English Edition
Dhivehi Edition

ދިވެހިޤައުމު ތަރައްޤީ ކުރުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރާ އަދި އަދާކުރެވޭނެ އެއްބަޔަކީ ދިވެހި އަންހެނުން ކަމާމެދު ޝައްކެއް ނެތެވެ. އެހެނީ އަންހެނުންނަކީ ޤައުމުގެ އާބަދީގެ ދެބައިކުޅަ އެއްބައި ކަމުގައި ވާތީއެވެ. އަރަމުން އަންނަ ޖީލަށް އަބަދުވެސް ހެޔޮތަރުބިޔަތާއި، އަގުހުރި ތަޢުލީމު ދިނުމަށް އެހީތެރިވާ މީހުން ކަމުގައި ވާތީއެވެ. ހަމައެހެންމެ ޢާއިލީ ދިރިއުޅުމުގެ ބުރަ މަސްޢޫލިއްޔަތުވެސް އުފުލަމުން، ޤައުމީ ތަރައްޤީއަށް ކުރެވޭ އިޤުތިޞާދީ އަދި އިޖުތިމާޢީ އަދި އެހެނިހެން މަސައްކަތްތަކުގައި ބައިވެރިވާ ކުޅަދާނަ ބަޔަކަށް ވާތީއެވެ. އެބައިމީހުން އަދާކުރަމުންގެންދާ މުހިންމު ދައުރުތަކަކީ މީހަކު ނުވަތަ ބަޔަކު ބުނެގެން އަދާކުރަމުންދާ ދައުރުތަކެކޭވެސް ބުނެވޭކަށް ނެތެވެ.

ޖަމާޢަތެއް އަދި ޤައުމެއްކަމެއްވިޔަސް އެތަނެއް ތަރައްޤީވެ ކުރިއަރާދާނީ އެތަނެއްގައި ދިރިއުޅޭ މީހުންނަށް ރަނގަޅު ތަރުބިއްޔަތެއް ލިބިގެންނެވެ. މިފަދަ މުހިންމު ކަމަކަށް ބޭނުންވަނީ އެތަނެއްގައި ދިރިއުޅޭ މީހުންގެ އެއްބާރުލުމެވެ. ސަބަބަކީ ތަރައްޤީގެ ޙަޤީޤީ މޭސްތިރިންނަކީ އިންސާނުންކަމަށްވުމެވެ. އިންސާނުންގެތެރޭގައި އަންހެނުންވެސް ހިމެނުމެވެ. ހަމައެހެންމެ ކާމިޔާބު ކޮންމެ ދިރިއުޅުމެއްގައި އަންހެނުންގެ ދައުރު ބޮޑުވުމާއި ދުނިޔެ ޙާޞިލުކުރަން ބޭނުންވާ ކަންކަމުގައި އަންހެނުންގެ ފަރާތުން އެދެވޭ ކާމިޔާބީތަކެއް ލިބިފައި ވުމީވެސް ޤައުމީތަރައްޤީއަށް އަންހެނުން މުހިންމުވާ ސަބަބެކެވެ. ދިވެހިރާއްޖޭގެ ތާރީޚަށް ބަލާއިރު، ޤައުމުގެތަރައްޤީއަށް އަންހެނުން މަސައްކަތް ނުކުރާ ދުވަސްވަރެއްނެތެވެ. ޚާއްޞަކޮށް ޤައުމީ ތަރައްޤީއަށް ބޭނުންވާ މީހުން ތައްޔާރު ކުރުމުގެ މަސައްކަތެވެ. ވުމާއެކު ޤައުމީތަރަށްޤީއަށްޓަކައި އަންހެނުންނަށް އަދާކުރެވޭނެ އެންމެ މުހިންމު ދައުރަކީ އާއިލީ ދިރިއުޅުން ބާއްޖަވެރިކުރުމަށް މަސައްކަތްކޮށް، ޢާއިލާގެ މެންބަރުންނަށް ރަނގަޅު ތަރުބިއްޔެތެއް ދިނުންކަމަށް ބެލެވެއެވެ.

ދިވެހިންގެތެރޭގައި ހިމެނޭ ގިނަ ޢާއިލާތަކުގެ ދިރިއުޅުމަށް ބަލާއިރު، ޢާއިލާގެ މެންބަރުން މި ދެންނެވިފަދަ ބިންގަލެއްގެ މަތީ ބޮޑެތިކުރުމަށް މައިންބަފައިން މަސައްކަތް ކުރެއެވެ. ޚާއްޞަގޮތެއްގައި މިފަދަކަންކަމަށް އިސްކަމެއްދެނީ މައިން ނުވަތަ އަންހެނުންނެވެ. ވުމާއެކު ޤައުމުގެ ތަރައްޤީއަށް އަންހެނުންދޭ ސަމާލުކަން، މިކަމުންދޭހަވެއެވެ. މީގެއިތުރުން ފާހަގަކުރަންޖެހޭ އަނެއްކަމަކީ، އަންހެނުންގެ ދައުރަކީ ހަމައެކަނި ބުއްދިއާއި ފިކުރުގެގޮތުން ދަރިން ތަރުބިޔަތު ކުރުން ނޫންކަމެވެ. މުސްތަޤުބަލަށްޓަކައި ޢާއިލީ ދިރިއުޅުން ރަނގަޅުކުރުމަށް ނުވަތަ އާމްދަނީ ހޯދުމަށް ކުރެވޭ ގިނަމަސައްކަތްތަކަކީ އަންހެނުންގެ ބެލުމުގެދަށުން ކުރެވޭ މަސައްކަތްތަކެވެ.

މަޖްލިސް ނައިބް ރައީސް އީވާ ޢަބްދުﷲ

ތަޢުލީމީގޮތުން މޮޅު، ރަނގަޅު ތަރުބިއްޔަތެއް ލިބިފައިވާ ދަރިންތަކެއް މުޖުތަމަޢުއަށް ނެރުމުގެ މަސައްކަތް ދިވެހި އަންހެނުން އަބަދުވެސް ކުރެއެވެ. ކުރީގެ ދުވަސްތަކަށް ބަލާއިރު،ދަރިންނަށް ރަނގަޅު ތަޢުލީމާއި ތަރުބިއްޔަތު ދިނުމަށް އުފެއްދި އެދުރުގެތަކާއި މަކުތަބު، މަދަރުސާތުގެ ޙަޤީޤީ މުދައްރިސުންނަކީ އަންހެނުންނެވެ. މައިންގެ އުނގުންފެށިގެން އެޅި ތަޢުލީމީ ބިނާތަކުގެ ބިންގާ އަދު ވަނީ ހީނުކުރާހާ މިންވަރަށް ވަރުގަދަކޮށްފައެވެ. މިކަން ރާއްޖޭގެ ހުރިހާ ކަންކޮޅުތަކުން މިދަނީފެންނަމުންނެވެ. މިދެންނެވި ވާހަކަތަކުގެ ޙަޤީޤަތް ހާމަކޮށްދެނީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ޖަމާއަތްތަކުން މިއަދު ތަޢުލީމަށް ކުރަމުންދާ ގިނަގުނަ ހޭދައާއި ޚިދުމަތްތަކުންނެވެ. ސްކޫލްތަކާއި ކޮލެޖްތަކުގެ އިތުރުން ޔުނިވަރސިޓީތަކުގައި އަންހެނުން ގިނަވުމުން، ޤަބޫލުކުރަންޖެހޭ ހަގީގަތަކީ ޤައުމު ތަރައްޤީ ކުރުމަށް ބޭނުންވާ މީހުން އުފެއްދުމުގައި މިހާރުވެސް އަންހެނުން ޙަރަކާތްތެރިވާފަދައިން މުސްތަޤުބަލުގައިވެސް ޙަރަކާތްތެރިވާނެކަމެވެ.

ސްކީމް ޖަމްއިއްޔާ: ލީޑަރޝިޕްގައި އަންހެނުން

ތައުލީމީ ދާއިރާ އެކަންޏެއް ނޫނެވެ. ދިމާވި ކޮންމެ ދިމާލަކުން ފެންނަނީ އަންހެނުންގެ ޚިދްމަތްތަކެވެ. މަދަނީ ޖަމްއިއްޔާތައް އުފައްދައި ހިންގުމާއި މިފަދަ ޖަމްއިއްޔާތަކުން ރައްޔިތުންނަށް އެކި ސިފަސިފައިގައި ކޮށްދޭ ޚިދްމަތްތަކަކީ ފާހަގަ ކޮށްލެވޭ ކަމެކެވެ. އަޅުގަނޑުމެން ކުޑައިރު އިވޭ ލަވައިގައިވެސް ޅެންވެރިޔާ ބުނަނީ ” މަސްއޮޑިމަހުން ލެފީމާ، މަސްބައި ގެއަށް ގެނައިމާ، މަސް ލާރިޔަށް އެހަދަނީ މަސްވެރިވި އަންހެނުންނޭ ” ވަރަށްވެސް ބޮޑު ތެދެކެވެ. އެކަނބަލުންގެ އަގުހުރި މަސައްކަތުން އެބައިމީހުންގެ ފިރިން ގެންނަ މަސް ކައްކާ ހިއްކާ އެމަހަށް ލާރި ހޯދައިދެނީ ގޭތެރޭގައި ހަތްހަނގުރާމަ ބަލަހައްޓަމުންނެވެ. ސިއްޙީ ދާއިރާގައި މަސައްކަތު މީހާއިން ފެށިގެން ނަރުހުން، ޑޮކްޓަރުން އަދި އިދާރީ މަސައްކަތުގެ އިތުރުން ކަމާބެހޭ ވުޒާރާގެ ވެރިންނަށްވެސް އަންހެނުނެވެ. ޤާނޫނު ހަދާ މަޖްލީހާއި ވަޒީރުންގެ މަޖްލީހުގައިވެސް އެންމެ އެކްޓިވްކޮށް ޙަރަކާތްތެރިވަނީ މިދެންނެވި ބަޠަލާއިންނެވެ. ދަންނަވަންޖެހެނީ ޤަވްމީ ތަރައްޤީގައި އަންހެނުންގެ ދައުރު ފުޅާވެފައި ބޮޑުކަމަށެވެ.

މަތީގައި ބަޔާންކުރެވުނު ގިނަމަޢުލޫމާތުގެ އަލީގައި ޤަބޫލުކުރަންޖެހެނީ ދިވެހިރާއްޖޭގެ ތަރައްޤީގައި އަންހެނުން އަދާކުރަމުންދަނީ ވަރަށް މުހިންމު ދައުރެއްކަމެވެ. އަންހެނުން އެބައިމީހުންގެ އަމިއްލަ މަސައްކަތާއި ހިތްވަރުން ފަސްޖެހުމެއްނެތި އެއްދުވަހުން އަނެއްދުވަހަށް ޤައުމީތަރައްޤީއަށް ކުރެވޭ ކަންކަމުގައި ޙަރަކާތްތެރި ވަމުންދާ މިންވަރު އިތުރުވަމުންދާކަމެވެ. ވަކިދާއިރާއެއްނެތިއެވެ. ޚާއްޞަގޮތެއްގައި ޤައުމީ އުފެއްދުންރިކަމުގެ ދާއިރާގައި އެބައިމީހުންގެ ޙިއްޞާ ވަރަށް ބޮޑެވެ. ވުމާއެކު ޤައުމީތަރައްޤީގައި އެބައިމީހުން ބައިވެރީވާ މިންވަރަށް ބަލާއިރު، ކުރިއަށް އޮތް ދުވަސަތަކުގައި މިހާރު ބައިވެރިވާ މިންވަރުގެ ދެގުނަ އިތުރުވުމަކީ ނުވެނުދާނެކަމެކެވެ. ސަބަބަކީ މިހާރުވެސް ޤައުމީތަރައްޤީއަށް ބޭނުންވާނެ މީހުން ބިނާކުރުމުގެ މަސައްކަތުގައި އެބައިމީހުންގެ ދައުރު ބޮޑުވަމުން ދިއުމާއި ދުޅަހެޔޮ އާބާދީއަކަށް ހެދުމަށް ކުރެވޭ މުހިންމު މަސައްކަތްތަކުގައި އަންހެނުންގެ ދައުރު އިތުރުވަމުންދިއުމެވެ. ވުމާއެކު، ޢާއިލީ ބުރަމައްސޫލިއްޔަތު އަދާކުރަމުންވެސް ޤައުމީ ތަރައްޤީއަށް އަންހެނުން އަދާކުރަމުން އަންނަ މި މުހިންމު މަސައްކަތްތަކުގެ ނަތީޖާއަކަށްވާނީ ދިވެހިޤައުމަށް ފާގަތި މުސްތަޤުބަލެއްލިބި ޤައުމީތަރައްޤީގެ ހުރިހާކަމެއް އަންހެނުންގެ ދައުރު އިތުރުވެގެން ދިއުމެވެ.