ފުލުހަކު ޑިއުޓީ ފްރީއިން ސިނގިރޭޓު ކާޓަންތަކެއް ވަގަށް ބޭރުކުރަން އުޅުނު މައްސަލައެއް ފެންމަތިވެއްޖެއެވެ.
ކަސްޓަމްސް އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ އެއާޕޯޓުގެ ޑިޕާޗާ ޓާމިނަލުން ނެރެގެން ގެންދަން އުޅުނު ޑަސްބިން ކޮތަޅުތަކެއް ޗެކުކުރިއިރު އޭގައި ސިނގިރޭޓް ކާޓަންތަކެއް ފެނުނު މައްސަލަ ބަލަމުން އަންނަ ކަމަށެވެ
މި މައްސަލައިގައި މިހާތަނަށް ކަސްޓަމްސްގެ ބަހެއް ލިބިފައި ނުވާތީ އަތުލައިގަތީ ކިތައް ކާޓަން ކަމެއް އެނގިފައެއް ނުވެއެވެ.
އެނގިފައިވާ ގޮތުގައި މިތަކެތި އެއާޕޯޓުން ބޭރުކުރަން އުޅުނީ ފުލުހެކެވެ. އެ މައްސަލާގައި ފުލުހުން އެދިފައި ވަނީ ކަސްޓަމްސް މެދުވެރިކޮށް މައުލޫމާތު ހޯދާށެވެ.
މިފަހުން ވެސް ކަސްޓަމްސް އިން ވަނީ ފުލުހުންނާ ގުޅިގެން ދެ ބޮންޑެޑް ވެއާހައުސްއަކުން ގަވައިދާ ޚިލާފަށް ޖުމުލަ 955 ކޭސް ސިނގިރޭޓު ނެރުނު މައްސަލައެއް ތަހުގީގުކުރަން ފަށައިފައެވެ.
ރާއްޖޭގައި ވޭޕް އެތެރެކުރުމާއި ބޭނުން ކުރުން މަނާކޮށް ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ގާނޫނަށް މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ވަނީ އިސްލާހު ގެނެސްފަ އެވެ.
އެ އިސްލާހާ ހަވާލާދީ، ބިޑި އަދި ސުއްޓާ ފަދަ ދުންފަތުގެ ބާވަތްތައް އަމިއްލަ އަށް އުފައްދަން ބޭނުންކުރާ އެއްވެސް އެއްޗެއް ރާއްޖެ އެތެރެ ނުކުރެވޭނެ އެވެ.