English Edition
Dhivehi Edition
ފޮޓޯ: ޔޫރޯ ނިއުސް

ޔޫރަޕިއަން ޗެމްޕިއަންޝިޕް (ޔޫރޯ) ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗު މިރޭ ޖަރުމަނުގެ ބާލިންގެ އޮލިމްޕިއާ ސްޓޭޑިއަމްގައި ކުޅުމަށް ހަމަޖެހިފައިވާއިރު މި މެޗުގައި ބައްދަލުކުރާނީ މިހާތަނަށް މި މުބާރާތުގެ ތަށި އެންމެ ގިނައިން ހޯދާފައިވާ ދެ ޓީމުގެ ތެރެއިން އެއް ޓީމު ކަމުގައިވާ ސްޕެއިން އާއި އަދި މިހާތަނަށް ޔޫރޯ މުބާރާތުގެ ތައްޓެއް ނުލިބި އޮތް އިންގްލެންޑެވެ.

މުބާރާތުގެ ފައިނަލަށް ސްޕެއިން ދަތުރުކުރީ ސެމީފައިނަލްގައި ފްރާންސްގެ މައްޗަށް 2-1 އިން ކުރި ހޯދައިގެންނެވެ. އިންގްލެންޑް ފައިނަލުން ޖާގަ ހޯދީ ސެމީގައި ނެދަލެންޑްސް 2-1 އިން ބަލިކޮށްގެންނެވެ.

މިއީ ޔޫރޯ ފައިނަލްގައި ސްޕެއިން ވާދަކުރާ ހަތަރުވަނަ ފަހަރު ކަމަށްވާއިރު އެޓީމުން ވަނީ މި މުބާރާތް ތިން ފަހަރެއްގެ މަތިން ކާމިޔާބުކޮށްފަ އެވެ. ސްޕެއިން މިރޭ ނިކުންނަނީ މުބާރާތުގެ ތަށި ހަތަރުވަނަ ފަހަރަށް ކާމިޔާބުކޮށް ޔޫރަޕްގެ ރަސްކަމަށް އެރުމަށެވެ. އެހެނީ މިރޭ އިންގްލެންޑް ބަލިކޮށް ތަށި ނަގައިފި ނަމަ ޔޫރޯގެ ތަށި އެންމެ ގިނައިން ހޯދި ޓީމުގެ ޝަރަފު ސްޕެއިންއަށް ލިބިގެންދާނެއެވެ.

އަނިޔާގެ ސަބަބުންނާއި ސަސްޕެންސަނުގެ ސަބަބުން ސެމީ ފައިނަލުގައި މުހިއްމު ގިނަ ކުޅުންތެރިންނާ ނުލާ ސްޕެއިންނުން ނިކުތްނަމަވެސް، މިރޭގެ މެޗަށް ކޯޗު ލުއިސް ޑެ ލާ ފުއެންޓޭ ޓީމު އަތުރާލާފައިވަނީ އެ ކުޅުންތެރިންނާއި އެކުގައެވެ. މި މުބާރާތުގެ ފައިނަލާއި ހަމައަށް ސްޕެއިން ދަތުރުކުރީ ކުޅުނު އެއްވެސް މެޗަކުން ބަލިނުވެއެވެ.

މި މުބާރާތުގައި އެޓީމުން ވަނީ 13 ގޯލް ކާމިޔާބުކޮށްފަ އެވެ. ސްޕެއިންގެ އެޓޭކިން ކުޅުންތެރިންގެ ފެންވަރު މުބާރާތުގައި ދައްކާލަމުން އަންނައިރު މުބާރާތުގައި އެންމެ ތަފާތު މޮޅު ކުޅުމެއް ދައްކަމުން އަންނަނީ އުމުރުން އެންމެ 16 އަހަރުގެ ލާމިން ޔަމާލްއެވެ. އުމުރުން 16 އަހަރުގައި ސްޕެއިން ހަތަރުވަނަ ޔޫރޯ ތަށްޓެއް ހޯދައިދޭން ޔަމާލް ހުރީ ތައްޔާރަށެވެ.

މިރޭގެ ފައިނަލަކީ އިންގްލެންޑް އިން ކުޅޭ ޔޫރޯގެ ދެވަނަ ފައިނަލެވެ. މި މުބާރާތުގެ ތަށި މިހާތަނަށް އަދި ހޯދިފައި ނުވާ އިންގްލެންޑް ވަނީ އެންމެ ފަހުން 2020 ވަނަ އަހަރު އޮތް ޔޫރޯގެ ފައިނަލްގައި ވެސް ކުޅެފަ އެވެ. ނަމަވެސް އެފަހަރުގެ މެޗު 1-1 އިން އެއްވަރުވެ، ޕެނަލްޓީގައި 3-2 އިން އިޓަލީ އަތުން އެޓީމު ވަނީ ބަލިވެފަ އެވެ.

އިންގްލެންޑް މިފަހަރުގެ ޔޫރޯ ފެށީ އެއްގޮތަކަށް ވެސް އުއްމީދުކުރި ގޮތަކަށް ނޫނެވެ. އެގޮތުން ފުރަތަމަ މެޗުގައި މޮޅުވި ނަމަވެސް ޖެހިގެން އައި ދެމެޗުވެސް ވަނީ އެއްވަރުވެފައެވެ. ނަމަވެސް ނޮކްއައުޓް ބުރާއި ހަމައިން ހެރީ ކޭންގެ ކެޕްޓަން ކަމުގެ ދަށުގައި ކުޅޭ އިންގްލެންޑުން ދިޔައީ ފެންވަރު ދައްކާލަމުންނެވެ. އެގޮތުން ދެވަނަބުރުން ފެށިގެން އިންގްލެންޑުން މި މުބާރާތުގައި ކުޅުނު ކޮންމެ މެޗެއްގައި އެޓީމުން ވަނީ ފަހަތުން އަރައި މޮޅުވެފައެވެ. އެއީ އިދިކޮޅު ޓީމުން ލީޑުނަގާފައިވަނިކޮށެވެ.

ސްޕެއިން

މިއީ ޔޫރޯ ފުޓުބޯޅަ މުބާރާތުގައި އިންގްލެންޑާއި ދެކޮޅަށް ސްޕެއިން ނިކުންނަ 28ވަނަ ފަހަރެވެ. މީގެ ކުރިން 27 ފަހަރު މި ދެޓީމު ބައްދަލުކޮށްފައިވާއިރު، އޭގެތެރެއިން 14 މެޗުން ސްޕެއިން ވަނީ ބަލިވެފައެވެ. އެޓީމު މޮޅުވީ 10 މެޗުންނެއެވެ. އަދި ތިން މެޗު ވަނީ އެއްވަރުވެފައެވެ. މި ދެ ޓީމު އެންމެފަހުން ޔޫރޯގައި ވާދަކުރީ 1996 ވަނަ އަހަރު މުބާރާތުގެ ކުއާޓާ ފައިނަލުގައެވެ. އެ މެޗު އެއްވަރުވެ، ޕެނަލްޓީ ޖަހައިގެން 4-2 އިން ކާމިޔާބު ކުރީ އިންގްލެންޑުންނެވެ.

ސްޕެއިން އެންމެފަހުން ކުޅުނު ފަސް މެޗުން ވެސް ބަލިވެފައެއް ނުވެ އެވެ. އެ ފަސް މެޗުންވެސް ސްޕެއިން ވަނީ ބޮޑު ތަފާތަކުން މޮޅުވެފައެވެ.

ފައިނަލް މެޗާއި ދިމާކޮށް ސްޕެއިންގެ ބައެއް ކުޅުންތެރިންނަށް ރޯގާ އާއި ހުމުގެ އަސަރުކޮށްފައިވީ ނަމަވެސް ފައިނަލްގެ ކުރިން އިއްޔެ ސްޕެއިނުން ބޭއްވި ފަރިތަކުރުންތަކުގައި ޓީމުގެ ހުރިހާ ކުޅުންތެރިން ބައިވެރިވެފައިވެ އެވެ.

އިންގްލެންޑް

ސްޕެއިންއާއި އިންގްލެންޑް ފައިނަލްގައި ބައްދަލުކުރާއިރު މިއީ ޔޫރަޕިއަން ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތުގެ ތާރީޚުގައި ފައިނަލަ މެޗެއްގައި މި ދެޓީމު ވާދަކުރާ ފުރަތަމަ ފަހަރެވެ. އަދި އިންގްލެންޑް ޔޫރޯ ފައިނަލުގައި ކުޅޭ ދެވަނަ ފަހަރެވެ.

މި މުބާރާތުގެ ތަށި މިހާތަނަށް އަދި ހޯދިފައި ނުވާ އިންގްލެންޑް ވަނީ އެންމެ ފަހުން 2020 ވަނަ އަހަރު އޮތް ޔޫރޯގެ ފައިނަލްގައި ވެސް ކުޅެފަ އެވެ. ނަމަވެސް އެފަހަރުގެ މެޗު 1-1 އިން އެއްވަރުވެ، ޕެނަލްޓީގައި 3-2 އިން އިޓަލީ އަތުން އެޓީމު ވަނީ ބަލިވެފަ އެވެ. އިންގްލެންޑް އެންމެ ފަހުން ކުޅުނު ފަސް މެޗުގެ ތެރެއިން މޮޅުވީ ތިން މެޗުންނެވެ. ދެ މެޗު ވަނީ އެއްވަރުވެފައެވެ.

މިރޭގެ މެޗަށް ނިކުންނައިރު އަނިޔާގެ އެއްވެސް މައްސަލައެއް އިންގްލެންޑް ޓީމުގައި ނެތެވެ.

ދެ ޓީމުގެ ކުރިމަތިލުންތައް

މިއީ އިންގްލެންޑާއި ސްޕެއިން ބައްދަލުކުރާ 28 ވަނަ ފަހަރެވެ. މީގެ ކުރިން ބައްދަލުކުރި 27 މެޗުގެ ތެރެއިން 14 މެޗުން މޮޅުވީ އިންގްލެންޑް އެވެ. 10 މެޗުން ސްޕެއިން މޮޅުވިއިރު އަނެއް ތިން މެޗު ނިމުނީ އެއްވަރުވެގެންނެވެ. މި ދެ ޓީމުގެ އެންމެފަހުގެ ކުރިމަތިލުން 2-3 އިން ކާމިޔާބުކުރީ އިންގްލެންޑުންނެވެ. އެއީ 2018 ވަނަ އަހަރު ކުޅުނު ނޭޝަންސް ލީގުގެ މެޗެކެވެ.

ޖަރުމަނުގެ ބާލިންގެ އޮލިމްޕިއާ ސްޓޭޑިއަމްގައި ކުޅޭ ޔޫރޯ ފައިނަލް މެޗު ފަށާނީ މިރޭ ދަންވަރު ރާއްޖެގަޑިން 12:00 ގައެވެ.