English Edition
Dhivehi Edition

ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ދެވަނަ ބުރަށް ދިއުމަށް މިރޭ ތުރުކީ ބަލިކުރުން ކޮންމެހެންވެސް މުހިންމުކަމަށާއި ޕޯޗުގަލް ޓީމު އޮތީ މިރޭގެ މެޗަށް ވަރަށް ރަނގަޅަށް ތައްޔާރުވެފައިކަމަށް ޕޯޗުގަލް ގައުމީޓީނުގެ ކޯޗު ރޮބާޓޯ މާޓިނޭޒް ބުނެފިއެވެ.

ޔޫރޯ 2024 ގެ ގްރޫޕް އެފްގައި މިރޭ ތުރުކީއާ ދެކޮޅަށް ކުޅުމަށް ހަމަޖެހިފައިވާ މެޗުގެ ކުރީން، ނޫސްވެރިންނަށް މައުލޫމާތު ދެމުން ޕޯޗުގަލްގެ ކޯޗު، ރޮބާޓޯ މާޓިނޭޒް ބުނީ އެ ޓީމަށް މުބާރާތުގެ ދެވަނަ ބުރަށް ދަތުރުކުރުމަށްޓަކައި މިރޭގެ މެޗު ވަރަށް މުހިއްމު ކަމަށެވެ. އަދި އެ މެޗަށް ވާން ޖެހޭ ހުރިހާތައްޔާރީއެއް ވެސް މިހާރު ވެ ނިމިފައިވާކަމަށް އޭނާ ބުންޏެވެ.

މާޓިނޭޒް ބުނީ އެންމެ ފަހުން ޗެކް ރިޕަބްލިކާއި ދެކޮޅަށް ކުޅުނު މެޗުގައި ގޯސްތަކެއް ހެދިފައިވާ ކަމަށާއު ނަމަވެސް މިހާރު އެ ގޯސްތައް މުޅިން ރަނގަޅުކޮށްފައިކަމަށެވެ.

މާޓިނޭޒް ބުނީ މިރޭގެ މެޗަށް ތައްޔާރުވުމުގައި ފުރަތަމަ އެގާރައިގައި ނުހިމެނޭ ކުޅުންތެރިން ވެސް އިސްތިސްނާ ނުވާނެ ކަމަށާއި ޗެކް އާއި އެކު ކުޅުނު މެޗަށް ވުރެ، މިރޭ ތުރުކީއާއި ދެކޮޅަށް ކުޅޭ މެޗު ތަފާތުވާނެކަމަށެވެ.

އޭނާ އިތުރަށް ބުނީ ތުރުކީ ޓީމަކީ މޮޅު ޓީމެއްކަމަށާއި އެޓީމުގައި އޮތީ ހުނަރުވެރި ޒުވާން ކުޅުންތެރިންނާއި ތަޖުރިބާކާރު ކުޅުންތެރިންގެ މައްޗަށް އެކުލެވިގެންވާ ސްކޮޑެއް ކަމަށެވެ.

އަދި ތުރުކީ ޓީމުގައި ހިމެނޭ ޒުވާން ކުޅުންތެރިން ކަމަށްވާ، އާރްދާ ގުލާ އާއި ކެނާން ޔިލްޑީޒް އަކީ ސަމާލުކަން ދޭންޖެހޭ މުހިންމު، ކުޅުންތެރިން ކަމަށާއި، ހަކާން ޗައަނޮގްލޫ ފަދަ ތަޖުރިބާކާރު ކުޅުންތެރިންގެ އެހީގައި ތުރްކީ ޓީމު ނުރައްކާވާނެ ކަމަށް ވެސް މާޓިނޭޒް ވަނީ ބުނެފައެވެ.

ތުރްކީ އާއި ދެކޮޅަށް ޕޯޗުގަލް ކުޅޭ މެޗު ފެށުމަށް ހަމަޖެހިފައިވަނީ ރާއްޖޭގަޑިން މިރޭ 9 ޖަހާއިރު އެވެ.