ފާހިޝް އަމަލުތައް ހިންގުމަށް ހިއްވަރުދީ އުޅޭ މީހުންނާއި، އެކަންކަން މަނާކުރުމަށް މަސައްކަތް ނުކުރާ މީހުންގެ މައްޗަށް ﷲގެ ކޯފާއެއް އައުމަކީ ދުރުގައިވާކަމެއް ނޫނެވެ.
މި ބިންމަތީގައި ފަސާދައާއި، ނުބައި ހުރިހަ ކަމެެއް ފާޅުވަނީ އިންސާނާގެ ނުބައި އަމަލުތަކުގެ ސަބަބުންނެވެ. މިކަން ބަޔާންކުރައްވައި މާތްﷲ ވަހީކުރައްވާފައިވެއެވެ. “މީސްތަކުންގެ އަތްތަކުން ހޯދައިގަތް ކަންތަކުގެ ސަބަބުން، އެއްގަމާއި ކަނޑުގައި ނުބައިކަން ފާޅުވެއްޖެއެވެ. އެއުރެން ކުރި ބައެއް އަމަލުގެ ރަހަ އެއުރެންނަށް ދެއްކެވުމަށެވެ. (އެއީ) އެއުރެން (ތައުބާވެ) ރުޖޫއު ވުމަށްޓަކައެވެ.”
މިއާޔަތުގެ މާނައަށް ވިސްނާލާއިރު އިންސާނާ ދިރިއުޅޭ ވެށި ތަގައްޔަރުވެ، ފަސާދަވެ، އުނދަގޫތަކާއި ކުރިމަތިލާންޖެހެނީ އިންސާނާ ކޮށްއުޅޭ އަމަލުތަކުގެ ސަބަބުންކަން އެނގެއެވެ. ހަމަ އެއާއެކު އިންސާނާ ފަސާދަކޮށްފައިވާ އޭނާގެ އަމަލުތައް ހެޔޮކޮށް، އޭނާގެ އަމިއްލަ ނަފްސު އިސްލާހުކޮށް، ދިރިއުޅޭ ވެށި ސާފުކޮށް ތާހިރުކޮށްފިނަމަ، އެ ހުރިހާ ކަމެއް އަލުން ރަނގަޅުވާނެކަން އެނގެއެވެ. އަދި އެއީ އޭނާގެ އަތްމަތީގައި އޮތްކަމެކެވެ.
ޒިނޭއާއި، އެއްޖިންސުން ގުޅުން ހިންގުން ފަދަ ފާހިސް އަމަލުތަކާއި ގާތް ނުވުމަށް މާތްﷲ އަންގަވާފައިވަނީ، އެކަންކަމުގެ ނުބައިކަމާއި، އޭގެ ސަބަބުން، ދެދުނިޔޭގައި ކުރިމަތިވެދާނެ ގެއްލުންތަކާއި ފާފައިގެ ބޮޑުކަމުންނެއެވެ.
މާތް ﷲގެ މިބަސްފުޅާ މެދު ނިކަން ވިސްނާށެވެ! ” އަދި ތިޔަބައި މީހުން ޒިނޭއާއި ގާތް ނުވާށެވެ. ހަމަކަށަވަރުން، އެއީ ހުތުރުކަން ބޮޑުވެގެންވާ ފާފައެއް ކަމުގައިވިއެވެ. އައި މަގެއްގެ ގޮތުން އެކަންތައް ހާދަހާ ނުބައިވެގެންވެއެވެ.” މިއާޔަތުގައި މާތްﷲ އަންގަވަނީ، ޒެނޭއާއި ގާތްވެސް ނުވުމަށެވެ. އެއްޗަކާއި ގާތް ނުވާން ބުނެ އުޅެނީ އެއެއްޗެއްގެ ނުރައްކަލާއި ގެއްލުން ނުހަނު ބޮޑުވީމައެވެ. ޒިނޭއާ ދުރުވުމަށް އެންގެވީ އޭގެ ސުންޕާކަމުގެ ސަބަބުން މުޖުތަމައު ފަސާދަވެ، ނަސްލު އޮޅުންބޮޅުން ވެދާނެތީއެވެ. އަދި އީމަންކަން ނިގުޅައިގެން ދާނެތީއެވެ. އެކަން ބަޔާންކުރައްވާ މާތް ނަބިއްޔާ މުހައްމަދު صلى الله عليه وسلم ހަދީޡްކުރައްވާފައިވެއެވެ. “ޒިނޭކުރާ މީހާ، މުއުމިނެއްގެ ގޮތުގައި ހުރެ ޒިނޭއެއް ނުކުރާނެއެވެ.” އެބަހީ އެވަގުތު އޭނާގެ އީމާންކަން އޭނާގެ ކިބައިން ނެތިގެންދާނެއެވެ.
އިންސާނީ ފިތުރަތާއި ހިލާފު ފާހިޝް އަމަލެއް ކަމުގައިވާ، އެއްޖިންސުން ގުޅުން ހިންގުމުގެ ނުބައި އަމަލުކޮށް އުޅުނު މީހުންގެ މައްޗަށް ﷲ، އެކަލާނގެ ކޯފާއާއި އަޒާބު ފޮނުއްވައި، އެބައިމީހުން ހަލާކުކުރެއްވި ގޮތާމެދު ވިސްނާލުން ހުއްޓެވެ.
މާތްﷲ ވަހީކުރައްވާފައިވެއެވެ. “ދެން ފަހެ ތިމަން ރަސްކަލާނގެ (އަޒާބުގެ) އަމުރުފުޅު އައި ހިނދު، އެރަށުގެ މައްޗަށް އޮތް ފުށް ދަށަށް ޖެއްސެވީމެވެ. އަދި އަލިފާނުން ދޮންކުރައްވާފައިވާ، މަށީގެ ހިލައިން ތިމަން ރަސްކަލާނގެ އެރަށަށް ވާރޭ ވެއްސެވީމެވެ. ކަލޭގެފާނުގެ ވެރި ރަސްކަލާނގެ ހަޒްރަތުގައި ފާހަގަކުރައްވާފައިވާ ގޮތުގައެެވެ. އަދި އަނިޔާވެރިންނާ ދުރުގައިވާ ކަމެއް ކަމުގައި އެކަންތައް ނުވެތެވެ.”
ކީރިތި ގުރުއާނުގައި ބަޔާންކުރައްވާފައިވާ މިފަދަ ވާހަކަތަކުން އިބުރަތް ލިބިގަތުމަށް ނަސޭހަތްތެރިވަމެވެ.
ފާހިޝް އަމަލުތައް ހިންގުމަށް ހިއްވަރުދީ އުޅޭ މީހުންނާއި، އެކަންކަން މަނާ ކުރުމަށް މަސައްކަތް ނުކުރާ މީހުންގެ މައްޗަށް ﷲގެ ކޯފާ އައުމަކީ ދުރުގައިވާކަމެއް ނޫނެވެ.
މުސްލިމުންގެ ތެރޭގައި ފާހިޝް އަމަލުތައް ފަތުރަން ލޯބިކުރާ މީހުންނަށް ހުރި އަޒާބުގެ ވާހަކަ ބަޔާންކުރައްވައި މާތްﷲ ވަހީކުރައްވާފައިވެއެވެ. “ހަމަކަށަވަރުން، އީމާންވި މީހުންގެ ތެރޭގައި ހުތުރުކަންބޮޑު ފާފައިގެ ވާހަކައާއި، އަމަލު، ފެތުރިގެންދިޔުމަށް ލޯބިކުރާމީހުން (ދަންނާށެވެ!). ދުނިޔެ އާއި އާހިރަތުގައި ވޭންދެނިވި އަޒާބު އެމީހުންނަށް ހުށްޓެވެ. ﷲ ދެނެވޮޑިގެންވެތެވެ. އަދި ތިޔަބައިމީހުންނަކަށް ނޭނގެތެވެ.”
މާތްﷲގެ އަމުރުފުޅުތަކާ އެއްގޮތަށް އަމަލުތައް ބަހައްޓާނަމަ، މުޖުތަމައު އިސްލާހުވެ، ބަލިތަކާ ދުރުވެ، ސިއްހަތަށް ރައްކާތެރިކަން ލިބޭނެއެވެ. އެއާ ހިލާފަށް ނަހީ ކުރައްވާފައިވާ ކަންތައްތަކަށް އަރައިގަންނަ ނަމަ، ބަލިމަޑުކަމާއި، ނަމާންކަން ފެތުރޭނެއެވެ.
އިންސާނަކަށް ވީތީ އޭނަގެ ގައިގައި ލައްވާފައިވާ ޒަރޫރީ ބޭނުންތަކުގެ ތެރޭގައި ޖިންސީ ޣަރީޒާ ހިމެނޭއިރު، މިއީ، ސައްހަ ރައްކަތެރި ގޮތުގައި ޖިންސީ ޣަރީޒާ ހާސިލްކުރުމަށް ހަމަޖައްސަވާފައިވާ މަގެވެ.
މާތްﷲ ވަހީކުރައްވާފައިވެއެވެ. “ތިޔަަބައި މީހުންނަށްޓަކައި ހަމަ ތިޔަބައިމީހުންގެ ނަފްސުތަކުން އަނބިން ހެއްދެވިކަމީ އެކަލާނގެ ކުޅަދުންވަންތަކުގެ ހެކިތަކުގެ ތެެރެއިންވާ ކަމެކެވެ. އެއީ ތިޔަބައިމީހުން އެކަނބަލުންގެ ފަރާތުން ހަމަހިމޭންކަން ލިބިގަތުމަށްޓަކައެެވެ. އަދި އެކަލާނގެ ތިޔަބައި މީހުންގެ މެދުގައި ލޯތްބާއި އޯގަވެރިކަން ލެއްވިއެވެ. ހަމަކަށަވަރުން، ފިކުރު ހިންގާ ބަޔަކަށް އެކަމުގައި އެހިތައް ވާކަން ކަށަވަރެވެ” މިގޮތަށް މިކަން އަންގަވާފައި މިވަނީ މިއީ އިންސާނުންނަށް އެންމެ ލަބަހުރި ހެޔޮ ގޮތްކަމުގައި ވީމައެވެ.
މާތްﷲއާއި އެކަލާނގެ ރަސޫލާ މުހައްމަދު صلى الله عليه وسلم ދައްކަވާފައިވާ މަގަށް ތަބާވުމަށް ނަސޭހަތްތެރިވަމެވެ. ދުނިޔެއާއި އާހިރަތުގެ ބާއްޖަވެރިކަން ހާސިލްވާނީ އޭރުންނެއެވެ.
މައުލޫމާތު: 1 ޖުލައި 2022ގެ ހުކުރު ޚުތުބާ