English Edition
Dhivehi Edition

ފޭދޫގައި ހިންގަމުން އަންނަ ” އައްޑޫ ސިޓީ ޑްރައިވިން ސްކޫލު ” ގެ ވެބްސައިޓް ލޯންޗްކޮށްފިއެވެ. މިއީ ޑްރައިވިން ލައިސަންސާ ގުޅުންހުރި ސްކޫލަކުން ރާއްޖޭގައި މިފަދަ ވެބްސައިޓެއް ގާއިމްކުރި ފުރަތަމަ ފަހަރެވެ. މި ވެބްސައިޓަކީ ޑްރައިވިން ސްކޫލުގެ ހުރިހާ މަޢުލޫމާތެއް އެއްތަނަކުން ލިބޭނެ ގޮތަށް ފަރުމާކުރެވިފައިވާ ޕްލެޓްފޯމެކެވެ. މި ވެބްސައިޓުގައި އިންސްޓްރަކްޓަރުންގެ ތަފްސީލީ މަޢުލޫމާތު ހިމެނިފައިވާއިރު، ސްކޫލުން ދެމުންގެންދާ ޚިދުމަތްތަކުގެ އަގުތަކާއި ބެހޭ މަޢުލޫމާތުވެސް ފަސޭހައިން ލިބެން ހުރެއެވެ. މީގެ އިތުރުން، ސްކޫލުގެ ހަރަކާތްތަކުގެ ފޮޓޯ ގެލެރީއެއްވެސް މި ވެބްސައިޓުގައި ހިމަނާފައިވެއެވެ.

މިކަމާގުޅޭގޮތުން މަޢުލޫމާތު ދެއްވަމުން ޑްރައިވިންގް ސްކޫލުގެ ވެރިޔާ ޙަސަން ޝިފާޢު ވިދާޅުވީ، މި ވެބްސައިޓަކީ އެސްކޫލްގެ ޚިދުމަތްތައް އާންމުންނަށް ފަސޭހައިން ލިބޭނެ ގޮތް ހަދައިދިނުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ. އޭނާ އިތުރަށް ވިދާޅުވީ ވެބްސައިޓް މެދުވެރިކޮށް ޑްރައިވިން ލައިސަންސް ހެދުމަށް ރާއްޖޭގެ ޓްރާންސްޕޯޓް ޕޯޓަލްއަށް ވަންނަންވެސް ފަސޭހަ ވެގެންދާނެގޮތަށް ޕޯޓަލް ލިންކް ވެބްސައިޓްގައި ހިމަނާފައިވާނެ ކަމަށެވެ. މީގެ އިތުރުން، މި ވެބްސައިޓުން ޑްރައިވިން ސްކޫލުގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކަށްވެސް ވަދެވި އެސްކޫލުގެ އެންމެ ފަހުގެ އަޕްޑޭޓްތައް ލިބިގަތުމަށް ފަސޭހަމަގެއް ހުޅުވިފައިވެއެވެ.

އައްޑޫ ސިޓީ ޑްރައިވިން ސްކޫލުގެ މި އައު ވެބްސައިޓަކީ ޑްރައިވިން ލައިސަންސް ހޯދުމަށް ބޭނުންވާ ފަރާތްތަކަށް ވަރަށް ބޮޑު ލުއި ފަސޭހަތަކެއް ލިބޭގޮތަށް ފަރުމާކޮށްފައިވާ ވެބްސައިޓެކެވެ. ވެބްސައިޓް މެދުވެރިކޮށް ސްކޫލުގެ ޚިދުމަތްތަކާ ބެހޭ ހުރިހާ މަޢުލޫމާތެއް އެއްތަނަކުން ލިބުމަކީ ވަގުތު ސަލާމަތްވެ، ޚިދުމަތް ހޯދުމަށް ފަސޭހަވެގެންދާނެ ކަމެކެވެ

އައްޑޫސިޓީ ޑްރައިވިން ސްކޫލް ވެބްސައިޓް

އެންމެ ޒަމާނީ ފެންވަރުގެ ޚިދުމަތްތަކާއެކު އައްޑޫސިޓީފޭދޫ ގައި މި ޑްރައިވިން ސްކޫލް ހުޅުވީ 2023 ނޮވެންބަރު 20 ވަނަ ދުވަހުއެވެ. މި ސްކޫލުން، މޮޓޯސައިކަލުން ފެށިގެން ހެވީ ވެހިކަލާއި ހަމަޔަށް ލައިސެންސް ނެގުމުގެ ފުރުސަތު ލިބޭނެ ކަމަށް އެ ސްކޫލުން މަޢުލޫމާތުދެއެވެ. މިއީ އެއްގަމު އުޅަނދުގެ ލައިސަންސް ނަގަން ބޭނުންވާ ފަރާތްތަކަށް ދުއްވަން ދަސްކޮށްދީ ލައިސަންސް ހޯދައިދިނުމުގައި އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ހުޅުވުނު ޑްރައިވިންގ ސްކޫލެކެވެ. އައްޑޫސިޓީ ޑްރައިވިން ސްކޫލުން ދުއްވަން ދަސްކުރާ ފަރާތްތަކާއި، އަލަށް ލައިސަންސަށް އެދޭ ފަރާތްތަކާއި އަދި ލައިސަންސްގެ ކެޓަގަރީ އިތުރު ކުރުމަށް ބޭނުންވާ ފަރާތްތަކަށްވެސް އެކަމުގެ އެހީތެރިކަން ފޯރޮކޮށްދެމުންދާ ކަމަށް މިސްކޫލްގެ ވެރިޔާ ޙަސަންޝިފާޢު ވިދާޅުވިއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީގެ ގަވާޢިދުގައިވާގޮތުން ދުއްވަން ދަސްކޮށްދޭ އިންސްޓްރަކްޓަރުންނަކީ ޑްރައިވިން ސްކޫލެއްގައި މަސައްކަތްކުރާ، ވަކި ތަމްރީނެއް ފުރިހަމަ ކުރުމަށް ފަހު، އެކަމުގެ ލައިސަންސް ލިބިފައިވާ ބަޔަކަށް ވާން ޖެހޭތީ، މިދެންނެވި ތަމްރީނު ހެދުމަށް ބޮޑު ޚަރަދެއް ކޮށްގެން މާލެ ދާން ޖެހެއެވެ. 5 އިންސްޓްރަކްޓަރުންނާއެކު ކުރިއަށްދާ މި ސްކޫލަށް ދިމާވެފައިވާ އެންމެ ބޮޑު ދަތްޗަކީވެސް މިއީ އެވެ. މޯލްޑިވްސް ޕޮލިޓެކްނިކުން ފުރިހަމަ ކުރަންޖެހޭ ޓްރެއިނިންތަކުގައި އިންސްޓްރަކްޓަރުން ބައިވެރިކުރުމަށް މާލެ ފޮނުވުމަކީ ދަތިކަމެއްކަމަށް ޝިފާޢު ފާހަގަ ކުރެއްވިއެވެ.

” ކިހިނެއްތޯ އެކަން ކުރާނީ؟މިތާ މިއުޅެނީ ބޮޑެތި ޒިންމާތައް ޙަވާލުވެފައިވާ އެތައް ކުދިންނެއްގެ ބައްޕައިން، ދަރިން، ބޭބެމެން، މަސައްކަތް ހުއްޓާލާފަ ދިގު މުއްދަތަކަށް މާލެ ގޮސް އެތައް ޚަރަދެއްކޮށްފަ އެހެން ކިހިނެއްތޯ ތިބެވޭނީ. ތަމްރީން ފުރިހަމަ ކުރުމަށް މާލެ ދިއުމުގައި ހުރި ދަތިތަކަށް އަލިއަޅުވާލަމުން ޝިފާޢު ވިދާޅުވިއެވެ.

މީގެ ކުރިން ޓްރާންސްޕޯޓުން ހިންގަމުން އައި ތިޔަރީ އާއި ވެހިކަލް އިންސްޕެކްޝަން ސެޓްފިކެޓާއި ޑްރައިވިން އެގްޒާމިނާ އަދި ޑްރައިވިން އިންސްޓްރަކްޓަރާގެ ސެޓްފިކެޓް ތިނެއްގެ ކޯސް މިހާރު ހިންގަމުން އަންނަނީ ޕޮލިޓެކްނިކުން ކަމަށްވެފައި އެ އިދާރާގެ ގޮތްޕެއް އައްޑޫގައި ހުރިނަމަވެސް ތަމްރީން ފޯރުކޮށްދެނީ މާލެއިން އެކަނި ކަން ފާހަގަ ކުރެވެއެވެ.