ސަރުކާރުގެ ޢަޒުމަކީ ރައްޔިތުންނަށް އެންމެ ދަތިވެފައިވާ މައްސަލަތައް ހައްލުކުރުމުގައި ނަތީޖާ ނެރެދިނުންކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ “ނާރެސް ޕޯޓަލް” އަދި “އޮޕަރޭޝަން ކުރަނގި” ފޭސް 2 އިފުތިތާހު ކުރުމުގެ ގޮތުން މިރޭ ދަރުބާރުގޭގައި ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ޑްރަޑްގެ މައްސަލައާ ޤަވާޢިދާ ޚިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީ މަސައްކަތްތެރިންގެ މައްސަލައާ ގޭންގު ހަދައިގެން އެކިކަހަލަ ކުށްތަކަށް އަރައިގަންނަ ފަރާތްތަކުގެ މައްސަލައަކީ ދިވެހި މުޖުތަމަޢުގައި ވަރަށްބޮޑަށް ހައްލެއް ބޭނުންވެފައިވާ މައްސަލަތައް ކަމުގައެވެ. އަދި އެމައްސަލަތަކަށް ހައްލު ގެނެވިއްޖެނަމަ ރައްޔިތުންނަށް ވަރަށްބޮޑު ހިތްހަމަ ޖެހުމެއް ލިބިގެންދާނެކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލުތަކާއި އެކިއެކި ޖަމުޢިއްޔާ ޖަމާޢަތްތަކާއި އަދި ކަމާބެހޭ މިނޫން ހުރިހާ ފަރާތްތައްވެސް ގުޅިގެން މަސައްކަތްކޮށް އެހުރިހާ ފަރާތްތަކުގެ އެހީތެރިކަމާއެކު ރަނގަޅު ނަތީޖާތަކެއް ނެރެވޭނެކަން ފާހަގަކުރައްވައިފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ކައުންސިލުތައް ބާރުވެރިކުރުމަށް ސަރުކާރުން ދެއްވާ އިސްކަން ފާހަގަކުރައްވައި ކައުންސިލުތައް ބާރުވެރިކުރުމަށް މަގުފަހިކުރެއްވުމުގެ ގޮތުން ސަރުކާރުން އިޢުލާންކުރައްވާފައިވާ ބައެއް ކަންކަމުގެ މައްޗަށް އަލިއަޅުވައިލެއްވިއެވެ. އަދި ކައުންސިލުތަކުން ރައްޔިތުންނަށް ޚިދުމަތްދިނުމުގައި ޚަރަދުކުޑަކޮށް އެންމެ ރަނގަޅަށް ޚިދުމަތްދިނުމަށްޓަކައި ރަށްރަށުގެ ކައުންސިލަރުންގެ ޢަދަދަށް ގެންނަވަން އެދިވަޑައިގަންނަވާ ބަދަލާ ގުޅޭގޮތުން އެމަނިކުފާނުގެ ބައެއް ވިސްނުންފުޅުތައްވެސް ހާމަކުރެއްވިއެވެ. އެމަނިކުފާނު ވިދާޅުވީ މިކަންކަން ނިންމަވާނީ ކަމާގުޅޭ ފަންނީފަރާތްތަކުގެ މެދުގައި މަޝްވަރާކުރެވި އަދި ކަމާގުޅޭ ދިރާސާތަކަށްފަހުގައި ކަމަށެވެ.
ރޭ ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ނާރެސް ޕޯޓަލް، އިފުތިތާޙް ކޮށްދެއްވާފައެވެ. ނާރެސްޕޯޓަލަކީ އެޕޯޓަލް މެދުވެރިކޮށް އައިޑީކާޑް ހެދުމާއި އައިޑީކާޑު އެޕްލިކޭޝަންގެ ސްޓޭޓަސް ބެލުމާއި އަދި މާލެއެކޭ އެއްގޮތަށް ރަށްރަށުގެ ކައުންސިލުތަކުންވެސް އައިޑީކާޑު ދޫކުރެވޭނެ އިންތިޒާމުތައް ހަމަޖެހިފައިވާ ޕޯޓަލެކެވެ. މިރަސްމިއްޔާތުގައި “އޮޕަރޭޝަން ކުރަނގި” ފޭސް2 ވެސް ތަޢާރުފުކުރެވިގެން ދިޔައެވެ.”އޮޕަރޭޝަން ކުރަނގި” ފޭސް2 އެއީ ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީ މަސައްކަތްތެރިންގެ މައްސަލަ ޙައްލުކުރުމަށް ފެށުނު މަސައްކަތެކެވެ.
މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ މި ދެ ޚިދުމަތަކީވެސް ރައްޔިތުންނާ ގާތުން ޚިދުމަތްދިނުމަށް ސަރުކާރުން ކުރައްވަމުންގެންދަވާ މަސައްކަތުގެ ދަށުން ހުރިހާ ރަށެއް ޝާމިލުވާ ދެ ޚިދުމަތްކަން ފާހަގަކުރައްވާފައެވެ.
މި ރަސްމިއްޔާތުގައި، މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީއާ މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވާރކްސްއާ ދެމެދު، ގާނޫނު ތަންފީޒުކުރުމާއި ކުށްކުރުން މަދުކުރުމުގެ ގޮތުން ކައުންސިލުތަކާ ގުޅިގެން ރަށްރަށުގައި ޚާއްސަ ހަރަކާތްތަކެއް ރާވާ ހިންގުމަށް ބޭނުންވާ މައުލޫމާތާއި އެހީތެރިކަން ހޯދުމުގެ ގޮތުން ފަހުމުނާމާއެއްގައި ސޮއިކުރުން އޮތެވެ. އަދި ރައީސުލްޖުމްހޫރިއްޔާ “ހޯމް ޓީމަށް” ދެއްވާފައިވާ އަމާޒު މި ރަސްމިއްޔާތުގައި އިފުތިތާހު ކުރެވުނެވެ.
ރޭ ބޭއްވެވި މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފާއި ވަޒީރުންނާއި އަދި ސަރުކާރުގެ އެކި އިދާރާތަކުން އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.