މުުޙައްރަމް މަހުގެ ދިހަވަނަ ދުވަހަކީ، ނުވަތަ ޢާޝޫރާ ދުވަހަކީ، ހެޔޮކަމާއި، ޒިކުރާތަކާއި، ފިލާވަޅުތަކުން ފުރިގެންވާ ދުވަހެއްކަމަށާއި ޢާޝޫރާ ދުވަހަކީ، ފިރުޢައުނުގެ ކިބައިން مُوْسَىގެފާނު ސަލާމަތްކުރައްވައި، ފިރުޢައުނާއި، އޭނާގެ ލަޝްކަރު ޣަރަޤުކުރެއްވި ދުވަސްކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.
އާޝޫރާ ދުވަހުގެ މާތްކަމާއި ގުޅޭގޮތުން ރާއްޖޭގެ އެކިކަންކޮޅުގައި މިއަދު އިއްވި ހުކުތު ޚުތުބާގައި ބުނީ މުުޙައްރަމް މަހުގެ ދިހަވަނަ ދުވަހަކީ، ނުވަތަ ޢާޝޫރާ ދުވަހަކީ، ހެޔޮކަމާއި، ޒިކުރާތަކާއި، ފިލާވަޅުތަކުން ފުރިގެންވާ ދުވަހެއްކަމަށާއި ޢާޝޫރާ ދުވަހަކީ، ފިރުޢައުނުގެ ކިބައިން مُوْسَىގެފާނު ސަލާމަތްކުރައްވައި، ފިރުޢައުނާއި، އޭނާގެ ލަޝްކަރު ޣަރަޤުކުރެއްވި ދުވަސްކަމަށެވެ.
އަދި މި ހާދިސާއަށް އަލި އަޅުއްވާލަމުން، ފިރުޢައުނުގެ ކިބައިން مُوْسَىގެފާނު ސަލާމަތްކުރައްވައި، ފިރުޢައުނާއި، އޭނާގެ ލަޝްކަރު ޣަރަޤުކުރެއްވި ދުވަހު ކަންތައް ހިނގާދިޔަ ގޮތުގެ ތަފްސީލެއްވެސް މިއަދުގެ ހުޓުބާގައި ވަނީ ކިޔައިދީފައެވެ.
“މުސްލިމް އަޚުންނޭވެ! މުޙައްރަމް މަހުގެ ދިހަވަނަ ދުވަހަކީ، ނުވަތަ ޢާޝޫރާ ދުވަހަކީ، ހެޔޮކަމާއި، ޒިކުރާތަކާއި، ފިލާވަޅުތަކުން ފުރިގެންވާ ދުވަހެކެވެ. ޢާޝޫރާ ދުވަހަކީ، ފިރުޢައުނުގެ ކިބައިން مُوْسَىގެފާނު ސަލާމަތްކުރައްވައި، ފިރުޢައުނާއި، އޭނާގެ ލަޝްކަރު ޣަރަޤުކުރެއްވި ދުވަހެވެ. ބަނީ އިސްރާއީލު ބާގައިގެ މީހުން ސިއްރިއްޔާތުގައި މިޞްރުން ނުކުތުމުން، ފިރުޢައުނު އޭނާގެ ލަޝްކަރީން އެއްކޮށް، مُوْسَىގެފާނާއި އެކަލޭގެފާނުގެ ޤައުމު މުޅިން ނައްތައިލުމަށް ޓަކައި ނުކުތެވެ. مُوْسَىގެފާނުގެ ޤައުމުގެ މީހުންނަށް ފިރުޢައުނުގެ ބިޔަ ލަޝްކަރު ފެނުމުން އެބައިމީހުން ބުންޏެވެ. “ހަމަކަށަވަރުން، އެއުރެން ތިމަންމެން އަތުލައިގަންނާނެތެވެ.” އެހިނދު ވަރަށް އިތުބާރާއި ޔަޤީންކަމާ އެކު، مُوْسَىގެފާނު ވިދާޅުވި ބަސްފުޅު، މާތް ﷲ ކީރިތި ޤުރްއާނުގައި ވަޙީކުރައްވައިފައި ވެއެވެ. “އެކަލޭގެފާނު ވިދާޅުވިއެވެ. ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ހަމަކަށަވަރުން، ތިމަންގެ ވެރި ރަސްކަލާނގެ ތިމަންނާއާއެކު (نَصْرُ ދެއްވުމުގައި) ވޮޑިގެންވެއެވެ. އެކަލާނގެ ތިމަންނާއަށް މަގުދައްކަވާނެތެވެ.”
ފިރުޢައުނުގެ ލަޝްކަރު ބަނީ އިސްރާއީލު ބާގައިގެ މީހުންނާ ވަރަށް ކައިރިވުމުން، މާތް ﷲ مُوْسَىގެފާނަށް ވަޙީކުރެއްވީ އެކަލޭގެފާނުގެ އަސާކޮޅުން ކަނޑުގައި ޖެއްސެވުމަށެވެ. އެ ހިނދު مُوْسَىގެފާނު އެކަލޭގެފާނުގެ އަސާކޮޅުން ކަނޑުގައި ޖެއްސެވުމުން އެ ކަނޑުގެ މެދުން މަގުތަކެއް އުފެދުނެވެ. މާތް ﷲ ވަޙީކުރައްވާފައި ވެއެވެ. “ދެން (مُوْسَىގެފާނު ޖެއްސެވުމުން ބާރަ ބަޔަށް) އެ ކަނޑު އިރައިގެން ހިނގައްޖެއެވެ. އެއިން ކޮންމެ ބައެއް، ބޮޑު ފަރުބަދައެއް ފަދައިން ވިއެވެ.” މާތް ﷲ ކަނޑު ހިއްކަވައިދެއްވުމުން ބަނީ އިސްރާއީލު ބާގައިގެ ބާރަ ޤަބީލާގެ މީހުން އެއިން ކޮންމެ ބަޔަކަށް ޚާއްޞަ ކުރެއްވިގެންވާ މަގުން ކަނޑު ހުރަސްކޮށް ސީނާއަށް ދިޔައެވެ. ފިރުޢައުނާއި އޭނާގެ ލަޝްކަރު ބަނީ އިސްރާއީލު ބާގައިގެ މީހުންގެ ފަހަތުން ދިޔައެވެ. ނަމަވެސް އެ މަގުތަކުން ފިރުޢައުނުގެ ލަޝްކަރު ދަތުރުކުރާން ފެށިތަނާ ކުޑަ ހިނދުކޮޅެއްގެ ތެރޭގައި، އެ ކަނޑު ކުރީން އޮތް ގޮތަށް މާތް ﷲ ބަދަލުކުރެއްވިއެވެ.” ޚުތުބާ
ފިރުޢައުނު ޣަރަޤުކުރެއްވި ޙާދިސާއިން އެނގެނީ، މާތް الله އަށް ކާފިރުވެ، ދުނިޔެ ފަސާދަކުރަން އުޅޭ މީހުންނަށް، ގަދަފަދަ ޢަޛާބުން ޢަޛާބުދެއްވައި، ނެތިކުރައްވާނެކަންކަމާއި އެ މީހުންނަށް އެ ކަމުގައި ކާމިޔާބު ނުލިބޭނެކަންކަމަށް ޚުތުބާގައި ބުނެފައިވެއެވެ.
އާޝޫރާ ދުވަހު ރޯދަހިފުމާއި ގުޅޭގޮތުން ޚުތުބާގައި ބުނީ ޢާޝޫރާ ދުވަހު ރޯދަ ހިފާ މީހާ ޢަމަލުކުރާންވީ ގޮތް، ކީރިތި ރަސޫލާ ގެ ސުއްނަތުން އެނގެން އެބައޮތް ކަމަށެވެ.
“އެކަލޭގެފާނު ޙަދީޘްކުރައްވައިފައި ވެއެވެ. (صُوْمُوْا يَوْمَ عَاشُوْرَاءَ، وَخَالِفُوْا فِيْهِ الْيَهُوْدَ، صُوْمُوْا قَبْلَهُ يَوْمًا أَوْ بَعْدَهُ يَوْمًا)[1] މާނައީ: “ތިޔަބައިމީހުން عَاشُوْرَاء ދުވަހު ރޯދަހިފާށެވެ! އަދި އެ ކަމުގައި ތިޔަބައިމީހުން ޔަހޫދީންނާ ޚިލާފުވާށެވެ! އެދުވަހާއެކު އޭގެ އެއް ދުވަސް ކުރިން (އެބަހީ: ނުވަވަނަ ދުވަހު) ނުވަތަ އެއް ދުވަސްފަހުން (އެބަހީ: އެގާރަވަނަ ދުވަހު) ތިޔަބައިމީހުން ރޯދަހިފާށެވެ!” ابن القيم رحمه الله ވިދާޅުވެފައިވެއެވެ. “(ޢާޝޫރާދުވަހު) ރޯދަ ހިފުމުގެ ތިން ދަރަޖައެއް ވެއެވެ. އޭގެ ތެރެއިން އެންމެ ފުރިހަމަ ދަރަޖައަކީ ޢާޝޫރާދުވަހާއެކު އެއް ދުވަސް ކުރިންނާއި އެއްދުވަސް ފަހުން ރޯދަ ހިފުމެވެ. އޭގެ ފަހުން އަންނަ ދަރަޖައަކީ ނުވަވަނަ ދުވަހާއި ދިހަވަނަ ދުވަހު ރޯދަ ހިފުމެވެ. އެއީ ގިނަ ޙަދީޘްތަކުން ދޭހަވާ ގޮތެވެ. އޭގެ ފަހުން އަންނަ ދަރަޖައަކީ ދިހަވަނަ ދުވަހު އެކަނި ރޯދަ ހިފުމެވެ.” ޚުތުބާގައިވެއެވެ.
މީގެ އިތުރުން ޢާޝޫރާ ދުވަހު ރޯދަ ހިފުން ފިޔަވައި، އެ ދުވަހާއި އެރޭ “ޢާޝޫރާ ދުޢާ” ގެ ނަމުގައި ވަކި ދުޢާއެއް ކުރުމާއި، އެ ރެއާއި އެ ދުވަހު ވަކި އަޅުކަންތަކެއް ކުރާކަށް ދީނުގައި ޝަރުޢުކުރައްވައިފައި ނެތްކަމަށް ޚުތުބާގައި ބުންޏެވެ. އަދި މުޙައްރަމް މަހަކީ، މާތް ﷲ ޙުރްމަތްތެރި ކުރައްވާފައިވާ މަހެއްކަމަށާއި ރަމަޟާން މަހަށްފަހު ރޯދަ ހިފުން އެންމެ އިތުރުވެގެންވާ މަހަކީ މުޙައްރަމު މަސްކަމަށް މިއަދުގެ ޚުތުބާގައި ވަނީ ބުނެފައެވެ.