ޔާމީން ރަޝީދު މަރާލުމުގައި އަމަލީގޮތުން ބައިވެރިވި މީހުންގެ ނަމާއި ފޮޓޯ ފުލުހުން އާންމުކޮށްފިއެވެ. ޔާމީން ރަޝީދަށް ހަމަލާދީ މަރާލުމުގައި އަމަލީ ގޮތުން ބައިވެރިވެފައިވަނީ މ. ޠާއިފް، އިސްމާއީލް ރަޝީދާއި، ހ. އަންނާރު މާގޭ، އިސްމާއީލް ހައިޝަމް ރަޝީދާއި، މ. އިރާސްމިކުގޭ، އަހްމަދު ޒިހާން އިސްމާޢީލެވެ. އޭގެ ތެރެއިން އިސްމާޢީލް ރަޝީދުގެ އުމުރަކީ 25 އަހަރެވެ. ހައިޝަމްގެ އުމުރަކީ 21 އަހަރެވެ. ޒިހާންގެ އުމުރަކީ 22 އަހަރެވެ. ފުލުހުން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ ޔާމީން ރަޝީދު މަރާލި މައްސަލައާ ގުޅިގެން ޖުމްލަ 7 މީހުން ހައްޔަރުކޮށްފައިވާ ކަމަށެވެ. އިސްމާއީލް ހައިޝަމް ރަޝީދަކީ ހަތިޔާރު ބޭނުންކޮށްގެން ފޭރުމުގެ ކުށުގެ ރެކޯޑު އޮންނަ މީހެއްކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ. އޭނާއަކީ ފޭރުމުގެ މައްސަލައަކާ ގުޅިގެން ހުކުމެއް ތަންފީޒު ކޮށްފައިވާ މީހެއްކަމަށްވެސް ވިދާޅުވެފައިވެއެވެ. މ.ތާއިފް އިސްމާއީލް ރަޝީދަކީ ގްރޫޕް ހަދައިގެން ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ މައްސަލައެއްގެ ރެކޯޑު އޮންނަ މީހެއް ކަމަށްވެސް ފުލުހުން ވިދާޅުވެފައިވެއެވެ. މި މީހުން ޔާމީން މަރާލީ ކީއްވެ ކަމެއް ފުލުހުންގެ ބަޔާނުގައި ވިދާޅުވެފައެއް ނުވެއެވެ. ޔާމީން މަރާލައިފައި އޮއްވައި ފެނިފައިވަނީ މިއަހަރުގެ އެޕްރީލްމަހުގެ 23 ވަނަ ދުވަހުގެ ރޭގައެވެ. އޭނާގެ ހަށިގަނޑު ފެނުނީ މާލޭގައި އޭނާ ދިރިއުޅެމުންދިޔަ މ. ސްޕެޓިއުލާގޭގެ ސިޑިގޮޅިންނެވެ. އޭނާގެ ހަށިގަނޑު ފެނުނު ވަގުތުންފެށިގެން ފުލުހުންގެ ތަހުގީގު ޓީމެއް އެކުލަވާލައި ތަހުގީގުވަނީ ފަށައިފައެވެ. އެ ތަހުގީގު ފުލުހުންވަނީ ފުލުހުންގެ ސީސީޓީވީ ފުޓޭޖުތަކާއި މާލޭގެ އެކިސަރަހައްދުތަކުގައިހުރި ކެމެރާތަކުގެ ފުޓޭޖުތައް ތަހުލީލުކޮށް ބަލައިފައެވެ. އެކަމަށް 1850 އަށްވުރެ ގިނަ ގަޑިއިރު ހޭދަވި ކަމަށް ފުލުހުންގެ ބަޔާނުގައިވެއެވެ. އަދި 20 އަހަރާއި 40 އަހަރާ ދެމެދުގެ އުމުރުފުރައިގެ 40000 އަށްވުރެ ގިނަމީހުންގެ ފޮޓޯތައް ބަލައި ތަހުލީލުކޮށްފައިވާ ކަމަށް ފުލުހުން ހާމަކުރައްވާފައިވެއެވެ. އެ މަސައްކަތުގައި ކަމާގުޅޭ މާހިރުންގެ ލަފައާއި، ސަރުކާރުގެ އެކި އިދާރާތަކުގެ އެހީތެރިކަން ހޯދައިފައިވެއެވެ. އެ މަސައްކަތުން މިހާރުވަނީ އެ ކަމުގައި އިސްކޮށްތިބި މީހުން ދެނެގަނެވިފައި ކަމަށްވެސް ފުލުހުން ހާމަކުރައްވާފައިވެއެވެ. އެހެންނަމަވެސް އެމީހުންގެ ތަފްސީލެއްވެސް ހަމަކޮށްފައެއް ނުވެއެވެ. މި މައްސަލަ މިހާރުވެސް ގެންދަނީ އިތުރަށް ތަހުގީގު ކުރަމުން ކަމަށް ފުލުހުންގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.