English Edition
Dhivehi Edition

އަތްދަބަހެއް ވަގަށް ނެގި 2 މީހަކާއި ވޮލެޓެއް ފޭރުނު 2 މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ ވައްކަމުގެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ އުމުރުން 36 އަހަރުގެ ތ. ތިމަރަފުށީ ލަކީ ހައުސް ސޮފްވާން އަލީ އާއި އުމުރުން 40 އަހަރުގެ ގއ. ވިލިނގިލި ޒިއުރިކްވިލާ ހަސަން ތައުފީގް އެވެ.

ފުލުހުން ބުނީ މިއަދު ހެނދުނު 10:50 ހާއިރު މާފަންނު ޕޮލިސް ސްޓޭޝަންގެ ފުލުހުން ޕެޓްރޯލް ކުރަމުންދަނިކޮށް، ރަސްފަންނު މޫދަށް އެރި އުޅުނު ބައެއްގެ އަތް ދަބަސް ގަސްތައް ކައިރީގައި ބާއްވާފައި އޮއްވާ ވަގަށް ނަގާފައިވާ ކަމަށް މައުލޫމާތު ދީފައިވާ ކަމަށެވެ.

އެއާއެކު ދަބަސް ނެގި މީހުން ހޯދުމަށް ސީސީޓީވީ ފުޓޭޖް ބަލައި އެމީހުން ދެނެގަތުމަށްފަހު، އެ މީހުން ހޯދުމަށް ކުރި މަސައްކަތުން މަޖީދީ މަގު، ދިލްބަހާރު މަގު ގުޅޭ ހިސާބުން 11:50 ހާއިރު އެ މީހުން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން އިތުރަށް ބުނީ ރަސްފަންނުން އެ މީހުން ވަގަށް ނެގި އަތް ދަބަސް ހޯދާފައިވާ ކަމަށެވެ. އަދި އަތްދަބަހާއި އޭގައި އޮތް މޯބައިލް ފޯނާއި އެހެނިހެން ތަކެތި ވެސް ހޯދާ، ވެރިފަރާތާ ހަވާލުކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފޭރުމުގެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ސ. މަރަދޫ ސަލްޓަންވިލާ އުމުރުން 31 އަހަރުގެ މުހައްމަދު ރިމާހް އަދި ހަމައެގޭ އުމުރުން 39 އަހަރުގެ އިބްރާހިމް ޝުޖާއުއެވެ.

ފުލުހުން ބުނީ މިއަދު ހެނދުނު 9:40 ހާއިރު ހެންވޭރު ޕޮލިސް ސްޓޭޝަންގެ ފުލުހުން ޕެޓްރޯކުރަމުންދަނިކޮށް، ސޯސަން މަގު ސައިކަލެއްގައި ދިޔަ 2 މީހަކު ބިދޭސީއެއްގެ ވޮލެޓް ފޭރިގަނެގެން ދިޔަކަމުގެ މައުލޫމާތު ދީފައިވާ ކަމަށެވެ. އަދި ފުލުހުން އެ ސައިކަލު ފަހަތުން ގޮސް ސައިކަލު ދުއްވި މީހާ ކަސްތޫރިމަގުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.

އެ ސައިކަލު ފަހަތުގައި އިން މީހާ އެ ހިސާބުން ގެއަކަށް ވަން ކަމުގެ މައުލޫމާތު ލިބުމުން އެ މީހާ ހޯދާ، ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް އޭނާ ހުރިތަން ބަލައިފާސްކުރި އިރު، ބިދޭސީ މީހާ އަތުން ފޭރުނު ވޮލެޓް ފެނިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި އޭނާ ބަލައިފާސްކުރި އިރު އެ ވޮލެޓުގައި ހުރި ޔޫއެސް ޑޮލަރު، އޮސްޓްރޭލިއަން ޑޮލަރު އަދި ދިވެހި ފައިސާ ފެނިފައިވާ ކަމަށާއި މިތަކެތި ވެރިފަރާތާއި ހަވާލުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ މި 2 މައްސަލަ ވެސް ތަހުގީގު ކުރަމުންދާ ކަމަށެވެ.