މަދަނީ ބޭނުންތަކަށް ޑްރޯން އޮޕަރޭޓް ކުރުމާބެހޭ ގޮތުން ދިވެހިރާއްޖޭގެ ސިވިލް އޭވިއޭޝަން އޮތޯރިޓީ (ސީއޭއޭ)އިން އެކުލަވާލާ ގަވާއިދުތަކަށް އާންމުންގެ މަޝްވަރާއާއި ޚިޔާލަށް ހުޅުވާލައިފިއެވެ.
އެ ގަވާއިދަށް ހިޔާލު ހުށަހަޅަން މިދިޔަ އޮގަސްޓް މަހުގެ 15 ވަނަ ދުވަހު ހުޅުވާލާފައި ވާއިރު، އެ ފުރުސަތު އަންނަ މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ލިބޭނެ ކަމަށް ސިވިލް އޭވިއޭޝަން އޮތޯރިޓީން ބުންޏެވެ.
ޑްރޯންއާބެހޭ ޔޫރަޕުގެ މަދަނީ ޤަވާޢިދުތައް އަސްލަކަށް ބަލައިގެން އެކުލަވާލި މި ޤަވާއިދުތަކުގެ މަޤުޞަދަކީ ސަލާމަތާއި އަމާންކަމާއި އަދި ޒާތީ މަސްލަހަތަށް ފުށުނާރާނެގޮތަށް ޑްރޯން ދުއްވުމުގެ ފުރުޞަތު ހުޅުވާލުންކަމަށް ސިވިލް އޭވިއޭޝަން އޮތޯރިޓީން ވިދާޅުވެއެވެ. މީގެއިތުރުން ވިޔާފާރީގެ ބޭނުންތަކަށް ޑްރޯން ދުއްވަން ބޭނުންވާ ފަރާތްތަކަށް ފަހިމާހައުލެއް ގާއިމުކުރުންކަމަށެވެ. ސީއޭއޭގެ ވެބްސައިޓްގައި ވަނީ ޔޫރަޕްގެ މަދަނީ ޤަވައިދުތައް އަސްކަމަށް ބަލައިގެން އެލަވާލާފައިވާ “މަދަނީ މާހައުލުގައި ޑްރޯން ދުއްވުމާބެހޭ ޤަވާޢިދު” ގެ ޑްރާފްޓްތައް ހިމަނާފައެވެ.
މި ގަވައިދަށް ޚިޔާލު ހުށަހެޅުމުގެ ފުރުސަތު ސަރުކާރުގެ މުއައްސަސާތަކާއި ކުންފުނިތަކާއި ޖަމިއްޔާތަކާއި އަމިއްލަ ފަރުދުންނަށް ވެސް އޮންނާނެ ކަމަށާއި އަދި އެ ގަވާއިދުތަކުގައި ހިމަނަން ބޭނުންވާ ކަންކަން ސަބަބުތަކާއެކު ހުށަހެޅޭނެ ކަމަށް ސީއޭއޭއިން ވަނީ ބުނެފައެވެ. އަދި ޑްރޯން އޮޕަރޭޓް ކޮށްގެން ވިޔަފާރީގެ މަސައްކަތާއި އިޝްތިހާރު ކުރުމުގެ މަސައްކަތްކުރާ މީހުންގެ ހިޔާލު މިކަމުގައި ބޭނުންވާ ކަމަށާއި އަދި އެ ގަވާއިދުތައް އެކުލަވާލީ ޔޫރަޕްގެ ގަވާއިދުތައް އަސްލަކަށް ބަލައިގެން ކަމަށް އެ އޮތޯރިޓީން ބުންޏެވެ.
އޮތޯރިޓީގެ ޤަވާޢިދުތަކުގައި ޑްރޯން އޮޕަރޭޓުކުރުން ބެހިފައިވަނީ ތިން ކެޓަގަރީއަކަށެވެ. އެއީ އޯޕަން، ސްޕެސިފިކް އަދި ސެޓިފައިޑް ކެޓަގަރީއެވެ. މި ބައިތަކުގައި ކަނޑައަޅަނީ ޑްރޯން ދުއްވޭ ސަރަޙައްދުތަކާއި ހުއްދަދޭ މިންގަނޑުތަކެވެ.
މި ޤަވާއިދުގައި ބުނާގޮތުން އަދި ޑްރޯން ދުއްވާ ފަރާތްތައް ރަޖިސްޓްރީކުރުމާއި ޑްރޯން ދުއްވާ ޕައިލެޓުންގެ ފެންވަރުވެސް ކަނޑައަޅާނެއެވެ. އޭގެ ބޭނުމަކީ ޑްރޯންގެ މަޢުލޫމާތާއި އެ ޑްރޯންއަކަށް ދީފައިވާ ހުއްދަތަކުގެ މަޢުލޫމާތު ވީހާވެސް ފަސޭހައިން ހޯދޭނެ ނިޒާމެއް ޤާއިމުކުރުމެވެ.
އެ އޮތޯރިޓީން އާންމުކޮށްފައިވާ “ނޯޓިސް ޓު ޕްރޮޕޯސްޑް ރޫލް މޭކިން (އެންޕީއާރުއެމް)” މި ލިންކުން ޑައުންލޯޑު ކުރެވޭނެއެވެ.