English Edition
Dhivehi Edition

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް އާއި އިންޑިއާ އަސްކަރިއްޔާ ގުޅިގެން ހިންގި ބައިލެޓްރަލް އެކްސަސައިޒް “އެކްސަސައިޒް އެކުވެރިން 2017” ކާމިޔާބު ކަމާއެކު ނިމިއްޖެ ކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ.

އެތަމްރީން ކުރިއަށް ގެންގޮސްފައިވަނީ ޑިސެންބަރު މަހުގެ 15 އިން 28 އަށް އިންޑިއާގެ ބެލްގާމްގައެވެ. އެތަމްރީން ނުވަތަ އެކްސައިޒް ނިންމުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ބެލްގާމްގެ މެރަތާ ލައިފް އިންފެންޓްރީ ރެޖިމެންޓަލް ސެންޓަރުގައެވެ.

އިންޑިއާގެ ކަރުނާޓަކާ ސްޓޭޓްގެ ހުޅަނގު ދެކުނުގައި އޮންނަ ބެލްގާމް ސިޓީގައި ކުރިއަށްދިޔަ އެ އެކްސައިޒްގައި ރާއްޖެއިން 45 ސިފައިން ބައިވެރިވިއެވެ. އޭގެ ތެރޭގައި ދެ އޮފިސަރުންވެސް ހިމެނޭކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ. އޭގެ އިތުރުން އިންޑިއާގެ ސިމޫރު ރައިފަލް ބެޓޭލިއަން އަށް ނިސްބަތްވާ 3 އޮފިސަރުންނާއި 39 ޖޫނިއަރ ކަމިޝަންޑް އޮފިސަރުންވެސް ބައިވެރިވިއެވެ.

އެކްސަސައިޒް ކުރިއަށްދިޔައިރު މެރިންކޯރގެ ކޮމާންޑަރ ބްރިގޭޑިއަ ޖެނެރަލް ޢަލީ ޒުހައިރު ވަނީ ފައިނަލް އެކްސަސައިޒް ބައްލަވައިލައްވާފައި ކަމަށްވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ.

އެ އެކްސަސައިޒުގައި ކިޔަވައިދެއްވާފައި ވަނީ ދެ ގައުމުގެ އަސްކަރިއްޔާގެ ތަޖުރިބާކާރު މުދައްރިބުންނެވެ.”އެކްސަސައިޒް އެކުވެރިން” އަކީ ދިވެހިރާއްޖެއާއި އިންޑިއާ އަސްކަރިއްޔާގެ މެދުގައި އުފެދިފައިވާ އަސްކަރީ ގުޅުން އިތުރަށް ބަދަހި ކުރުމާއި ކައުންޓަރ ޓެރަރިޒަމާއި ކައުންޓަރ އިންސަރޖެންސީ ފަދަ އޮޕަރޭޝަންތައް ދެގައުމުގެ އަސްކަރިއްޔާ ގުޅިގެން ހިންގުމުގެ ހުނަރާއި ތަޖުރިބާ ހޯދުމުގެ މަޤްޞަދުގައި 2009 ވަނަ އަހަރުން ފެށިގެން ކުރިއަށްގެންދާ އެކްސަސައިޒެއް ކަމަށްވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ. މިއީ މިގޮތުން ބޭއްވި 8 ވަނަ އެކްސަސައިޒެވެ.

އިންޑިއާ އަސްކަރިއްޔާ އާއި އެމްއެންޑީއެފް ގުޅިގެން ސިލްސިލާކޮށް ކުރިއަށްގެންދާ މި އެކްސަސައިޒް މިދިޔަ އަހަރު ބާއްވާފައިވަނި އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ލ.ކައްދޫ ޓްރެއިނިންގ ސެންޓަރުގައެވެ.