ގައްދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއިން ސައުތު އޭޝިއަން ޓްރޭޑް ފެއަރގައި ބައިވެރިވުމަށް ނިންމާ، ޓްރޭޑް ފެއަރގައި ތަކެތި ބައިވެރިކުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މި ފެއަރ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 2 އޮގަސްޓް 2024 ގައި ސްރީލަންކާގައެވެ. މި ފެއަރގައި ބައިވެރިވެވޭނީ މި އަހަރުގެ ފެބްރުއަރީ މަހުގެތެރޭގައި ބޭއްވި ހުނަރު އެކްސްޕޯގައި ބައިވެރިވި ފަރާތްތަކަށް ކަމަށެވެ. އަދި ފެއަރގައި ބައިވެރި ކުރާ ތަކެތި އެފަރާތުން ހަދާ ނިމުމުން އޭގެ ފެންވަރު ބެލުމަށް ފަހުގައި ކޮމިޓީ އިން އެތަކެތި ގަތުމަށް ވަނީ ހަމަޖެހިފައެވެ.
އަންހެނުންގެ ކޮމިޓީއިން ބުނީ މި ތަކެތި ރެޕްރެޒެންޓް ކުރާނީ އެ ކޮމިޓީގެ ނަމުގައި ކަމަށާ މިނޫންގޮތަކަށް ތަކެތި ބައިވެރި ކުރުވާފަރާތްތަކުން ހަދާ ތަކެތި ފެއަރއަށް ގެންދިޔުމުގެ ފުރުސަތުވެސް ހުޅުވާލާފައިވާ ކަމަށެވެ. އަދި މި ތަކެތި ވިއްކުމަށްފަހު އުފެއްދި ފަރާތަށް ފައިސާ ދެވޭނެކަމަށް ކޮމިޓީއިން ބުނެފައިވާއިރު މި ތަކެތި ރެޕްރެޒެންޓް ކުރާނީ އެ ތަކެތި ބައިވެރި ކުރުވާ ފަރާތުގެ ނަމުގައި ކަމަށްވެސް ކޮމިޓީއިން ވަނީ ބުނެފައެެވެ.
މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 21 ޖުލައި 2024 ވާ އާދީއްތަ ދުވަހުގެ 12:00 ގެ ކުރިން ނަން ނޯޓުކުރުމަށް ވަނީ އެދިފައެވެ.