔާބުކޮށްފައިވާއިރު، މިއީ އަންހެނުންގެ ކޮމިޝަނުގައި ރާއްޖެ ތަމްސީލްކުރާނެ ފުރަތަމަ ފަހަރެވެ.

ކޮމިޝަން އޮން ދަ ސްޓޭޓަސް އޮފް ވިމެންއަކީ މިންތީގެ ހަމަހަމަކަމާއި އަންހެނުންގެ ހައްޤުތަކާއި އަންހެނުންގެ ކުރިއެރުވުމަށް އެއްބާރުލުންދިނުމުގެ ގޮތުން އުފައްދާފައިވާ މައިގަނޑު ބައިނަލްއަޤްވާމީ ކޮމިޝަނެވެ. މި ކޮމިޝަން އުފައްދާފައިވަނީ 1946 ވަނަ އަހަރުގެ ޖޫން މަހު އދ. ގެ އިކޮނޮމިކް އެންޑް ސޯޝަލް ކައުންސިލްގައި ފާސްކުރި ޤަރާރަކުންނެވެ.

މި ކާމިޔާބީއާއި ގުޅިގެން ޚާރިޖީ ވުޒާރާއިން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، މި ކާމިޔާބީ ރަމްޒުކޮށްދެނީ މިންތީގެ ހަމަހަމަކަމަށާއި އަންހެނުން ބާރުވެރި ކުރުމަށް ރާއްޖެއިން ދެމުންދާ އަހަންމިއްޔަތުކަންކަމަށެވެ. ރާއްޖޭގެ އިތުރުން ކޮމިޝަންގެ އައު ދައުރަށް ޤަތަރު، ޖަޕާން، ޗައިނާ އަދި މޮންގޯލިއާވަނީ ހޮވިފައެވެ.

މި ކޮމިޝަނަކީ ސިޔާސީ، އިޤްތިޞާދީ، އިޖްތިމާޢީ އަދި ތަޢުލީމީ ދާއިރާތަކުގައި އަންހެނުންގެ ޙައްޤުތައް ކުރިއެރުވުގެ މަޤުޞަދުގައި އުފައްދާފައިވާ ކޮމިޝަނެކެވެ.

މިއީ އަންހެނުންގެ ހައްގުތައް ކުރިއެރުވުމަށާއި ބާރުވެރިކުރުމުގެ އަޒުމުގައި އެޅި ވަރުގަދަ ފިޔަވަޅެއް ކަމަށާއި މި ކޮމިޝަނަށް އިންތިހާބުވުމާއެކު މި ދާއިރާއިން ރާއްޖޭގެ އަޑު އިތުރަށް ގަދަ ވެގެން ދާނެ ކަމަށް އެ ކޮމިޝަނުން ބުނެފައިވެ އެވެ.

ކޮމިޝަން އޮން ދަ ސްޓޭޓަސް އޮފް ވިމެންގެ އެކުލެވިގެން ވަނީ ސަރަޙައްދީގޮތުން ހަމަހަމައަށް ޤައުމުތައް ތަމްސީލުކުރުމުގެ އުސޫލުގެ މައްޗަށް ބިނާކޮށް އިންތިޚާބުކުރެވޭ އދ.ގެ 45 މެމްބަރު ޤައުމުގެ މައްޗަށެވެ. އެއީ އެފްރިކާ ޤައުމުތަކުން 13 މެމްބަރުން, އޭޝިއާ-ޕެސިފިކް ޤައުމުތަކުން 11 މެމްބަރުން, އިރުމަތީ ޔޫރަޕުގެ ޤައުމުތަކުން 4 މެމްބަރުން, ލެޓިން އެމެރިކާ އަދި ކެރީބިއަން ޤައުމުތަކުން 9 މެމްބަރުން, އަދި ހުޅަނގު ޔޫރަޕު އަދި އެހެނިހެން ޤައުމުތަކުން 8 މެމްބަރުންނެވެ. މެމްބަރުކަމުގެ މުއްދަތަކީ 1 ޖަނަވަރީން ފެށިގެން 31 ޑިސެމްބަރުގެ ނިޔަލަށް ނިމޭގޮތަށް 4 އަހަރު ދުވަހެވެ.