English Edition
Dhivehi Edition
ފޮޓޯ: ރައީސް އޮފީސް

ރައީސަކު އެރަށަކަށް ވަޑައިގެން އެ ރަށެއްގެ ރައްޔިތުންނާ މަޝްވަރާކުރައްވައިގެން އެ ރަށެއްގެ ތަރައްގީގެ ކަންކަން ބައްޓަން ކުރެއްވުމަކީ އެރަށަކަށް އެންމެ ރަނގަޅު ގޮތްކަމަށް ދެކިވަޑައިގަންނަވާކަމުގައި ތޮއްޑޫ ކައުންސިލުން ފާހަގަކުރައްވައިފިއެވެ.

ތޮއްޑޫ ކައުންސިލުން މިކަން ފާހަގަކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު އަރިއަތޮޅު އުތުރުބުރި ތޮއްޑޫ ކައުންސިލާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާއެކު މިއަދު ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ވަނީ ސިއްހީ ހިދުމަތް ދިނުމުގައި ހުރި ގޮންޖެހުންތައް ފާހަގަކުރައްވައި، މިހާރަށްވުރެ ފެންވަރު ރަނގަޅު ސިއްހީ މަރުކަޒެއް ގާއިމުކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ. އަދި ތޮއްޑޫގެ ސްކޫލުގެ ޖާގައިގެ ދަތިކަމާއި، ތޮއްޑޫގެ އިގްތިސާދު ރަނގަޅުކުރުމަށް ފައިނޭންސް ލިބޭނެ އިތުރު އިންތިޒާމުތައް ހަމަޖައްސަވައިދެއްވުމަށް ކައުންސިލުން އެދިވަޑައިގެންނެވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެމަނިކުފާނު ވަޢުދުވެވަޑައިގެންފައިވާ ކަންކަން ބަޖެޓުގައި ހިމަނުއްވައިގެން ކުރިއަށްގެންދަވާނެކަމުގައެވެ. އަދި ރަށުގެ މަގު ހެދުމުގެ މަޝްރޫޢުވެސް ކުރިއަށް ގެންދަވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން ވަނީ ތޮއްޑޫގެ ތަރައްޤީއަށް ކުރިއަށްގެންދާ މަޝްރޫޢުތަކުގެ އެންމެ ފަހުގެ މަޢުލޫމާތުތައް ހިއްސާކުރައްވާފައެވެ. މި ބައްދަލުކުރެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ ތޮއްޑޫ ކައުންސިލްގެ މެހެމާނުން ސޮއިކުރައްވާ ފޮތުގައި ސޮއިކުރައްވާފައެވެ.