އިންޑިއާއިން އިސްރާއިލުގެ ހަތިޔާރު ކުންފުންޏަކާއެކު ހެދި 500 މިލިއަން ޑޮލަރުގެ އެއްބަސް ވުމެއް އުވާލައިފިއެވެ.
އެ އެއްބަސްވުން އިންޑިއާއިން ހެދީ އިސްރާއީލް ސަރުކާރުގެ ހިއްސާ އޮންނަ ރަފައެލް ކުންފުންޏާއެވެ. އެ އެއްބަސްވުމުގެ ދަށުން އިންޑިއާއިން ގަންނަން އުޅުނީ ސްޕައިކް އެންޓި ޓޭންކް މިސައިލެވެ. އެހެންނަމަވެސް އިންޑިއާއިން އެ އެއްބަސްވުން މިހާރު އުވައިލައިފައިވާ ކަމަށް ރަފައިލް ކުންފުނިން ނެރުނު ބަޔާނެއްގައި ވަނީ ކަށަވަރު ކޮށްދީފައެވެ.
އެ ބަޔާނުގައި ބުނެފައިވަނީ އިންޑިއާގެ އެ ނިންމުމާމެދު އެކުންފުނިން ހިތާމަ ކުރާ ކަމަށެވެ. ނަމަވެސް ކުރިއަށްއޮތް ތަނުގައިވެސް އިންޑިއާގެ ޑިފެންސް މިނިސްޓްރީ އާއި އެކު މަސައްކަތް ކުރުމަށް އުއްމީދުކުރާ ކަމަށެވެ.
އެ އެއްބަސްވުން އުވައިލުމާ ބެހޭގޮތުން އިންޑިއާގެ ޑިފެންސް މިނިސްޓްރީން ވާހަކަ ދައްކާކަށް ބޭނުމެއްނޫނެވެ. ނަމަވެސް އެ ވުޒާރާއިން މީގެކުރީން ވަނީ އެ ކުންފުނިން 74 މިލިއަން ޑޮލަރުގެ ހަތިޔާރު ގަތުމަށް ފާސްކޮށްފައެވެ.
އިންޑިއާގެ މީޑިއާތަކުން ރިޕޯޓު ކުރާ ގޮތުގައި އެ އެއްބަސްވުން އުވާލީ އިންޑީއާގެ ޑިފެންސް ރިސާޗް އެންޑް ޑިވެލޮޕްމެންޓް އޯގަނައިޒޭޝަނުން އެ ބާވަތު މިސައިލްތައް އަމިއްލައަށް އުފެއްދުމުގެ މަޝްރޫއެއް ކުރިއަށް ގެންދާތީ ކަމަށެވެ.
އެއްބަސްވުން އުވާލާފައިވަނީ އިސްރާއިލް ރައީސް ބެންޖަމިން ނަތަންޔާހޫ އިންޑިއާއަށް ރަސްމީ ދަތުރުފުޅެއް ކުރައްވަން ރާވައިފައިވާ ވަގުތެއްގައެވެ.
އިންޑިއާގެ މިހާރު ޕްރައިމް މިނިސްޓަރ ނަރެންދްރަ މޯދީ ވެރިކަމަށް ވަޑައިގަތްފަހުން އިންޑިއާއި އިސްރާއިލުގެ ގުޅުން އަންނަނީ އިތުރަށް ބަދަހި ވަމުންނެވެ. އެގޮތުން ދެ ގައުމު ދެމެދުގައި ހަތިޔާރުގެ އިތުރުން އިޤްތިސާދީ ގުޅުންތައްވެސްދަނީ ރަނގަޅު ކުރަމުންނެވެ.