އަތުކުރި ގަޑި އަކީ ތަފާތު އެކި ސައިޒުގައި، އެކި ސްޓައިލްގައި ހުންނަ އެއްޗެކެވެ. އަދި އެކި އެކި މުނާސަބަތްތަކަށް ގަހަނާ އާއި އެކީގައި އާއި، ފެޝަނެއްގެ ގޮތުގައި ބޭނުންކުރާ އެއްޗެކެވެ. މިކަމަށް އަންހެން ފިރިހެން ތަފާތެއް ނެތެވެ. އެހެންނަމަވެސް އަތުކުރި ގަޑި އެޅުމުގައި ބައެއް މީހުން ޤަބޫލުކުރާ ގަބޫލްކުރުންތައް އެބަހުއްޓެވެ. ވަކި ގޮތަކަށް ގަޑި އެޅުމަށް އެމީހުން އިސްކަން ދެއެވެ. ޒަމާނީ ފެޝަނަށްވުރެ ގަދީމީ ވިސްނުން އިސްކޮށްގެން އަތުކުރި ގަޑި ވެސް އަޅުވެތިކޮށްފައިވާ ކަހަލަ ގޮތަކަށް ބޭނުންކުރެއެވެ. ދެޖިންސުގެ މީހުން ބޭނުންކުރުމަށްވެސް އެޖިންސަކާއި ގުޅޭ ގަޑި އުފައްދާފައި ހުރެއެވެ. އަދި އެކި މީހުން ގަޑި ބޭނުންކުރާ ގޮތް ތަފާތެވެ. އެއްބަޔަކު ކަނާތުގައި ގަޑީގެ މޫނު ބޭރަށް ފެންނަ ގޮތަށް އަޅާއިރު އަނެއްބަޔަކު ވައަތުގައި މޫނު އެތެރެއަށް އަޅާތަން ވެސް ފެނެއެވެ. އަތުކުރި ގަޑި ކަނާތުގައި އެޅުމަށްވުރެ ވައަތުގައި އެޅުމަކީ ރަނގަޅު ގޮތެކޭ ބުނާނެ ޖާގައެއް ނެތެވެ. އެހެންނަމަވެސް ކަނާތުގައި ގަޑި އެޅުމަށްވުރެ ވައަތުގައި ގަޑި އެޅުމުން އެއިން ފައިދާތަކެއް ލިބޭކަމަށް ބައެއް މީހުންބުނެެވެ. އެގޮތުން ގަޑި ހަމަ ކުރުމާއި، ބެލުމަށް ފަސޭހަކަމަށް އެފަރާތްތަކުން ބުނެއެވެ. އަދި ކަނާތްތެރިން ކަނާތުގައި ގަޑި އަޅާފައި އޮތުމުން އެހަލާކުވުމުގެ ފުރުސަތު ބޮޑުކަމަށްވެސް އެފަރާތްތަކުން ދެކެއެވެ. ސަބަބަކީ ކުއްލިއަކަށް ދިމާވާކަމަކުން ސަލާމަތްވުމަށް ނޭނގި ނަމަވެސް ކަނާތް ދިއްކޮށްލެވޭއިރު ގިނަ ފަހަރަށް ގަޑިއަށް ގެއްލުންވާތީއެވެ. ގިނަމީހުން އެއްބަސްވާ ގޮތުގައި ކަނާތުގައި ގަޑި އެޅުމަށްވުރެ ރަނގަޅީ ވައަތުގައި އެޅުމެވެ. ސަބަބަކީ ގިނަ ވަގުތު މަސައްކަތުގައި އުޅޭ އިރުވެސް ގަޑި ބަލާލަން ފަސޭހަވާނީ ވައަތުގައި އޮތުމުން ކަމަށްވާތީ އެވެ. އެހެނީ ގިނަ މީހުންނަކީ ކަނާތްތެރިންނެވެ. އެހެންނަމަވެސް ބައެއް މުނާސަބަތްތަކުގައި އަންހެނުން ކަނާތުގައި ގަޑި އަޅައިގެން އުޅުމަކީ ފެޝަނެކެވެ. ކޮންމެ އަތެއްގައި ގަޑި އެޅުމަކީ މައްސަލައެއް ނޫންކަމަށް ގިނަބަޔަކު އެއްބަސްވާއިރު އަތުކުރީ ގަޑިއެއް އެޅުމުގައި ވިސްނާލަންޖެހޭ ބައެއް ކަންކަން ހުރެއެވެ. އެގޮތުން އަޅާ ގަޑިއަކީ މާބޮޑު ގަޑިއަކަށް ވުން ރަނގަޅެއް ނޫނެވެ. އާއްމުކޮށް ފިރިހެނުންގެ ގަޑީގެ މޫނު މަތީގައި ހުންނާނީ 34 ނުވަތަ 50 މިލިމީޓަރެވެ. އަދި އަންހެނުން އަޅާ ގަޑީގެ މޫނުމަތީގައި ހުންނާނީ 34 ނުވަތަ 40 މިލިމީޓަރެވެ. މީގެ އިތުރުން ފެޝަނާއި އެއްގޮތަށް ގަޑި ބޭނުންކުރާނަމަ ގަޑީގެ މޫނުމަތި އަތުގެ ބޭރުކަށިގަޑުގައި ޖެހޭގޮތަށް ކުޑަހުޅު ކައިރީގައި އެޅުން ރަނގަޅެވެ. އަދި އަތްދިގު ގަމީސް ލާފައި ހުންނައިރު އަތް ލަންބާލުމުން ގަޑި ފެންނަވަރަށް ހުރުން ރަނގަޅެވެ. ނަމަވެސް ގަމީސްމަތިން ގަޑި އެޅުން ރަނގަޅެއް ނޫނެވެ.