ނ. ހޮޅުދޫގެ ގެއެއްގެ ތެރޭގައި މަރުވެފައި އޮއްވާ ފެނުނު ޒަކިއްޔާ މޫސާގެ ހަށިގަނޑު އިތުރު ތަހްލީލު ކުރުމަށްފަހު އަނބުރާ ރަށަށް ގެންގޮސްފިއެވެ.
މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ ހޮޅުދޫގައި މަރުވެފައި އޮއްވާ ފެނުނު މީހާގެ ހަށިގަނޑު އިތުރު ތަހުލީލުތައް ކުރުމަށްފަހު އަނބުރާ ރަށަށް މިއަދު ހެނދުނު ފޮނުވާފައިވާ ކަމަށެވެ.
ނ. ހޮޅުދޫގެ ގެއެއްގެ ތެރޭގައި މަރުވެފައި އޮއްވާ ފެނުނު އުމުރުން 50 އަހަރުގެ ޒަކިއްޔާގެ ހަށިގަނޑު މާލެ ގެންގޮސްފައިވަނީ މި މަހުގެ 10 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ.
އެ ރަށުން ވާހަކަ ދެއްކި މީހަކު ބުނީ، ޒަކިއްޔާ މަރުވެފައި އޮއްވާ ފެނުނީ އެ ގޭގެ ކުނި ނަގަން އެ ވަގުތު ވަން މުނިސިޕަލް މުވައްޒަފުންނަށް ކަމަށެވެ. އޭރު ޒަކިއްޔާ އޮތީ ގޭގެ ބަދިގެ ފަރާތުގައި ހުންނަ ގުދަނެއް ކައިރިއަށް ވެއްޓިފައި ކަމަށާއި މަސް ކަނޑަން ގެންގުޅޭ ބޮޑު ވަޅިއެއް ކައިރީގައި އޮތްކަމަށް އެމީހާ މައުލޫމާތު ދިނެވެ.
މި މައްސަލައާ ގުޅިގެން މީހަކު އަދި ހައްޔަރުކޮށްފައި ނުވާއިރު ފުލުހުން ދަނީ މި މައްސަލަ ތަހުގީގުކުރަމުންނެވެ.