ކުދިކުދި ލެބޯޓަރީ ޓެސްޓްތައް މިހާރު ހުރިހާ ރަށެއްގެ ސިއްހީ މަރުކަޒުތަކުންވެސް ހެދޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ވެހިރާއްޖޭގެ މިނިވަންކަމަށް 59 އަހަރު ފުރުމުގެ މުނާސަބަތު ފާހަގަކުރުމުގެ ގޮތުން ބޭއްވި ރަސްމީ ޖަލްސާގައި ރައީސް ވިދާޅުވީ ކުދިކުދި ލެބޯޓަރީ ޓެސްޓްތައް މިހާރު ހުރިހާ ރަށެއްގެ ސިއްހީ މަރުކަޒުތަކުން ހެދޭނެކަމަށާ މި ހިދުމަތް ދިނުމަށް މި ސަރުކާރުން ‘ޕޮއިންޓް އޮފް ކެއާ” ވަސީލަތްތައް ހުރިހާ ރަށެއްގައި ގާއިމުކޮށްފައިވާކަމަށެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ ސަރުކާރުން ވެފައިވާ ވައުދާ އެއްގޮތަށް ފެންވަރު ރަނގަޅު ބޭސް ފޯރުކޮށްދިނުމުގެ މަސައްކަތް މިހާރު ފަށާފައިވާކަމަށެވެ. އަދި އާސަންދަ މެދުވެރިކޮށް އައިވީއެފް ޓްރީޓްމަންޓް ހިދުމަތް ދިނުމަށާ، އަދި ސިއްހީ ދާއިރާގެ ގިނަ ހިދުމަތްތައް ތައާރަފުކުރުމަށް މި ސަރުކާރުން މަސައްކަތްކުރަމުން އަންނަކަމަށް ރައީސް ވިދާޅުވިއެވެ. އިތުރަށް ރައީސް ވިދާޅުވީ ހުޅުމާލޭގައި ތެލެސީމިއާ ހިދުމަތް ދޭ ހޮސްޕިޓަލެއް ގާއިމުކުރުމަށް ބިން ކަނޑައަޅާފައިވާކަމަށާއި، މިތަން ފުރިހަމަ ކުރެވުމުން ތެލެސީމިއާގެ ހުރިހާ ހިދުމަތެއް ފޯރުކޮށްދެވި ވަށާޖެހޭ ގޮތެއްގައި މިހިދުމަތް ރައްޔިތުންނަށް ދެވޭނެކަމަށެވެ.
މީގެ އިތުރުން އެ މަނިކުފާނު ވިދާޅުވީ ސިއްހީ ދާއިރާ ކުރިއަރުވައި އެ ދާއިރާގެ ފުދުންތެރިކަން އިތުރުކުރުމަށް މި ސަރުކާރުން ހާއްސަ ސަމާލުކަމެއް ދެމުން އަންނަކަމަށެވެ. އެ ގޮތުން އެއާ އެމްބިއުލާންސްގެ ހިދުމަތް ތައާރަފުކުރެވި އެ ހިދުމަތުގެ ފަސޭހަ ދިވެހި ރައްޔިތުންނަށް މިއަދު ލިބެމުން ދާކަމަށެވެ. މި ސަރުކާރުގެ ވައުދާ އެއްގޮތަށް ހިލޭ ބޯން މެރޯ ފަރުވާ ދިނުން ކުރިއަށްދާަކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ މިހާތަނަށް 14 ފަރާތަކުން މި ހިދުމަތް ހޯދަމުން ދާކަމުގައެވެ. އަދި އޭގެތެރެއިން 3 ފަރާތަކުން މި ފަރުވާ ފުރިހަމަ ކޮށްފައިވާކަން އެ މަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.