English Edition
Dhivehi Edition

ރާއްޖެއާއެކު ޒަމާނުއްސުރެއް ޤާއިމްވެފައިވާ ގާތް ގުޅުން ދެމެހެއްޓުމަށް އިންޑިޔާގެ އެއްބާރުލުން ރައީސް ޔާމީނުގެ ސަރުކާރަށް އަބަދުވެސް ލިބޭނެކަމަށް އެޤައުމުގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވިދާޅުވެއްޖެއެވެ.

މޯދީ މިފަދައިން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ މަންދޫބެއްގެ ހައިސިއްޔަތުން ރާއްޖޭގެ ފޮރިން މިނިސްޓަރ ޑރ. މުޙައްމަދު ޢާޞިމް އިންޑިއާއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި، އިންޑިޔާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީއާއެކު ބޭއްވެވި ބައްދަލުކުރެއްވުމެއްގައެވެ.

މި ބައްދަލުކުރެއްވުމުގައި ފޮރިން މިނިސްޓަރ ޑރ. މުޙައްމަދު ޢާޞިމާއި އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ، ދެ ޤައުމުގެ ދެމެދުގައި އުފެދިފައިވާ ގާތްގުޅުމާއި، މިގުޅުން އިތުރަށް ބަދަހިކުރުމާއި ގުޅޭގޮތުން ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ފޮރިން މިނިސްޓަރ ޑރ. މުޙައްމަދު ޢާޞިމް ވަނީ ރައީސް ޔާމީން ގެންގުޅުއްވާ “އިންޑިޔާ ފަސްޓް ޕޮލިސީ”ގެ ދަށުން ރާއްޖެއާއި އިންޑިއާއާއި ދެމެދު އުފެދިފައިވާ ތާރީޚީ ގުޅުން އިތުރަށް ބަދަހިކުރުމުގެ މުހިއްމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.

އަދި ދެޤައުމުގެ ދެމެދުގައި އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް ކުރަމުންދާ މަސައްކަތުގައި ރާއްޖެއިން އަބަދުވެސް އެއްބާރުލުން ދެއްވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ހަމައެހެންމެ ރާއްޖޭގެ އިޖްތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީއަށް އިންޑިއާއިން ދެއްވާ އެހީތެރިކަމާއި އެއްބާރުލުން ފާހަގަކުރައްވާ، ދިވެހި ސަރުކާރާއި ދިވެހި ރާއްޔިތުންގެ ނަމުގައި އިންޑިއާއަށް ހާއްސަ ޝުކުރެއް އެމަނިކުފާނު އަދާކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ ރާއްޖެއަކީ އިންޑިއާއާކު ގާތްގުޅުމެއް އަބަދުވެސް ބާއްވަމުން އަންނަ ޤައުމެއްކަން ފާހަގަކުރައްވާފައެވެ. އަދި މި ގުޅުން މިގޮތުގައި ދެމެހެއްޓުމަށްޓަކާއި ހުރިހާ ދާއިރާއަކުންވެސް އިންޑިއާ ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން ދެއްވިއެވެ.

ފޮރިން މިނިސްޓަރ ޑރ. މުޙައްމަދު ޢާޞިމްގެ މި ދަތުރުފުޅުގައި އިންޑިއާގެ ފޮރިން މިނިސްޓަރ ސުޝްމާ ސުވަރާޖާއިވެސް ބައްދަލުކުރައްވާ، ދެ ޤައުމުގެ ޚާރިޖީގުޅުން އިތުރަށް ބަދަހިކުރުމާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައިވެއެވެ. މީގެ އިތުރުން މިދަތުރުފުޅުގެ ތެރެއިން، ފޮރިން މިނިސްޓަރ ޑރ. މުޙައްމަދު ޢާޞިމްގެ އަރިހަށް އިންޑިއާގެ ފޮރިން ސެކްރެޓަރީ ޑރ. އެސް. ޖައިޝަންކަރ ވަނީ އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވާފައެވެ.

މިއީ ފޮރިން މިނިސްޓަރ ޑރ. މުޙައްމަދު ޢާޞިމް އަވަށްޓެރި އިންޑިއާއަށް ކުރައްވާ ދެވަނަ ރަސްމީ ދަތުރުފުޅެވެ. މިނިސްޓަރ މީގެކުރިން އިންޑިއާއަށް ވަޑައިގެންފައިވަނީ 2016 ވަނަ އަހަރުގެ އޯގަސްޓްމަހުގެ ތެރޭގައެވެ. އެއީ އެމަނިކުފާނު ފޮރިން މިނިސްޓަރުކަމުގެ މަޤާމާއި ހަވާލުވެވަޑައިގެންފަހުން، ރާއްޖެއިން ބޭރަށް ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅުކަންވެސް ފާހަގަކޮށްލެވެއެވެ.