އައްޑޫ ސިޓީ ހިތަދޫގައި މަސްތުވާތަކެތީގެ މައްސަލައެއްގައި ކޯޓު އަމުރެއްގެ ދަށުން، އިއްޔެ ހިތަދޫ އެޕާޓްމަންޓެއް ބަލާފާސްކޮށްފައިވާކަމަށް ފުލުހުން ބުނެފިއެވެ.
އިއްޔެ ހިތަދޫގައި ހިންގި އޮޕަރޭޝަނުގައި އަންހެނަކު ފެންވަރަން ހުއްޓާ ފުލުހުން ކޮޓަރިއަށް ވަދެފައިވާކަމަށް ބުނެ ގިނަ ބައެއްގެ ފާޑުކިޔުންތަކަށް އަމާޒުވެފައިވާއިރު ފުލުހުން ވަނީ މި ހާދިސާގެ މައުލޫމާތު ހިއްސާކޮށްފައެވެ.
އެގޮތުން ފުލުހުން ބުނީ އެ އެޕާޓަމަންޓަށް ވަނުމަށް ދޮރު ހުޅުވުމަށް ތަކުރާރުކޮށް ފުލުހުން އެދުމުން ވެސް ދޮރު ނުހުޅުވުމުން އެތަނަށް ފުލުހުން ވަދެފައިވަނީ ބާރުގެ ބޭނުންކޮށް ދޮރުވައްޓާލައިގެން ކަމަށެވެ. އަދި އެތަނުގައި ދެ ކޮޓަރިއެއްގެ ދޮރު ހުޅުވުމަށް ތަކުރާރުކޮށް އެދުމުންވެސް ދޮރު ނުހުޅުވުމުން އެ ދެކޮޓަރިއަށްވެސް ބާރުގެ ބޭނުންކޮށްގެން ކަަށް ފުލުހުން ވަނީ ބުނެފައެވެ.
މީގެ އިތުރުން ފުލުހުން ބުނީ އޭގެ ތެރެއިން އެއް ކޮޓަރީގައި ފެން ވަރައިގެން ނުކުތް އަންހެނަކު ހުރުމުން ފުލުހުން ވަނީ ދޮރުލެއްޕުމަށްފަހު ކޮޓަރިން ނުކުރުމަށް ފުރުސަތު ދީފައިކަމަށެވެ. އަދި އެޕާޓަމަންޓުގެ އެއްވެސް ފާހާނާއެއްގެ ދޮރު ވައްޓާލައިގެން ވަދެފައި ނުވާކަަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި މި އޮޕަރޭޝަނުގައި ހަރަކާތްތެރިވި ފުލުހުން ބޮޑީ ވޯން ކެމެރާ ބޭނުންކޮށްފައިވާ ނުވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން ބުނީ މި އޮޕަރޭޝަން ހިންގުމުގައި ބާރުގެ ބޭނުން ކުރި ގޮތުގެ ރިވިއުއެއް ހަމަޖެހިފައިވާ އުސޫލެއްގެ ތެރެއިން ކުރުއަށް ގެންދާނެ ކަމަށެވެ.