English Edition
Dhivehi Edition
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް - ފޮޓޯ: އަވަސް

މި ފަސް އަހަރުގެ ތެރޭގައި ޖަލު ހުކުމެއްގައި ބަންދު ނުކޮށްފި ނަމަ ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހުގެ ހެނދުނު ރާއްޖެ ޓީވީގެ ފަށާއިރު ޕްރޮގްރާމްގައި ވާހަކަދައްކަމުން ޔާމީން ވިދާޅުވީ ހުރިހާ އެންމެން ވެސް މަސައްކަތް ކުރަނީ އެމަނިކުފާނު ޖަލަށް ލާން ކަމަށެވެ.

މީގެ ކުރިން 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު އެމަނިކުފާނަށް ގެއްލުނީ ޖަލު ހުކުމެއްގައި ހުންނެވުމުންކަން ފާހަގަކުރައްވަމުން ޔާމީން ވިދާޅުވީ، އެމަނިކުފާނާ ގުޅޭ ޝަރީއަތްތައް މިހާރު މަޑު ޖެހިފައިވާ ކަމަށެވެ. އަދި ރަނގަޅު ގޮތުގައި އެ ހުރިހާ ކަމެއް ގޮސްފި ނަމަ ޖަލު ހުކުމެއް އަންނަން ޖެހޭ އެއްވެސް ސަބަބެއް ނޯންނާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން ޔަމީން ވިދާޅުވީ އެ މަނިކުފާނުގެ މައްސަލަތަކުގައި އެންމެ ބޮޑު އެއް ހެކިވެރިއެއްގެ ގޮތުގައި ދައުލަތުން ބޭނުން ކުރާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަކީ ހެކި ބަސް ނުދެވޭނެ ވަރުގެ ފާސިގެއް ކަމަށް ސުޕްރީމް ކޯޓުން ވެސް ކަނޑައަޅާފައިވާ ކަމަށެވެ. އެހެންކަމުން އަދީބު ދައްކާ ވާހަކަ އަކީ އިތުރު ހެއްކަކާ ނުލައި ބަލައި ގަނެވޭނެ ވާހަކައެއް ނޫންކަމަށް ޔާމީން ވިދާޅުވިއެވެ.

އިތުރަށް ޔާމީން ވިދާޅުވީ ވެރިކަމަށް ކުރިމަތިލާނީ ދެ ކަމެއް ކުރަން ކަމަށާއި އެއީ ޗާގޯސް ހޯދުމާއި އިންޑިއާ ސިފައިން ބޭލުން ކަމަށެވެ. އަދި އެ ދެ މައްސަލަ ހައްލު ކުރާނެ އެއްވެސް ލީޑަރެއް މިހާރު ނެތް ކަމަށާއި މި ސަރުކާރުން ވެސް ހެޔޮ ނިޔަތެއްގައި އެކަން ކުރާ ތަނެއް ނުފެންނަ ކަމަށް ޔާމީން ވިދާޅުވިއެވެ.