English Edition
Dhivehi Edition

ފަލަކީ ހިސާބުތަކުން ދައްކާގޮތުގައި ރަމަޟާން މަހުގެ ފުރަތަމަ ދުވަހަކީ މާޗް 23 ކަމަށް, ކުރީގެ ރައީސް އަދި ފަލަކީ އިލްމުވެރިޔާ މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

މައުމޫންގެ ފަރާތުން އިއްޔެ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، ހިނގަމުންދާ ޝައުބާން މަސް ވާނީ ތިރީސް ދުވަހުގެ މަހަކަށް ކަމަށެވެ. އަދި ކަމާ ބެހޭ ހިސާބު އިލްމުވެރިން ކަށަވަރުކޮށްދޭ ގޮތުގައި، މި ޝައުބާން މަހުގެ 29 ވަނަ ދުވަހުގެ އިރުއޮއްސުމުގެ ކުރިން ދުނިޔޭގެ ހުރިހާ ހިސާބަކަށް ހަނދުއޮއްސޭނެ ކަމަށް ރައީސް މައުމޫން ވަނީ ވިދާޅުވެފައެވެ.

ރައީސް މައުމޫން ވިދާޅުވީ ހުރިހާ އިސްލާމީ ގައުމަކަށާއި، ރާއްޖެ ވަށައިގެންވާ އޭޝިޔާ އަދި އެފްރިކާގެ ހުރިހާ ގައުމަކަށްވެސް އެދުވަހުގެ އިރު އޮއްސުމުގެ ކުރިން ހަނދު އޮއްސެއެވެ. ރާއްޖެއަށް އެދުވަހު އިރު އޮއްސުމުގެ 9 މިނެޓު ކުރިން، ސައޫދީ އަރަބިއްޔާގެ މައްކާއަށް ވެސް 9 މިނެޓު ކުރިން، މިސްރަށް 10 މިނެޓު ކުރިން، އިންޑޮނީޝިޔާގެ ޖަކާޓާއަށް 11 މިނެޓު ކުރިން، ތުރުކީގެ އިސްތަންބޫލަށް 14 މިނެޓު ކުރިން، މޮރޮކޯގެ ރަބާތަށް 4 މިނެޓު ކުރިން ހަނދު އޮއްސޭ ކަމަށެވެ.

އަދި އެމަނިކުފާނު ބެއްލެވި ބެއްލެވުމުން އެނގުނު ގޮތުގައި، އެދުވަހު އިރުއޮއްސުމުގެ ފަހުން ހަނދު އޮއްސެނީ ހަމައެކަނި ދެކުނު އެފްރިކާގެ ކޭޕް ޓައުން ސަރަހައްދަށާއި، އާޖެންޓީނާގެ ބުއެނޮސް އެއާރީޒްގެ ސަރަހައްދަށެވެ.

އެހެންކަމުން، ވިދިގެން އަންނަ މާރިޗު މަހުގެ 22ވާ ބުދަ ދުވަހަކީ، ރަމަޟާން މަހުގެ އެއްވަނަ ދުވަސް ކަމުގައި ވާނީ ހަމަ އެކަނި އެ ދެ ސަރަހައްދަށެވެ. އެހެން ހުރިހާ ސަރަހައްދަކަށް އެދުވަސް ވާނީ ޝައުބާން މަހުގެ 30 ވަނަ ދުވަހަށެވެ. އަދި ރަމަޟާން މަހުގެ 1 ވާނީ މާރިޗު މަހުގެ 23ވާ ބުރާސްފަތި ދުވަހަށެވެ.

މިއީ ފަލަކީ ހިސާބުން ދައްކާ ގޮތް ކަމުގައި ކަމާބެހޭ މާހިރުން ބުނާ ގޮތް ކަމަށް، ރައީސް މައުމޫން ވިދާޅުވިއެވެ.