English Edition
Dhivehi Edition
ފޮޓޯ: ޕޮލިސް އެމްވީ

ރައީސް ޑރ. މުހައްމަދު މުއިއްޒު އަވަހާރަކޮށްލާނެ ކަމަށް ފޭސްބުކްގައި އިންޒާރުދިން މީހާ ރާއްޖެ އައިތަނާހެން ހައްޔަރުކޮށްފިއެވެ.

މިދިޔަ މަހުގެ 25 ދުވަހުގެރޭ އދ. ގެ އާންމު މަޖިލީހުގެ ހަވާސާގައި ބޭއްވި ބައްދަލުވުމުގައި ރައީސް ދެއްވަމުން ގެންދެވި ތަގްރީރު ލައިވްކުރަމުން ދަނިކޮށް، ‘އަބްލޯ މައިދު ޔޫސެފް’ގެ ނަމުގައި މީހަކު ވަނީ ފޭސްބުކްގައި ރައީސް އަވަހާރަކޮށްލާނެ ކަމުގެ އިންޒާރު ދީފައެވެ. އެ ރޭ އެކްސްގައި ފުލުހުންގެ ތަރުޖަމާނު އަދި އެސިސްޓެންޓް ކޮމިޝަނަރު އަހްމަދު ޝިފާން ވަނީ، ރައީސަށް އިންޒާރު ދިން މައްސަލަ ފުލުހުން ތަހްގީގުކުރަމުންދާކަމަށް ބުނެފައެވެ. އެ މައްސަލަ ބަލަމުންދާކަން ފުލުހުން ހާމަކުރި ފަހުން އޭނާގެ ފޭސްބުކް އެކައުންޓުގައި ވަނީ އެހެން ޕޯސްޓުތަކެއް ވެސް ކޮށްފައެވެ.

ފުލުހުން ރޭ މީޑިއާއަށް ފޮނުވި މެސެޖެއްގައި ބުނީ މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ އަބްދުﷲ މިޔާދު / ގ. ސަންސަންގެއާގެ (40އ) ކަމަށެވެ. ފުލުހުން ބުނީ ރައީސަށާއި ދައުލަތުގެ ފެންވަރުގެ ބޭފުޅުން އަވަހާރަކޮށްލާނެ ކަމުގެ އިންޒާރު ދިނުމާއެކު، އެހެން މީހުންނަށް މަރުގެ އިންޒާރުދީ ގެއްލުން ދޭނެ ކަމުގެ އިންޒާރު ދިނުމުންނެވެ. އަދި އެއްޖިންސުން ގުޅުން ހިންގުމަށް ހިތްވަރުދޭ ގޮތަށް ޕޯސްޓުކުރަމުން ދިއުމުންކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ރޭގެ ވަގުތެއްގައި އޭނާ ރާއްޖެ އައުމުން ހައްޔަރުކޮށްފައިވާ އިރު ފުލުހުން ބުނީ މި މައްސަލަ ތަހުގީގުކުރަމުން އަންނަކަމަށެވެ.