English Edition
Dhivehi Edition

އަންހެނުން ބާރުވެރިކުރުވުމުގެ ގޮތުން މެޑަމް ފާތުމަތު އިބްރާހިމް ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ތެރެއިން، އަންހެން ކަނބަލުންނަށް ހާއްސަކޮށްގެން އައްޑޫ ސިޓީ ހުޅުދޫ މީދޫގައި ކުރިއަށް ގެންދިޔަ ބޭސިކް ކޭކް ޑެކަރޭޝަން ކޯސް ނިންމާލައިފިއެވެ

ރޭ ޝަރީފީ ޕްރީ ސްކޫލްގައި ކޯސް ނިންމުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ބޭންކް އޮފް މޮލްޑިވްސް ހުޅުމީދޫ ބްރާންޗްގެ މެނޭޖަރ މަރްޔަމް ޝަޒްލީންއެވެ.މި ހަފްލާގައި ބައިވެރިންގެ މަސައްކަތް ދައްކާލުމުގެ އިތުރުން އެންމެ ރަނގަޅު މަސައްކަތްތަކެއް ކޮށް، އެންމެ ރީތި ތިން ކޭކު އެޅި ފަރާތްތަކަށް ވަނީ އިނާމް ހަވާލުކޮށްފައެވެ. އެންމެ ރީތި ކޭކެއް އަޅައިގެން އެއްވަނަ ޝަޒާ މުހައްމަދު ހޯދި އިރު ދެވަނަ ހޯދާފައިވަނީ ޖިނާން މުހައްމަދު ދީދީއެވެ. ތިންވަނަ އަށް އެންމެ ރީތި ކޭކަށް ހޮވިފައިވަނީ ލަޖްނާ އިބްރާހީމް ގެ ކޭކެވެ

ރޭގެ ހަފްލާގައި ބައިވެރިންނާއި މުހާތަބުކޮށް ވާހަކަ ދައްކަވަމުން ހަފްލާގެ ޝަރަފުވެރި މެހެމާނާ ޝަޒްލީން ވަނީ ޒުވާނުން ވިޔަފާރި އާއި މަސައްކަތުގެ ދާއިރާއަށް އަހުލުވެރިކުރުވުމާއި ބެހޭ ގޮތުން މައުލޫމާތު ހިއްސާކޮށްފައެވެ. މީގެ އިތުރުން ކޯހުން ދަސްވި އެއްޗެއްގެ ބޭނުން އެންމެ ރަގަޅުގޮތުގައި ހިފުމަށް ޝަޒްލީންވަނީ ކޯހުގެ ބައިވެރިންނަށް ނަސޭހަތް ދެއްވާފައެވެ. ކޯހުގެ ބައިވެރިންގެ ފަރާތުން ވާހަކަދައްކަވަމުން ޝަރީފާ ވަނީ ރަށުގައި ތިބެގެން ހިލޭ މިފަދަ ކޯހެއް ފުރިހަމަކުރުމުގެ ފުރުސަތު ހޯދައްވައި ދެއްވި ކަމަށްޓަކައި މޭޑަމް ފާތުމަތު އިބްރާހީމްއަށް ޝުކުރު ދަންނަވާފައެވެ. އަދި މިކަހަލަ ގިނަ ފުރުސަތުތަކެއް ހޯދައްވައި ދެއްވައި އަންހެނުން ބާރުވެރިކުރުވުމަށް މޭޑަމް ކުރައްވާ މަސައްކަތްތަކައް އިތުރު ކާމިޔާބީ އަށް އެދި ވަޑައިގެންފައެވެ

22 ޑިސެމްބަރ 2017 އިން ފެށިގެން 10 ދުވަހަށް ކުރިއަށް ގެންދިޔަ މި ކޯހުގައި ޖުމްލަ 30 ބައިވެރިންވަނީ ކޯސް ފުރިހަމަކޮށް ސެޓްފިކެޓް ހާސިލްކޮށްފައެވެ