English Edition
Dhivehi Edition
-ފޮޓޯ: ފަޔާޒު މޫސާ| މިހާރު

ރާއްޖެ އަށް މިވަގުތު ދިމާވެފައިވާ ދަތި ހާލަތުން އަރައިގަތުމަށް މިވަގުތު ވިސްނަންވީ ހަރަދު ކުޑަކުރުމަށް ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

އެމްއައި ކޮލެޖުގެ ދަސްވެނިވުން ހަފުލާގައި ފައިސަލް ވިދާޅުވީ ކޮންމެ ގައުމަކަށް ވެސް އުނދަގޫ ހާލަތު އަންނާނެ ކަމަށާއި މިވަގުތު ރާއްޖެ އަށް ދިމާވެފައިވާ ހާލަތުން ވިސްނަންވީ ހަރަދު ކުޑަކުރުމަށް ކަމަށެވެ. އިންސާނަކަށްވީތީ ހުރިހާ އެއްޗެއް އަދި ހުރިހާ މޮޅެއް ބޭނުންވާނެކަމަށް ފައިސަލް ވިދާޅުވިއެވެ. އެހެންނަމަވެސް ހަރަދު ކުޑަކުރުމަށާއި ފަހަށް ރައްކާކުރުމަށް ހާއްސަ ސަމާލުކަމެއް ދޭންޖެހޭ ކަން ފާހަގަކުރައްވަމުން ފައިސަލް ވިދާޅުވީ މި ވާހަކަ މިއަދު ދައްކަން ޖެހެނީ، ނުދައްކައިފި ނަމަ އަންނަން އޮތް ޖީލަށް ރަނގަޅު ގޮތް ވުމަށް އެދިވަޑައިގަންނަވާތީ ކަމަށެވެ.

އިތުރަށް ފައިސަލް ވިދާޅުވީ މިހާރުން ފެށިގެން ރައްކާ ކުރަން ނުފަށައިފި ނަމަ ގައުމުގެ ހާލަތު ވެސް ބަދަލު ވާނެ ކަމަށެވެ. މީގެ އިތުރުން ފައިސަލް ވިދާޅުވީ މުޖުތަމައުގެ ކަންކަން ރަނގަޅުވަނީ އެންމެން ގުޅިގެން ކަމަށާއި ކުޑަކުދިން ވެސް ރަނގަޅު ވާނީ މިއަދު ރަނގަޅު ނަސޭހަތް ދީގެންކަމަށެވެ. ކިތަންމެ މޮޅު ސްކޫލަކަށް ވިޔަސް، ކިތަންމެ މަތީ ގައުމަކަށް ކުދިން ފޮނުވިޔަސް އެ ކުދިންނަށް ފެންނާނީ މައިންބަފައިން ދައްކާ ނަމޫނާއެއްކަމަށް ފައިސަލް ވިދާޅުވިއެވެ.

މީގެ އިތުރުން ފައިސަލް ވިދާޅުވީ ލިބޭ ސަނަދަކާ އެކު މުޅިން ހިތްހަމަޖައްސާލައިގެން ނުތިބެވޭނެ ކަމަށާއި އަަޒުމް ކަނޑައަޅަންވީ ކުރާ ކޮންމެ ކަމެއް ރަނގަޅަށް ކުރަން ކަމަށެވެ.