English Edition
Dhivehi Edition
ޕާކިސްތާނުގެ އައު ސަފީރު ފަތްކޮޅު އެރުވުން / ފޮޓޯ: ރައީސް އޮފީސް

ޕާކިސްތާނުގެ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު، ހިޒް އެކްސަލަންސީ ވައިސް އެޑްމިރަލް (ރިޓަޔަރޑް) ފައިސަލް ރަސުލް ލޯދި، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސް އަރުވައިފިއެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި މި ރަސްމިއްޔާތަށް ޖުމްހޫރީ މައިދާނުން ފެށިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހާ ހަމައަށް ސަފީރު ވަޑައިގެންނެވީ ހަތްކޮޅުގައި ރަސްމީ އިއްޒަތުގައި ބެރު ދުންމާރި ތާޅަފިލީގައި، ހެވިކަމުގެ ލަޝްކަރީންނާއެކު ހިންގަވައިފައެވެ.

ޕާކިސްތާނުގެ އައު ސަފީރު، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އެރުވުމުން ރައީސުލްޖުމްހޫރިއްޔާ ވަނީ އައު ސަފީރަށް ތަހުނިޔާ ވިދާޅުވެ، ދިވެހިރާއްޖެއަށް ވަޑައިގެންނެވިކަމަށްޓަކައި މަރްޙަބާ ވިދާޅުވެފައެވެ. އެއަށްފަހު އައު ސަފީރާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ. ދެ ބޭފުޅުން މަޝްވަރާކުރެއްވި ކަންކަމުގެ ތެރޭގައި މޫސުމީ ބަދަލުތަކާއި، ސިއްހީ ދާއިރާއާއި، ފަތުރުވެރިކަމާއި، ވިޔަފާރީގެ ދާއިރާތައް ހިމެނެއެވެ.

މިބައްދަލުކުރެއްވުމުގައި ޕާކިސްތާނުގެ އައު ސަފީރު ވަނީ، ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތަކާއި މެދު ރައީސުލްޖުމްހޫރިއްޔާ އާއި ދިވެހިރާއްޖެއިން ގެންގުޅުއްވާ ސިޔާސަތަށް ތައުރީފްކުރައްވާފައެވެ.