English Edition
Dhivehi Edition

ސަރުކާރު ބަދަލުވިނަމަވެސް ރައްޔިތުންގެ ލާބައާއި މަންފާއަށް ހިންގާ ބޮޑެތި މަޝްރޫޢުތައް ނުހުއްޓި ކުރިއަށްދާނެކަމުގެ ޔަގީންކަން، “ޤައުމީ ތަރައްޤީގެ ޕްލޭން”އާއެކު ރައްޔިތުންނަށް ލިބިގެންދާނެކަމަށް ސަރުކާރުން ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގެ “ކުރިއަށް އޮތް 20 އަހަރަށް ލަފާކުރާ ޤައުމީ ތަރައްޤީގެ ޕްލޭން” އެކުލަވައިލައި، ދެމެހެއްޓެނިވި ގޮތެއްގައި އެ ޕްލޭން ތަންފީޒުކުރުމާ ގުޅޭގޮތުން ކުރައްވަންޖެހޭ މަސައްކަތްތައް، ކުރިޔަށް ގެންދިއުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނިންމަވާފައިވާ ނިންމެވުމުގެ އިތުރު ތަފްޞީލުތައް ސަރުކާރުން ހާމަކުރެއްވެވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުކުރެއްވުމެއްގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިސް ތަރުޖަމާނު ހީނާ ވަލީދެވެ.

މި ބައްދަލުވުމުގައި ހީނާ ވަލީދު ވިދާޅުވީ ރާއްޖެއަށް ދިގުރާސްތާ ތަރައްޤީގެ ޕްލޭނެއް ބޭނުންވާކަން ރިޔާސީ ކެމްޕެއިނާއި ރައީސްގެ ދަތުރުފުޅުތަކުގެ ތެރެއިން ބައްދަލުވާ އެކި ފަރާތްތަކުންވެސް ފާހަގަކުރެއްވިކަމަށެވެ.

މި ޕްލޭން ކުރިޔަށްގެންދިއުމުގައި ރިޢާޔަތްކުރެއްވުމަށް ވަޒީރުންގެ މަޖިލީހުގައި ނިންމެވި ކަންކަމުގެ ތެރޭގައި ޤައުމީ ތަރައްޤީގެ މައިގަނޑު އަސާސަކީ ލޮލަށް ފެންނަ ތަރައްޤީއާއި، ޤައުމިއްޔަތުގެ އެންމެހައި ބަހާތައް ހިމެނޭހެން ޤައުމިއްޔަތު ދިރުވައި، އާލާކޮށްދޭ އިންސާނީ ތަރައްޤީކަމަށްވުމާއެކު، މި ދެ ބާވަތުގެ ތަރައްޤީ ހާސިލުވާނެ ގޮތަށް ޕްލޭންގެ މަސައްކަތް ކުރިޔަށް ގެންދިއުން ހިމެނެއެވެ. އަދި ހަމަ އެހެންމެ، ޤައުމީ ތަރައްޤީގެ ޕްލޭންގައި ހިމެނޭ މައިގަނޑު އަސާސްތައް، ޤާނޫނުއަސާސީގައި ހިމަނައި، މި ޕްލޭނަށް ޤާނޫނީ ހިމާޔަތްތެރިކަން ލިބިދިނުމާއި އަދި މި ޕްލޭނަށް ބަދަލު ގެނެވޭނެ މިންގަނޑުތައް ހިމެނޭ ގޮތަށް، ވަކި ޤާނޫނެއް އެކުލަވައިލުންވެސް މީގެ ތެރޭގައި ހިމެނެއެވެ.

މީގެ އިތުރުންވެސް މި ޕްލޭންގެ މަސައްކަތް ކުރިޔަށް ގެންދިއުމުގައި އިކޮނޮމިކް ޑިވެލޮޕްމަންޓް، ސޯޝަލް ޕްލޭނިންގ، އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް، ގަވަރނަންސް އަދި ސްޕޭޝަލް ޕްލޭނިންގ ދާއިރާއިން ކަމާބެހޭ ތަޖުރިބާކާރުންގެ ޓީމެއް، ދިވެހިންގެ ކޮންޓްރޯލް އޮންނަ ގޮތަށް އެކުލަވައިލައި، އެ ޓީމް ލީޑުކުރާ ފަރާތެއްގެ ގޮތުގައި، ދިވެހިވަންތަ ދިވެހިންގެ ވިސްނުމާއި، ޤައުމިއްޔަތު ހިމާޔަތްކުރެވޭނެ ޤާބިލު ދިވެއްސަކު ހަމަޖެއްސުން ވެސް މީގެ ތެރޭގައި ހިމެނެއެވެ. ވަޒީރުންގެ މަޖިލީހުގެ ނިންމެވުމުގައި ވަނީ މި ޕްލޭނާ ގުޅޭ ޢަމަލީ މަސައްކަތްތައް، 2024 ވަނަ އަހަރުގެ ނޮވެންބަރުމަހު ފަށްޓަވައި، 12 މަސްދުވަހުގެ ތެރޭގައި މި މަސައްކަތް ނިންމެވުމަށެވެ.