English Edition
Dhivehi Edition

ދުނިޔޭގެ އެއްވަނަ ފިރިހެން ޓެނިސް ކުޅުންތެރިޔާ އިޓަލީގެ ޔަނިކް ސިނާ ތިން މަސް ދުވަހަށް ސަސްޕެންޑް ކޮށްފި އެވެ.

ނިމިގެންދިޔަ އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވާ އުމުރުން 23 އަހަރުގެ ސިނާ ސަސްޕެންޑް ކޮށްފައިވަނީ މިދިޔަ އަހަރު ހެދި ދެ ޑޯޕިން ޓެސްޓަކަށް އޭނާ ޕޮޒިޓިވް ވުމައި ގުޅިގެން ދުނިޔޭގެ އެންޓި ޑޯޕިން އެޖެންސީ (ވާޑާ) އިން އެ މައްސަލަ ބަލަން ފަށާފައި ދެ ފަރާތުގެ ދެމެދުގައި ބޭއްވި އަޑުއެހުންތަކަށް ފަހުގަ އެވެ.

ފެބްރުއަރީ މަހުގެ 9 ވަނަ ދުވަހު ސަސްޕެންޑް ކޮށްފައިވާ ސިނާއަށް ދެން ކުޅެން ފެށޭނީ މެއި މަހުގެ 4 ގެ ފަހުންނެވެ.

ވާޑާ އިން ސިނާގެ މައްސަލަ ބަލަން ފެށުމަށްފަހު ފުރަތަމަ ވަކާލާތު ކުރީ އޭނާ ދެ އަހަރު ދުވަހަށް ސަސްޕެންޑް ކުރުމަށެވެ. ނަމަވެސް ސިނާ ވަނީ އެއީ އޭނާ ގަސްތުގައި ކުރިކަމެއް ނޫން ކަމަށްބުނެފަ އެވެ.

އެންމެ ފުރަތަމަ އޭނާ ހެދި ދެ ޓެސްޓަށް ޕޮޒިޓިވް ވުމާއި ގުޅިގެން ދިން ޕްރޮވިޝަނަލް ސަސްޕެންޝަނަކީވެސް އޭނާ އެ މައްސަލަ ހިނގާފައިވާ ގޮތް ކިޔައިދިނުމުން ދީފައިވާ އަދަބެކެވެ.

ސިނާ ވަނީ މި މައްސަލަ އާއި ގުޅިގެން އޭނާގެ މެޑިކަލް ޓީމުގެ ބައެއް މެމްބަރުން އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތުގެ ކުރިން ވަކިކޮށްފަ އެވެ.

ސިނާ އަށް އައި ސަސްޕެންޝަނުގެ ސަބަބުން އޭނާއަށް ބޮޑު މުބާރާތެއް ނުގެއްލޭ އިރު މެއި މަހުގެ 19 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ ފްރެންޗް އޯޕަން ގައި އޭނާއަށް ވާދަކުރެވޭނެ އެވެ.