English Edition
Dhivehi Edition

މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށް ބިދޭސީން އަތުން ނާޖާއިޒު ފައިދާ ނެގިކަމަށް ތުހުމަތުކޮށް ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން މުހައްމަދު ޝަމްއާން ވަހީދު މަގާމުން ވަކިކޮށްފި އެވެ.

އޭނާ މަގާމުން ވަކިކުރިއިރު ފުލުހުން ވަނީ، މޯލްޑިވްސް އިމިގްރޭޝަންގެ ބައެއް މުވައްޒަފުން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ބިދޭސީންގެ އަތުން ނާޖާއިޒް މަންފާ ހޯދަމުން އަންނަކަމުގެ ކޮރަޕްޝަން މައްސަލައެއް ތަހުގީގުކުރަން ފަށައިފައިވާ ކަމަށް ބުނެފައެވެ.

އިމިގްރޭޝަނުގައި 14 އަހަރު މަސައްކަތް ކުރެއްވި ޝައްމާނަށް އިމިގްރޭޝަން ކޮންޓްރޯލަރުކަން ދެއްވީ މި ސަރުކާރު ވެރިކަމަށް އައިސް ނޮވެމްބަރު 19، 2023ގަ އެވެ. އޭރު އޭނާ ހުރީ މައްސަލައެއްގައި އިމިގްރޭޝަންގެ އޮފިސަރުކަމުން ވަކިކޮށްފަ އެވެ. އެ މައްސަލައިގައި ޝަމްއާން ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ވެސް މައްސަލަ ހުށަހަޅައިފައިވެއެވެ.

އިމިގްރޭޝަން ކޮންޓްރޯލަރުކަމުގައި ހުންނަވައިގެން ނުގަވައިދުން އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރަން ދޮޅު އަހަރެއްހައި ޝަމްއާން ވަނީ ގިނަ މަސައްކަތް ތަކެއް ކޮށްފައެވެ.