އަންނަ އަހަރަކީ ކުޑަކުދިންގެ ހައްގުތަކާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ހާއްސަ މަސައްކަތްތަކެއް ކުރާ އަހަރަކަށް ވެގެންދާނެ ކަމަށް ކޮމިޝަނަރު އޮފް ޕޮލިސް އަލީ ޝުޖާއު ވިދާޅުވެއްޖެއެވެ.
ދުނިޔޭގެ ކުޑަކުދިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އިއްޔެ ށ. ފުނަދޫގައި ބޭއްވުނު ކުޑަކުދިންގެ ހަވީރުގައި އަލީ ޝުޖާއު ވަނީ ފަލަސްތީނުގެ ކުޑަކުދިންގެ ހާލަތަށް އިޝާރާތްކުރައްވާފައެވެ. އެގޮތުން ސީޕީ ވިދާޅުވީ އެ ކުދިން އެތައް ހައްގުތަކަކުން މަހުރޫމުވެ، ތަހައްމަލުކުރަމުންދާ ދަތި އުނދަގޫތަކާއި ބިރުވެރިކަމަކީ މިފަދަ ދުވަހެއް ފާހަގަކުރާއިރު ލިބޭ ހިތްދަތިކަމެއްކަމަށެވެ.
“މި ވަގުތުވެސް ފަލަސްތީނުގެ އެތައް ކުދިންނެއް އެ ކުދިންނަށް ލިބިފައިވާ އެތައް ހައްގަކުން މަހުރޫމުވެ، އެ ހައްގުތައް ލިބޭނެ ދުވަހަކާމެދު އިންތިޒާރު ކުރަމުން އެބަދޭ. އެ ހާލަތު ބަދަލުކުރުމަށް އަޅުގަނޑުމެންނަށް ކުރެވޭނެ ކަމަކީ، ވެވެންއޮތް އެހީތެރިކަމެއް ފޯރުކޮށްދިނުމާއި މާތްﷲ ގެ ޙަޟްރަތުގައި ދުއަ ދެންނެވުން” ސީޕީ ވިދާޅުވިއެވެ.
މީގެ އިތުރުން ސީޕީ ވިދާޅުވި ގޮތުގައި، ގާނޫނުތަކުން ކުޑަކުދިންނަށް ލިބިފައިވާ އެއްވެސް ހައްގަކަށް އަރައިގަންނަ ފަރާތްތަކުގެ މައްސަލަ ބެލުމުގެ ޒިންމާ އޮންނަނީ ދިވެހި ފުލުހުންގެ މުއައްސަސާއަށް ކަމަށެވެ.. ކުޑަކުދިންނާމެދު ހިންގޭ އަނިޔާވެރި އަމަލުތައް ރާއްޖޭގައިވެސް ހިނގަމުންދާކަން ފާހަގަކުރައްވައި، މިފަދަ އަމަލުތައް ހިންގާ ފަރާތްތަކާމެދު ގާނޫނީ އިމުގެ ތެރެއިން އެންމެ ހަރުކަށި ފިޔަވަޅު އަޅާނެކަން ސީޕީ ޔަގީންކޮށްދެއްވިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުގެ މަސައްކަތްތައް އަންނަ އަހަރަށް ތަރުތީބުކުރާއިރު، އެންމެ އިސްކަންދޭ ކަންތައްތަކުގެ ތެރޭގައި ކުޑަކުދިންގެ ރައްކާތެރިކަމަށް އިސްކަންދިނުން ކަނޑައެޅިގެންދާނެ ކަމަށް ސީޕީ ވިދާޅުވިއެވެ. މިގޮތުން، ކުޑަކުދިންގެ ހައްގުތަކާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ހާއްސަ މަސައްކަތްތަކެއް ކުރެވިގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މި ކުޑަކުދިންގެ ހަވީރަކީ ދިވެހި ފުލުހުންގެ ޚިދުމަތާއި ޔުނިސެފާއި ށ. ފުނަދޫ މުއައްސަސާތައް ގުޅިގެން ހިންގި ހަރަކާތެކެވެ. މީގެ އިތުރުން، ދުވަހާ ގުޅުންހުރި އެހެނިހެން ހަރަކާތްތަކެއްވެސް ކުރިއަށް ގެންގޮސްފައިވެއެވެ.