English Edition
Dhivehi Edition

އިސްރާއީލުން ލުބުނާނުގެ ވެރިރަށް ބެއިރޫތަށް ދިން ހަމަލާގައި ހިޒްބުﷲގެ ސެކެޓްރީ ޖެނެރަލް އަދި ލީޑަރު ހަސަން ނަސްރުﷲ އަވަހާރަވެފައިވާކަން އެ ޖަމާއަތުން ކަށަވަރުކޮށްދީފިއެވެ.

ނަސްރުﷲ އަވަހާރަކޮށްލީ ހިޒްބުﷲގެ މަރުކަޒަކަށް އަމާޒުކޮށް އިޒްރޭލުން ވައިގެ މަގުން ދިން ހަމަލާއެއްގަ އެވެ. ނަސްރުﷲ އަވަހާރަކޮށްލާފައިވާ ކަމަށް އިޒްރޭލުން ރެއިން ފެށިގެން ބުނަމުން ދަނިކޮށް ހިޒްބުﷲ ޖަމާއަތުން ވެސް މިހާރު ވަނީ އެކަން ކަށަވަރު ކޮށްދީފަ އެވެ.

އެ ޖަމާއަތުން ބުނެފައި ވަނީ ޝަހީދުންގެ ސަފުތަކާއި ގުޅުމުގެ ޝަރަފު 30 އަހަރު ވަންދެން އެ މީހުންގެ އިސް ފަހުލަވާނު ކަމުގައި ހުންނެވި ނަސްރަﷲއަށް ލިބިފައިވާ ކަމަށާއި އެއީ އޭނާ އެންމެ ބޮޑަށް އެދުނު ލަގަބު ކަމަށެވެ. އެހެންވެ ހިޒްބުﷲ އިން ވަނީ ނަސްރަﷲއަށް މަރުހަބާ ކިޔައިފައެވެ. އަދި އޭނާއާއެކު ބެއިރޫތުގެ ރަށްފުށުގައި ޝަހީދުވި އެންމެނަށް ތައުޒިޔާއާއެކު މަރުހަބާ ކިޔާފައިވެއެވެ.

ހިޒްބުﷲ އިން ބުނީ ނަސްރުﷲ އަވަހާރަކޮށްލި ނަމަވެސް ފަލަސްތީނުގެ ހައްގުގައި އެ ޖަމާއަތުން ކުރަމުންދާ މަސައްކަތަށް އެއްވެސް ހުއްޓުމެއް ނާންނާނެ ކަމަށެވެ. އަދި އެތައް ގުރުބާނީތަކެއް ވާން ޖެހޭ މި ދަތުރުގައި ނަސްރަﷲ އާއި އޭނާއެކު ޝަހީދުވެފައިވާ އެންމެންގެ ހަނދާނުގައި ޖިހާދު ކުރުމުގައި ދެމިތިބޭނެ ކަމަށް އެ ޖަމާއަތުން ވައުދުވެފައިވެއެވެ. އަދި ޣައްޒާއާއި މުޅި ފަލަސްތީނާއި ލިބުނާނުގެ ހިތްވަރުގަދަ ރައްޔިތުންގެ ދިފާއުގައި ދެމިތިބޭނެ ކަމަށް ބުނެފައިވެއެވެ.

އިސްރާއީލުން އަވަހާރަކޮށްލަފާނެ ކަމުގެ ބިރު އޮތުމުން އާންމު ތަންތަނުން ނުފެންނަތާ އަހަރުތަކެއް ވެފައިވާ ނަޞްރުالله އަކީ މެދުއިރުމަތީގެ އެންމެ މަޝްހޫރު އަދި އެންމެ ނުފޫޒުގަދަ އެއް ޝަހުސިއްޔަތެވެ.