ރާއްޖެ ޓީވީގެ “ކާލާބައިސާ” ޕްރޮގްރާމުގައި އޯޓިޒަމް ކުދިންނާ ގުޅޭގޮތުން ދެއްކި ވާހަކަތަކަށް އެ ޓީވީ ސްޓޭޝަނުން މާފަށް އެދިއްޖެ އެވެ.
ލައިވްކޮށް އެ ޗެނަލުން ދެއްކި ޕްރޮގްރާމުގައި ރައީސް ޑރ. މުޙައްމަދު މުއިއްޒަށް ފާޑުކިޔުމަށް، އޯޓިސްޓިކް ކުދިންނަށް ކުޑައިމީސްވާ ފަދަ މޭރުމަކުން ވަނީ ވާހަކަދައްކާފައެވެ.
ސިޔާސީ ކަންކަމަށް ފާޑުކިޔަމުން އޯޓިސްޓިކް ކުދިންނާ ގުޅުވައި އެ ކުދިންނަށް ފުރައްސާރަވާ ގޮތަށް ޖޯކު ޖެހި މައްސަލާގައި ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެެވެ.
އެ މައްސަލާގައި ރާއްޖެ ޓީވީން ނެރުނު ބަޔާނެއްގައި ބުނީ ލައިވްކޮށް ގެނެސްދިން ޕްރޮގްރާމެއްގައި މެހެމާނުންގެ ގޮތުގައި ބައިވެރިވި ބޭފުޅުން، ރައީސްއަށް ނިސްބަތް ކުރައްވާ، “މީނާއަކީ މިއީ އަސްލު އޯޓިސްޓިކް ގޮތެއް ހުންނަހެން ހީވަނީ، މި އޮޕަރޭޓްކުރާ އޯޓިސްޓިކް އެކަންޏެއް ނޫން. ޑައުންސިންޑްރޮމް ވެސް ހުންނަހެން ހީވަނީ.” އެ އިބާރާތް ބޭނުންކޮށްފައިވާ ކަމަށެވެ.
އެ އިބާރާތާ ގުޅިގެން އެއީ އޯޓިޒަމް ކުދިންނަށް ނިކަމެތި ކަމެއް އަންނަ ގޮތަށް ދެކެވުނު ވާހަކަތަކެއް ކަމަށް ބުނެ، ކަންބޮޑުވުން ފާޅުކުރަމުންދާތީ، އޭގެ ސަބަބުން އޯޓިޒަމް ކުދިންނަށް ނިކަމެތި ކަމެއް އަންނަ ކަމަށް އެއްވެސް ބަޔަކަށް ގަބޫލުކުރެވޭނަމަ މާފަށް އެދޭ ކަމަށް ބަޔާނުގައިވެ އެވެ.
އެކަމާ ގުޅިގެން ބްރޯޑްކާސްޓް ކޮމިޝަނުން ވެސް ވަނީ ބަޔާނެއް ނެރެފައެވެ. އެ ކޮމިޝަނުގެ ބަޔާނުގައި ބުނެފައިވަނީ ، ދިވެހިރާއްޖެ ގާނޫނު އަސާސީގެ 35ވަނަ މާއްދާގައި ބުނާ “ކުޑަކުދީންނާއި ޅަފުރައިގެ ކުދީންނާ އުމުރުން ދުވަސްވީ މީހުންނާއި ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ލިބޭ ޚާއްސަ ރައްކާތެރިކަން” އަދި ބްރޯޑްކާސްޓުކުރުމުގެ ގާނޫނުގެ 37 ވަނަ މާއްދާގެ ދަށުން އެކުލަވާލާފައިވާ ކޯޑް އޮފް ޕްރެކްޓިސްތަކާ ގައިޑްލައިންތަކާ ޚިލާފުވާ ކޮންޓެންޓު ބްރޯޑްކާސްޓު ކުރުމުގެ މައުލޫމާތު އެ ކޮމިޝަނަށް ލިބިފައިވާ ކަމަށެވެ.
އެގޮތުން، އެ ފަދަ ކޮންޓެންޓު ތަހުގީގުކޮށް، އެކަން ރަނގަޅު ކުރަން ޖެހޭ ހުރިހާ ކަމެއް ކުރުމުގެ ފުރިހަމަ އިހުތިޞާސް ކޮމިޝަނަށް ލިބިފައިވާ ކަމަށާއި ކޮމިޝަންގެ ސަމާލުކަމަށް އަންނަ އަދި ހުށަހެޅޭ މިފަދަ ކޮންޓެންޓު ބަލައި ގާނޫނުން ޖާގަ ދޭ އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފައެވެ.
މީގެ އިތުރުން ހިއުމަން ރައިޓްސް ކޮމިޝަނުން ވެސް ވަނީ މި މައްސަލަ ކުށްވެރިކޮށްފައެވެ.
ޕްރެޒެންޓަރު ހުސައިން ރަމީޒު ހުށަހަޅައިދިން އެ ޕްރޮގްރާމްގައި ވާހަކަ ދެއްކީ ކުރީގެ ކާނަލް އަހުމަދު ފަޔާޒް އަލީ (ޕާޕާ ފަޔާޒް) އާއި ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) އެވެ.