English Edition
Dhivehi Edition

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒަށް، އެ މަނިކުފާނު އަވަހާރަކޮށްލާނެކަމުގެ އިންޒާރު ދިން މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.

ރައީސް އަވަހާރަކޮށްލާނެ ކަމުގެ އިންޒާރުދީފައިވަނީ އދ.ގެ އާންމު މަޖިލީހުގައި ދެއްކެވި ވާހަކަފުޅު، ރައީސް އޮފީހުގެ ފޭސްބުކު ޕޭޖުން ލައިވްކޮށްފައިވަނިކޮށް، އެ ލައިވްއަށް މީހަކު ކުރި ކޮމެންޓެއްގައެވެ. އެގޮތުން އެ ކޮމެންޓުގައި ރައީސް “މަރާލާނެ” ކަމަށް އޭނާ ވަނީ ބުނެފައެވެ.

ރައީސް އަވަހާރަކޮށްލާނެ ކަމަށް ބުނެ މަރުގެ އިންޒާރު ދީފައި ވަނީ އަބްލޯ މިޔާދް ޔޮސެފް ނަމަކަށް ކިޔާ އެކައުންޓަކުންނެވެ. މަރުގެ އިންޒާރު ދިނީ އަސްލު އެކައުންޓަކުން ކަމެއް ނުވަތަ މީހެއްގެ ނަމާއި ފޮޓޯ ބޭނުންކޮށްގެން ހިންގާ ފޭކު އެކައުންޓަކުން ކަމެއް އަދި ކަށަވަރެއް ނުވެއެވެ. އެކަމާއި ގުޅިގެން ފުލުހުން ވެސް ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.

މިމައްސަލައާއި ގުޅުގެން ފުލުހުންގެ ތަރުޖަމާނު، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް، އަހުމަދު ޝިފާން ވިދާޅުވީ، ރައީސް، މުއިއްޒުއަށް މަރުގެ އިންޒާރުތަކެއް ދިން މައްސަލަ ފުލުހުން ތަހުގީގު ކުރަން ފަށާފައިވާ ކަމަށެވެ.

ފޭސްބުކުގައި ރައީސްއަށް މަރުގެ އިންޒާރުދީފައިވާއިރު، އޭނާ ވަނީ ފުލުހުން މައްސަލަ ބަލަން ފެށިކަން ހާމަކުރި ހިސާބުން، “މަލާމާތުގެ” ރާގަކުން ހައްޔަރު ކުރަން އެދި ގޮންޖަހާފައެވެ.