އިރާނުގެ ސަރުކާރާ ދެކޮޅަށް އެގައުމުގައި ކުރަމުންގެންދާ މުޒާހަރާތައް ހޫނުވެ މިހާތަނަށް ދިހަ މީހުން މަރުވެއްޖެއެވެ.
ހޯމަ ދުވަހު އިރާނުގެ ގައުމީ ޓީވިން ބުނެފައިވަނީ އެގައުމުގެ ސަރުކާރާ ދެކޮޅަށް ކުރަމުންދާ މުޒާހަރާތައް ހޫނުވެ މިހާތަނަށް ދިހަމީހުން މަރުވެފައިވާ ކަމަށެވެ. މި މުޒާހަރާގައި މިހާތަނަށް އެތައް ސަތޭކަބަޔަކު ވަނީ ހައްޔަރު ކޮށްފައެވެ.
އިރާނުގެ ވެރިކަމާ ދެކޮޅަށް ކުރަމުންދާ މި މުޒާހަރާތަކުގެ ސަބަބުން އިރާނުގެ ރައީސް ހަސަން ރުޙާނީ ބުނެފައިވަނީ އިރާނުގެ ކޮންމެ ރައްޔިތަކަށް ވެސް އެމީހެއްގެ ޚިޔާލު ފާޅު ކުރުމުގެ މިނިވަންކަން ލިބިފައިވާ ކަމަށެވެ. ނަމަވެސް އޭނާ ވަނީ މުޒާހަރާ ތަކުގައި ތަންތަނަށް ގެއްލުންދީ ހަމަނުޖުހުންތަކަށް ބާރުއަޅާ ފަރާތްތަކަށް ހައްގު އަދަބު ދެއްވާނެ ކަމުގެ އިންޒާރު ދެއްވާފައެވެ.
މިހާރު ކުރެވެމުން މިދާ މުޒާހަރާ ތަކަކީ އިރާނުގެ ވެރިކަމާ ދެކޮޅަށް 2009 ވަނަ އަހަރުގެ ހަމަނުޖެހުންތަކަށްފަހު ކުރެވޭ އެންމެ ބޮޑު މުޒާހަރާއެވެ.
އެ ހަމަނުޖެހުންތަކުގައި ގިނަމީހުން ދަނީ އިރާނުގެ ރޫޙާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީއާ ދެކޮޅަށް އަޑުއުފުލަމުންނެވެ. އަދި އެނާ އިރާނުގެ ވެރިކަމުގެ ކަންކަމާ ދުރުވެވަޑައިގަތުމަށް ދަނީ ގޮވައިލަމުންނެވެ.
މި މުޒާހަރާތައް ފެށިގެން ދިޔައީ އިރާނުގެ ސަރުކާރަށް ކުރުމަތި ކުރުވާފައިވާ ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކާއި އަދި އިރާނުގެ އިޤްތިސާދީ ހާލަތު ދަށަށް ދިޔުމުގެ ސަބަބުންނެވެ.
މުޒާހަރާތަކުގެ ސަބަބުން އިރާން ސަރުކާރުން ވަނީ އިންސްޓަގްރާމް އަދި ޓެލެގްރާމް ފަދަ ބައެއް ސޯޝަލްމީޑިއާ ވެސް ބްލޮކް ކޮށްފައެވެ. އަދި ބައެއް ސަރަހައްދު ތަކުގައި އިންޓަނެޓް އަދި މުއާސަލާތީ ހިދުމަތް ވެސް ވަނީ މެދު ކަނޑާލާފައި ކަމަށް ރިޕޯޓްތައް ބުނެއެވެ.
އިރާނު ފުލުހުންދަނީ މުޒާހަރާތައް ކޮންޓްރޯލް ކުރުމަށް ފިޔަވަޅު އަޅަމުންނެވެ. އެގޮތުން ވެރިރަށް ތެހެރާނުގައި ވަނީ ސެކުއިރެޓީ ވަރަށް ވަރުގަދަ ކޮށްފައެވެ. އަދި އެއްވެ އުޅުމަށް މަސައްކަތްކުރާ ބަޔަކުވެސް ދަނީ ހައްޔަރު ކުރެވެމުންނެވެ.
އިރާނުގައި ކުރީގައި ކުރެވެމުން އައި ރަސްކަން ވަނީ 1979 ވަނައަހަރު ވައްޓާލައިފައެވެ. އޭރު އެކަމުގެ އެންމެ އިސް މޭސްތިރި އަކީ މިހާރުގެ ރޫޙާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީއެވެ. ރިޕޯޓުތައް ބުނާ ގޮތުން މުޒާހަރާ ތަކުގައި ބައެއް މީހުންދަނީ ރަސްކަމަށް ތާއިދުކޮށް ވަކާލާތު ކުރަމުންނެވެ.