ޖަރުމަނުގައި މިހާރު ޖުރިއަށްދާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގުރޫޕު ސްޓޭޖުގައި ގްރޫޕް އޭ ގައި ހިމެނޭ ޓީމުތައް ކުޅޭ އެންމެ ފަހު މެޗުތައް މިރޭ ކުޅޭނެއެވެ.
ޔޫރޯ މުބާރާތުގެ ގުރޫޕު އޭ ގެ ފަހު މެޗުތައް މިރޭ ކުޅޭއިރު، ޖަރުމަނުން މިހާރު މި ވަނީ މުބާރާތުގެ ގަދަ 16 އަށްް ދަތުރުކޮށްފައެވެ. އަދި މި މެޗު އެއްވަރުކޮށްލައިގެން ސްވިޒަލޭންޑަށް ވެސް މުބާރާތުގެ ގަދަ 16 އިން ޖާގަ ހޯދުމުގެ ފުރުސަތު އެބައޮތެވެ.
ޖަރުމަނު ވަނީ މުބާރާތުގެ ގުރޫޕު ސްޓޭޖުގައި ކުޅުނު ދެ މެޗުވެސް ކާމިޔާބުކޮށްފައެވެ. އަދި ސްވިޒަލޭންޑް ވަނީ ކުޅުނު އެއް މެޗު ކާމިޔާބު ކޮށް އަނެއް މެޗުން އެއްވަރުވެފައެވެ. އެހެންކަމުން ގުރޫޕުގެ އެއް ވަނައިގައި ޖަރުމަނު އޮތީ ހަ ޕޮއިންޓާއި އެކުއެވެ. ދެވަނައިގައި ސްވިޒަލޭންޑް ހަތަރު ޕޮއިންޓާއި އެކު އޮތް އިރު ސްކޮޓްލޭންޑަށް ލިބުނު އެއް ޕޮއިންޓާއި އެކީ އޮތީ ތާވަލުގެ ތިން ވަނައިގައެވެ. ތާވަލުގެ ހަތަރު ވަނައިގައި އޮތް ހަންގޭރީ ކުޅުނު ދެ މެޗުން ވެސް ވަނީ ބަލިވެފައެވެ.
ފަހު މެޗުގައި މިރޭ ސްކޮޓްލޭންޑް އަދި ހަންގޭރީ ވާދަކުރާއިރު، ސްކޮޓްލޭންޑް މިވަގުތު އޮތީ ކުޅުނު ދެމެޗުން ލިބުނު އެއް ޕޮއިންޓަކާއި ގުރޫޕް އޭގެ ތިން ވަނައިގައެވެ. އަދި ހަންގޭރީ އޮތީ ކުޅުނު ދެމެޗުންވެސް ބަލިވެ، ޕޮއިންޓެއް ނުލިބި ގުރޫޕުގެ ހަތަރުވަނައިގައެވެ.
މުބާރާތުގައި އިތުރަށް ކުރިއަށް ދިއުމަށް ސްކޮޓްލޭންޑަށް އަދި ފުރުސަތު އޮތް ނަމަވެސް ހަންގޭރީ އަށް މި މުބާރާތުގައި ކުރިއަށް ދިއުމުގެ މާ ބޮޑު ފުރުސަތުތަކެއް ނެތެވެ.
ސްކޮޓްލޭންޑުން މިވަގުތު ޓޭބަލްގެ ތިންވަނައިގައި އޮތް ނަމަވެސް މި މެޗުން މޮޅުވެގެން ގުރޫޕުގެ ދެވަނަ ހޯދުމުގެ ފުރުސަތު އަދި އެޓީމަށް އެބަ އޮތެވެ. އެހެން ނަމަވެސް މިރޭ ހަމަ އެ ގަޑީގައި ޖަރުމަނު އަދި ސްވިޒަލޭންޑް ވާދަކުރާ މެޗުން ސްވިޒަލޭންޑް މޮޅު ވެއްޖެ ނަމަ ސްކޮޓްލޭންޑަށް ގުރޫޕުގެ ދެވަނަ ލިބުމުގެ ފުރުސަތު ގެއްލިގެން ދާނެއެވެ.
މިރޭގެ މެޗު ކާމިޔާބުކޮށްގެން ސްކޮޓްލޭންޑަށް މި މުބާރާތުގައި ކުރިއަށް ދިއުމުގެ ފުރުސަތު އެބައޮތެވެ. އެއީ ގުރޫޕުގެ ތިން ވަނަ ހޯދާ ޓީމު ތަކުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ހޯދާ ހަތަރު ޓީމަށް އިން ފުރުސަތުގައެވެ.
ހަންގޭރީ އިން މި މުބާރާތުގެ ގުރޫޕު ސްޓޭޖުގެ ފުރަތަމަ މެޗުގައި ސްވިޒަލޭންޑް އާއި ވާދަކުރި މެޗުން އެ ޓީމު ބަލި ވެފައިވަނީ 1-3 ގެ ނަތީޖާ އަކުންނެވެ. އަދި ގުރޫޕް ސްޓޭޖުގެ ދެވަނަ މެޗުގައި މުބާރާތް ބާއްވާ ގައުމު ޖަރުމަނާއި ދެކޮޅަށް އެ ޓީމުން ކުޅުނު މެޗުން އެ ޓީމު ބަލިވެފައިވަނީ 0-2ގެ ނަތީޖާ އަކުންނެވެ.
ހަންގޭރީ އަށް މި މުބާރާތުގައި ކުރިއަށް ދިއުމަށް އޮތް ހަމަ އެކަނި ފުރުސަތަކީ ގުރޫޕް ސްޓޭޖުގެ ތިން ވަނަ އަށް ދާ ޓީމުތަކުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ހޯދާ 4 ޓީމަށް އޮތް ފުރުސަތު އެކަންޏެވެ.
ގްރޫޕް އޭގެ ފަހު ދެ މެޗުވެސް ކުޅޭނީ އެއްގަޑިއެއްގައެވެ. އެއީ މިރޭ ދަންވަރު ރާއްޖޭ ގަޑިން 12 ޖަހާއިރުގައެވެ.