English Edition
Dhivehi Edition
ފިޝަރީޒް މިނިސްޓަރު ޝިޔާމް

މި ސަރުކާރުން މަސްވެރިންނަށް ފިލައިގެން ނޫޅޭނެ ކަމަށާއި މަސްވެރިން އިހުތިޖާޖު ކުރުމުން ސަރުކާރުން އެކަމާއި ނުރުހުން ފާޅު ނުކުރާނެކަމަށް ފިޝަރީސް މިނިސްޓަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ރޭ ‘ޕީއެންސީ ހައުސް’ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ޝިޔާމް ވިދާޅުވީ ނިމިދިޔަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ވެރިކަމުގައި ތިބެގެން ގިނަ އަދަދެއްގެ ފައިސާ ޗާޕުކޮށްގެން ވެސް މަސްވެރިންނަށް އެންމެ ފައިސާ ފޮއްޗެއް ވެސް ދީފައި ނުވާކަމަށެވެ. ކުރީ ސަރުކާރުގެ ވެރިކަމުގެ ފުރަތަމަ ދުވަސްކޮޅު ކަޅުބިލަ މަހުގެ ކިލޯއެއް ހުރި 16 ރުފިޔާއަށް ހެދިނަމަވެސް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހަބާ ކައިރިވެފައި ވަނި މަސް ކިލޯއެއްގެ އަގު 25 ރުފިޔާއަށް ހެދި ކަމަށް ޝިޔާމް ވިދާޅުވިއެވެ. އަދި އެދުވަހުން ފެށިގެން ވެރިކަން ނިމުމާއި ހަމައަށް ވެސް މަސްވެރިންނަށް ފައިސާ ދީފައިނުވާއިރު، ގެއްލުމުގައި މަސް ގަތުމުގެ ސަބަބުން މިއަހަރުގެ ފުރަތަމަ ކުއާޓަރާ ހަމައަށް މިފްކޯއަށް 1.6 ބިލިއަން ރުފިޔާގެ ގެއްލުން ވެފައިވާކަން ޝިޔާމް ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ޝިޔާމް ވިދާޅުވީ މަސް ގަތުމަށްޓަކައި ދައުލަތުން ސަބްސިޑީގެ ގޮތުގައި މިހާތަނަށް 270 މިލިއަން ރުފިޔާ މިފްކޯއަށް ދީފައިވާކަމަށެވެ. އަދި އައިސްގެ ސަބްސިޑީ ހިމެނޭހެން ޖުމްލަ 933 މިލިއަން ރުފިޔާ މަސްވެރިންނަށް ދީފައިވާކަމަށް ޝިޔާމް ވިދާޅުވިއެވެ.

ސަރުކާރުން އެންމެ އިސްކަމެއް ދީގެން މިހާރު ކުރަމުންދާ އެއް މަސައްކަތަކީ މަސްވެރިންނަށް ނުދެވި ހުރި ފައިސާ ދިނުމުގެ މަސައްކަތް ކަމަށާއި މި ހަފުތާގައިވެސް އެ މަސައްކަތް ކުރިއަށްދާނެކަމަށެވެ. މީގެ އިތުރުން ޝިޔާމް ވިދާޅުވީ ސަރުކާރުން މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ކުރަމުން އަންނަ މަސައްކަތުގެ ނަތީޖާ ދޮޅު އަހަރު ދުވަހުގެ ތެރޭގައި ފެނި، މަސްވެރިންނަށް އުފާވެރި ދުވަސްތަކެއް އަންނާނެކަމަށެވެ.