English Edition
Dhivehi Edition

ގއ. އަތޮޅުން މިހާތަނަށް 137 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށް އެ އަތޮޅުގެ ކޮވިޑް ފޯކަލް ޕޮއިންޓް އަސްމާ އަބްދުﷲ ވިދާޅުވެއްޖެއެވެ.

އަސްމާ މިހެން ވިދާޅުވެފައިވަނީ ވިލިނގިލީގައި މިވަގުތު ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮވިޑް-19 ގެ ބަލިމަޑުކަމާއި ގުޅިގެން ރައްޔިތުންނާއި ހަމައަށް ވިލިނގިލީގެ ޙާލަތާ ގުޅޭ ގޮތުން މަޢުލޫމާތު ދިނުމަށް މިރޭ އީ.އޯ.ސީ އިން ބޭއްވި ހާއްސަ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިރޭ ކުރިއަށްގެންދިޔަ ޝެޝަންގައި ވާހަކަފުޅު ދައްކަވަމުން އަސްމާ ވިދާޅުވީ، 24 ގަޑިއިރު ތެރޭގައި ވިލިނގިލީގައި 1 ކޭސް ޕޮޒިޓިވްވެފައިވާ ކަމަށާއި އެއީ ކޭސް ނަންބަރު 18 ގެ ޑައިރެކްޓް ކޮންޓެކްޓެއް ކަމަށެވެ. ވިލިނގިލީގައި ޕޮޒިޓިވްވި ކޭސްތަކުގެ ތެރޭގައި ކޭސް ނަންބަރު 25 އެއީ އަތޮޅު ހޮސްޕިޓަލްގެ ސީނިއަރ ނަރުހެއް ކަމަށާއި މި ކޭސްއާއި ގުޅިގެން މިވަގުތު ހޮސްޕިޓަލްގެ 4 ނަރުހެއްގެ އިތުރުން ޑޮކްޓަރެއް ކަރަންޓީން ކޮށްފައިވާނެ ކަމަށް އަސްމާ ވަނީ ހާމަކޮށްފައެވެ.

އިތުރަށް ވާހަކަފުޅު ދައްކަވަމުން އަސްމާ ވިދާޅުވީ، ގއ. ދާންދޫއިން 24 ގަޑިއިރު ތެރޭގައި 5 ކޭސް އެއް ޕޮޒިޓިވްވެ 45 ސާމްޕަލް އެއް މިވަގުތު ޕެންޑިންގައި ވާ ކަމަށާއި އެރަށުން ޖުމްލަ 73 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އަދި އެ އަތޮޅު ގެމަނަފުށިންވެސް 24 ގަޑިއިރު ތެރޭގައި 4 ކޭސްއެއް ޕޮޒިޓިވްވެ 10 ސާމްޕަލެއް ޕެންޑިންގައި ވާއިރު ގއ. ވިލިނގިލީގައި ވެސް 10 ސާމްޕަލެއް ޕެންޑިންގައި މިވަގުތު ވާ ކަމަށް އަސްމާ ވަނީ ފާހަގަކުރައްވާފައެވެ. ގއ. އަތޮޅުން މިހާތަނަށް ޖުމްލަ 137 ކޭސް ޕޮޒިޓިވްވެފައިވާ އިރު ކޮވިޑް ފެސިލިޓީގައި 6 މީހަކަށް ފަރުވާ ދެމުންދާ ކަމަށާއި އެކަކު އިތުރު ފަރުވާއަށް މާލެ ފޮނުވުމުގެ މަސައްކަތް މިވަގުތު ކުރަމުންދާ ކަމަށް އަސްމާ ވަނީ ވިދާޅުވެފައެވެ.

ކޮވިޑް-19 ކޮނޓްރޯލް ކުރުމަށް ގއ. ވިލިނގިލީގައި 6 ދުވަހުގެ މުއްދަތަށް 18:00 އިން ފަތިހު 4:00 ކާފިޢުވެސް ވަނީ އިޢުލާން ކޮށްފައެވެ.