English Edition
Dhivehi Edition
ގއ. އަތޮޅު ވިލިނގިލި. ފޮޓޯ ޖަމްޝީދު

ގއ. އަތޮޅު ހޮސްޕިޓަލްގައި ހުރިސިއްޙީ ނިޒާމުގެ މައްސަލަތައް ރަނގަޅު ކުރުމަށް ގޮވާލައި މިއަދު ހަވީރު ކަޅުހެދުމުގައި ހޮސްޕިޓަލް ކުރިމަތީގައި ސުލްޙަވެރި އިހުތިޖާޖެއް ކުރުމަށް ވިލިނގިލީ ރައްޔިތުން ނިންމައިފިއެވެ.

“ގއ އަތޮޅު ރައްޔިތުންނަށް ޙައްޤުވާ ސިއްޙީ މިންވަރަކީ މިއީތޯ” ގެ ނަމުގައި ކުރާ މި އިހުތިޖާޖު ކުރިއަށް ދާނީ މިއަދު ހަވީރު 4:30 ގައި ހޮސްޕިޓަލް ކުރިމަތީ އޮންނަ ހުސްބިމުގައި ކަޅު ހެދުން ލައިގެން ތިބެ ކަމަށް އިހުތިޖާޖު އިންތިޒާމު ކުރާ ފަރާތުން ބުނެއެވެ.

ގއ.އަތޮޅު ވިލިނގިލިން ރޭ ނިޔާވި އަންހެން މީހާ އާއި ކުޑަ ދަރިފުޅު ނިޔާވެގެން ދިޔައީ އަތޮޅުން އެކަށީގެންވާ ސިއްޙީ ފަރުވާ ލިބެންނެތުމުން ކަމަށް އަންހެންމީހާގެ އާއިލާއިން ބުނެފިއެވެ.

ގއ ވިލިނގިލީގައި މިދިޔަ ބުރާސްފަތިދުވަހު ނިޔާވި އެ ރަށު ޒަމާނީވިލާ ޝިއުނާ ތައުފީގާއި ދުވަސް ނުފުރި ވިހެއި ކުއްޖާ ނިޔާވުމުގައި ސިއްހީ ނިޒާމުގައި ހުރި ގިނަ މައްސަލަތައް ރައްޔިތުންވަނީ ފާހަގަ ކޮށް އެކަމާ އަޑުއުފުލާފައެވެ.

ބޮޑު އާބާދީއަކަށް ޚިދުމަތްދޭ އަތޮޅު ހޮސްޕިޓަލެއްގައި ކުޑަކުދިންގެ ޑޮކްޓަރެއް ނެތުމާއި އެންއައިސީޔޫ އެއް ނެތުމަކީ ކަންބޮޑުވާން ޖެހޭ މައްސަލަތަކެއް ކަމަށާއި އަތޮޅު ހޮސްޕިޓަލެއްގެ ބަދަލުގައި އެއީ ހެލްތު ޕޯސްޓެއް ކަމަށް ބައެއް މީހުން ވަނީ ބުނެފައެވެ.

މީގެ އިތުރުން އިތުރު ފަރުވާއަށް މާލެ ފޮނުވަން ޖެހޭ ޙާލަތްތަކުގައި އެފަދަ ޚިދުމަތް އަވަސްކަމާއި އެކު ދެވެން ނެތުން އެއީ އަތޮޅުގެ ގިނަ ބަޔަކު ކަންބޮޑުވާ މައްސަލައެއްގެ ގޮތުގައި ވެސް ވަނީ ފާހަގަކޮށްފައެވެ.