English Edition
Dhivehi Edition

ވިއްސާރައިގައި އައްޑޫ ސިޓީ ހިތަދޫގެ ގެއެއްގެ ފުރާޅު އެއްލައިލުމުން އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

ވިއްސާރައާއެކު އައި ގަދަ ކޮޅިގަނޑުގައި، ހުކުރު ދުވަހުގެ ހެނދުނު 09:41 ހާއިރު، އެއްލާލާފައިވަނީ އަސްރާރު މަންޒިލް ގޭގެ ފުރާޅެވެ.

އެމްއެންޑީއެފް އިން ބުނީ އެ ގެއަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން، ވަގުތީގޮތުން އެ ފުރާޅު އަޅައިދީފައިވާ ކަމަށެވެ. އަދި މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވާ ކަަމަށް ވެސް ބުނެއެވެ.

ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮޓޯރިޓީީ އިން ބުނީ މިހާތަނަށް ގެއްލުން ލިބިގެން ރިޕޯޓްކޮށްފައިވަނީއެގެއިން އެކަނިކަމަށެވެ.

ރާއްޖޭގެ އެކި ހިސާބުތަކަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ބައެއް ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހި ގުގުރުން އެކަށީގެންވާކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ. ވައިޖެހޭނީ ހުޅަނގު ދެކުނާއި ހުޅަނގުން ގަޑިއަކު 5 މޭލާއި 15 މޭލާއި ދެމެދުގެ ބާރުމިނުގައެވެ. އަދި ވިލާގަނޑުގައި 40 މޭލަށް ވައިގަދަވޭނެކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ.

ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެކަމަށާއި ނަމަވެސް ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެއެވެ. ކުރިއަށްއޮތް 3 ދުވަހުވެސް ރާއްޖެ ހިމެނޭ ސަރަހައްދުގައި ކޮންމެވެސް ވަރަކަށް ކެރީގެ އަސަރު އުޅޭކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ. ނަމަވެސް އާދިއްތަ ދުވަހު ރާއްޖޭގެ އެކި ސަރަހައްދުތަކަށް ވިއްސާރަކުރާނެކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ.