English Edition
Dhivehi Edition

އައްޑޫ ސިޓީ ހިތަދޫ ސްޓޭޑިއަމް މަރާމާތުކުރުމަކީ މިނިސްޓްރީން އެންމެ އިސްކަންދިން އެއް ކަންތައްކަމުގައި ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު، ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުންނެވެ.

މެންބަރު ނާޒިލު އެދިވަޑައިގަތީ އައްޑޫގައި މީހުން ދިރިއުޅޭ އެއްވެސް ރަށެއްގައި މި ސަރުކާރުން މިހާތަނަށް ކުޅިވަރު ކުރިއެރުވުމުގެ ރޮނގުން އެއްވެސް މަސައްކަތެއް ކުރެވިފައިވޭތޯ އާއި އެފަދަ ކަމެއް ކުރެވިފައިވާނަމަ އެކަމުގެ ތަފްސީލު ހޯދުމަށެވެ.

އެހެންކަމުން މިނިސްޓަރ ރާފިއު ވަނީ އެންމެ ފުރަތަމަ ރިޕެޔާ އެންޑް މެއިންޓެނެންސްގެ ގޮތުގައި ފުރިހަމަ ކުރެވުނު ޕްރޮޖެކްޓަކީ ވެސް އައްޑޫ ސްޓޭޑިއަމް މަސައްކަތް ނިންމުން ކަމަށް ވިދާޅުވެފައެވެ. އަދދި އެތަނުގައި އިންޓަރ ސްކޫލް އެތްލެޓިކްސް މުބާރާތެއް ވެސް ބާއްވާފައިވާކަން މިނިސްޓަރު ފާހަަގަކުރެއްވިއެވެ.

މީގެ އިތުރުން ބަޖެޓުގެ ދަތިކަން އެބަހުރި ކަމަށާއި މަޝްރޫއެއް ކުރިއަށް ގެންދިޔުމަށް އެކަށީގެންވާ ފައިސާއެއް ނެތްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި އެގޮތުން، ބަޖެޓުގައި ހިމަނާފައި ހުރި މަޝްރޫއުތައް އެއްކޮށްލުމުން ދެ އަހަރުގެ ބަޖެޓަށް ވުރެ ވެސް ބޮޑު ކަމަށް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ މަޝްރޫއުތަކުގެ ތެރެއިން އިސްކަންދޭނީ އެ ރަށަކުން ބޭނުންވާ އެންމެ މުހިންމު މަޝްރޫއުތަކަށް ކަމަށާއި ކައުންސިލްތަކާ ވާހަކަދައްކައިގެން އެކަން އެގޮތަށް ކުރިއަށްގެންދަން ނިންމާފައިވާ ކަމަށެވެ.