އިއްޔެ ރާއްޖޭގެ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފު އެކްސްގައި ކުރެއްވި ޕޯސްޓުގެ ތަފްސީލު ހާމަކުރައްވައިފިއެވެ،
އިއްޔެ ނައިބު ރައީސް ކުރެއްވި ޕޯސްޓުގައިވަނީ ކޮންމެ ކަމަކީވެސް ވަގުތު ކަނޑައެޅިގެންވާ ކަމެއްކަމަށެވެ. އަދި އެއީ ދުނިޔޭގެ އާދަކަމުގައި ވިދާޅުވިއެވެ. އިތުރަށް ވިދާޅުވީ އެ ލިބުނު ވަގުތަށް އިހްތިރާމުކޮށް ޝުކުރުވެރި ވުމުން ލިބޭ ގަދަރާއި، އުފާވެރިކަން މާ ރަނގަޅުކަމަށެވެ. އަދި އެއްވެސް ކަމަކީ ދާއިމަށް ތިމާގެ ހައްގެއް ކަމަށް ނުދެކުމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.
މި ޕޯސްޓާއި ގުޅިގެން ގިނަ ބަޔަކު ސުވާލު އުފައްދަމުން އަންނައިރު މިއަދު އެމަނިކުފާނު ވަނި އެކަމުގެ އިތުރު ތަފްސީލު ހާމަކުރައްވާފައެވެ.
އެގޮތުން ނައިބު ރައީސް ވިދާޅުވީ މި މެސެޖަކީ ކުރިން ވެރިކަން ކުރެއްވި ބޭފުޅުންނާއި، ދައުލަތުގެ އިސްމަގާމުތައް ފުރުއްވި ބޭފުޅުންނަށް ދެއްވި މެސެޖެއްކަމުގައެވެ.
ދައުލަތުގެ ވެރިންނާއި އިސްމަގާމުތައް ފުރުއްވާ ބޭފުޅުންނަކީ ރައްޔިތުން ނިންމާފައިވާ ވަކި މުއްދަތަކަށް މަސްއޫލިއްޔަތު އަދާކުރައްވަން ޖެހިވަޑައިގަންނަވާ ބޭފުޅުންކަން ފާހަގަކުރައްވަމުން އެ މަނިކުފާނު ވިދާޅުވީ އެ މުއްދަތު ހަމަވުމުން އެކަމަށް އިހްތިރާމް ނުކުރުމަކީ ރައްޔިތުންގެ ނިންމުމަށް އިހްތިރާމް ކުޑަކޮށް އެ ނިންމުމަށް ގޮންޖެހުންކަމުގައި ގަބޫލުފުޅުކުރައްވާކަމަށެވެ. އަދި އެފަދަ ބޭފުޅުން ކުރިއަށް އޮތް ތަނުގައިވެސް ޒިންމާދާރުކަމާއެކު ސަރުކާރު ޖަވާބުދާރީކޮށް، ރައްޔިތުންގެ އިހްތިރާމާ ލޯބި ލިބޭނެ ގޮތަށް މަސައްކަތްކުރައްވާނެކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.