މާލޭގެ ގެއެއް ބަލައިފާސްކޮށް، އެ ތަނުގައި ނުގަވައިދުން އުޅެމުންދިޔަ 32 ބިދޭސީއެއް އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
“އިމިގްރޭޝަން ވޮޗް” އަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން މިދިޔަ ބުދަ ދުވަހުގެ ރޭ ހިންގި އޮޕަރޭޝަނެއް ގައި ބަލައިފާސްކުރީ މއ. ހިތިލާގެ-2 އެވެ. މި ގޭގައި ޖުމްލަ 76 ބިދޭސީން ދިރިއުޅެމުން ދިޔައެވެ. ގެއަކީ 4 ފަންގިފިލާގެ ޑެގު އަޅައިގެން ހަދާފައިވާ އިމާރާތެކެވެ.
އެ އިދާރާއިން ބުނީ އެ ގެއިން އާންމުކޮށް ގަނޑުކުރި މަހާއި ތަރުކާރީއާއި އެހެނިހެން ކާނާގެ ބާވަތްތައް ސަޕްލައިކުރާ މަންޒަރު އަބަދު ވެސް ފެންނަ ކަމަށެވެ. މީގެ އިތުރުން ގިނަ އަދަދެއްގެ ގޭސް ސިލިންޑަރު ވެސް އެ އިމާރާތަށް ގެންދާ ކަމަށާއި މެންދުރު ކާ ގަޑިއަށް ގިނަ އަދަދެއްގެ ބަތް ޕާރުސަލް ޑެލިވަކުރަން އެ އިމާރާތުން ގިނަ އަދަދެއްގެ މީހުން ނިކުންނަ މަންޒަރާއި ޑެލިވަރީކުރަން ގެންގުޅޭ ސައިކަލުތައް އިމާރާތުގެ ކައިރީގައި ހުންނަ ކަމަށް ވެސް އިމިގްރޭޝަނުން ބުންޏެވެ.
އަދި މިއީ ގިނަ އަދަދަކަށް އެއްފަހަރާ ކެއްކުމުގެ އިތުރުން، ގިނަ އަދަދެއްގެ ބިދޭސީންގެ ހުރުމުގެ އިންތިޒާމް ހަމަޖައްސާފައި ހުންނަ ތަނެއް ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.
މިތަނުން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދެވުނު 32 ބިދޭސީންގެ ތެރޭގައި ހިމެނެނީ ޞައްޙަ ވިސާ ނެތި އުޅެމުންދިޔަ މީހުންނާއި ވަޒީފާދިން ފަރާތަށް ފިލައިގެން އުޅެމުންދިޔަ މީހުންނެވެ.