ޒަކާތު ފަންޑުގެ ހިލޭ އެހީގެ ދަށުން މިއަހަރުވެސް ބޯންމެރޯ ޓްރާންސްޕްލާންޓް ހަދަން ކުދިން ފޮނުވަން ނިންމާފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކޮށްފިއެވެ.
އިސްލާމިކް މިނިސްޓްރީން ވިދާޅުވީ ޒަކާތު ފަންޑުގެ ހިލޭ އެހީގެ ދަށުން މިއަހަރުވެސް އިތުރު ކުދިންނަށް ބޯންމެރޯ ޓްރާންޕްލާންޓް ހަދަން ފުރުޞަތު ދޭނެކަމަށެވެ.
ޒަކާތު ފަންޑުގެ ހިލޭ އެހީގެ ދަށުން 2016 ވަނަ އަހަރުވެސް 6 ކުއްޖަކަށް ބޯންމެރޯ ހެދުމަށް ފުރުޞަތު ދީފައި ވާއިރު، 2015 ވަނަ އަހަރު 19 ކުއްޖަކަށް ބޯންމެރޯ ހެދުމުގެ ފުރުޞަތު ދީފައިވެއެވެ.
ބޯންމެރޯ ހެދުމަށް ޒަކާތު ފަންޑުން ކޮންމެ ކުއްޖަކަށް 900،000 ރުފިޔާއާއި އެއްމިލިޔަން ރުފިޔާއާ ދެމެދުގެ ޢަދަދަކަށް ފައިސާ ހަމަޖައްސަވައިދެއްވާފައިވާއިރު، މީގެ ތެރޭގައި ހިމެނެނީ ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމުގެ ޚަރަދާއި 4 މީހެއްގެ ދެކޮޅު ޓިކެޓާއި އެ އެންމެންގެ 3 މަސްދުވަހުގެ ހުރުމެވެ.
ތެލެސީމިއާ ބައްޔަކީ މައިންބަފައިންގެ ފަރާތުން ވާރުތަކުރާ ކަމެކެވެ. މި ބަލި ޖެހިގެން މިހާތަނަށް ގާތްގަނޑަކަށް ހާހެއްހައި ކުދިން ވަނީ ރަޖިސްޓްރީކޮށްފައެވެ. ބޯންމެރޯ ޓްރާންސްޕްލާންޓަކީ މި ކުދިންނަށް އޮތް ހަމައެކަނި ދާއިމީ ފަރުވާ އެވެ.
ބޯންމެރޯ ހަދަން ދާ ކޮންމެ ކުއްޖަކަށް ނުވަ ލައްކަ އާއި މިލިއަން ރުފިޔާއާ ދެމެދުގެ އަދަދެއް ހަރަދުވެ އެވެ. އަދި މި ކުދިން ފަރުވާ ކުރުމަށް ތިނެއް ނޫނީ ހަތަރު މަސް ހޭދަވެ އެވެ.
ތެލަސީމިއާ ކުދިން ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް ފަހު ރާއްޖެ އައިސް މޯލްޑިވިއަން ބްލަޑް ސާވިސަސްގެ ބެލުމުގެ ދަށުން އެއް އަހަރު ދުވަހު ފަރުވާ ކުރަން ޖެހެ އެވެ. އަދި އެކުދިން އޮޕަރޭޝަން ކުރި ހޮސްޕިޓަލުގެ ޑޮކްޓަރަށް ދައްކައި ރިވިއު ހެދުމަށް އެ ގައުމަށް ދާން ޖެހެ އެވެ. ޒަކާތު ފަންޑު މެދުވެރިކޮށް ބޯންމެރޯ ޓްރާންސްޕްލާންޓް ހެދި ކުދިންގެ ރިވިއު ހެދުމަށް ރާއްޖޭން ބޭރަށް ފޮނުވުމުގެ އިންތިޒާމު ވެސް ސަރުކާރުން ވަނީ ހަމަޖައްސަވާ ދެއްވަވާފައެވެ.